ބޮލީވުޑްގައި މިހާތަނަށް އެންމެ ތަފާތު އަދި އެންމެ ގިނަ ކާމިޔާބު ފިލްމުތަކެއް އުފައްދާ، އެކްޓު ކުރި އެއް ސުޕަރސްޓާރަކީ އާމިރު ޚާން އޭ ބުނުން ދޮގަކަށް ނުވާނެއެވެ. އަމިރު ޚާން މަޝްހޫރުވެފައިވަނީ ހަމައެކަނި އިންޑިއާ ގައެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އޭނާއަށް ތަރުހީބުދޭފަރާތްތައް މަދެއް ނޫނެވެ.
އާމިރު ޚާން އެންމެ ފަހުން އުފައްދާ އެކްޓުކޮށްފައިވާ ފިލްމަކީ "ސީކްރެޓް ސުޕަރސްޓާ" އެވެ. މިފިލްމު ޕްރޮމޯޓު ކުރަން މިހާރު ވެސް އެކި ޤައުމުތަކަށް އޭނާ ދަނީ ޒިޔާރަތް ކުރަމުންނެވެ. އެގޮތުން އޭނާވަނީ ދާދި ފަހުން ތުރުކީ އަށް ވެސް ޒިޔާރަތްކޮށްފައެވެ.
ތުރުކީ ގެ ރީތިކަމާއި އެޤައުމުގެ މީހުންގެ ހިތްހެޔޮ ކަމުން އާމިރު ޚާން އާޝޯޚުވުމުގެ އިތުރުން، އެޤައުމުގެ ރައީސް ރިސެޕް ޠައްޔިބް އުރުދުޤާން އާއި ވެސް އޭނާވަނީ ބައްދަލު ކޮށްފައެވެ.
މިހިނގާ އޮކްޓޯބަރ މަހުގެ 8 ވަނަ ދުވަހު، ތުރުކީގެ ރައީސްއާއި ބައްދަލުކުރި މިޚަފްލާގައި، އެޤައުމުގެ ސަރުކާރުންވަނީ އާމިރު ޚާންއަށް ވަރަށް ރީތި މުސްޙަފެއް ހަދިޔާ ކޮށްފައެވެ.މީގެ ކުރިން އާމިރު ޚާން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން ވެސް އަދާ ކޮށްފައެވެ.