ގެއިން ބޭރަށްލުމުން، އުމުރުން 3 އަހަރުގެ މިކުޑަ ކުއްޖާ ގެއްލިއްޖެ

ކިޔުމަށް ހޭދަވާނީ 1މ 38ސ
ގެއިން ބޭރަށްލުމުން، އުމުރުން 3 އަހަރުގެ މިކުޑަ ކުއްޖާ ގެއްލިއްޖެ
ޑެލާސް ގެ ސަބަރން އެއްގައި، އުމުރުން ތިން އަހަރުގެ ޝެރިން ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖަކު މިދިޔަ ހުކުރު ދުވަހުގެރޭ ގެއްލިއްޖެއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި، ޝެރިން ގެއްލުނީ، ކިރުތަށި ނުބޮއެގެން އަދަބެއްގެ ގޮތުން އޭނާގެ ބައްޕަ އޭނާ ގެއިން ބޭރަށްލުމުންނެވެ. ޝެރިންގެ ބައްޕަ އޭނާ ގާތު ބުނީ، އެމީހުންގެ ގޭގެ ފަހަތުގައި ހުރި ގަހެއްގެ ދަށުގައި، އެކަނިމާއެކަނި ހުރުމަށް ކަމަށް އޭނާގެ ބައްޕައާއި ހަވާލާދީ ޑެލާސް ގެ ފުލުހުން ބުނެފައިވެއެވެ.

ގަސްތުގައި ކުޑަކުއްޖަކު ނުރައްކަލެއްގެ ތެރެއަށް ވައްޓާލުމުގެ ކުށުގައި ފުލުހުންޝެރިންގެ ބައްޕަ، ވެސްލޭ މެތިއޫސް (37އ.) ހައްޔަރު ކުރިއެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. ނަމަވެސް މިހާރު އޭނާވަނީ ބެއިލް ލިބިގެން ދޫކޮށްލާފައެވެ.

"މެތިއޫސް ބަޔާން ދިން ގޮތުގައި، ކިރުތަށި ނުބޮއެގެން، އޭނާގެ ދަރިފުޅު ގާތު އޭނާ ބުނީ ގޭގެ ފަހަތުގައި ހުރި ގަހެއްގެ ދަށުގައި ހުރުމަށް. އެއިރު ދަންވަރު ތިނެއް ޖަހައިފި ކަމަށް އޭނާ ބުނި. ދަރިފުޅު ފޮނުވާލިތާ 15 މިނެޓުފަހުން މެތިއޫސް ގޮސް ބެލިއިރު، ޝެރިން އެތަނުގައި ނެތް ކަމަށް އޭނާ ބުނި" ޑެލާސްގެ ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.

ދަރިފުޅު ގެއްލިގެން ފަސް ގަޑީރު ވޭތުވުމުން މެތިއޫސް ވަނީ ފުލުހުންނަށް އެކަން ރިޕޯޓު ކޮށްފައެވެ. އަދި ފުލުހުންނަށް މަޢުލޫމާތު ދެމުން އޭނާ ބުނެފައިވަނީ، ދަރިފުޅު ގާތު މަޑުކުރަން ބުނި ސަރަޙައްދުގައި މިނިކާފުއްލާ އުޅޭތަން، މީގެ ކުރިން ފެނިފައިވާ ކަމަށެވެ.

ޝެރިން އަކީ އިންޑިއާ އަށް އުފަން ކުއްޖެކެވެ. މީޑިއާ ރިޕޯޓުތަކުން މައުލޫމާތު ލިބޭ ގޮތުގައި، މެތިއޫސް ގެ އާއިލާއިން ވަނީ ޝެރިން އެޑޮޕްޓް ކޮށްފައެވެ. އެމެރިކާއަށް ޝެރިން ގެންދިޔުމުގެ ކުރިން، އޭނާ ހުރީ ވަރަށް ބޮޑަށް ހިކިއަނަރޫފަވެފައި ކަމަށާއި އެހެންކަމުން ޚާއްސަ ގޮތަކަށް ޝެރިންގެ ކެއިން ބުއިން ބެހެއްޓުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ވެސް މެތިއޫސްއާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.


މިއަދު އޮންލައިން