އިންޑިއާގެ ހައިދަރްއާބާދުގެ ބޭރުން، ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅުނު ރޮހިންޔާ މުސްލިމް ދެމަފިރިއަކަށް ހަތަރު މީހަކު ހަމަލާދީފިއެވެ.
މައުލާނާ ޒާހިދު ޙުސެއިން އާއި އޭނާގެ އަންހެނުން ޚާތިޖާ އަށް، ހަތަރު މީހުން ވެގެން ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 3:30 އާއި 4:00 ދެމެދުގެ ވަގުތެއްގައި ރޯޔަލް ކޮލޯނީ ގައެވެ.
ބާލާޕޫރް ޕޮލިސް ސްޓޭޝަން ގެ އިންސްޕެކްޓަރ އެސް ރެޑީ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިހަމަލާއަކީ ރޮހިންޔާ މުސްލިމުންނާއި އޮތް ޒާތީ ހަސަދަވެރި ކަމަކާއި ގުޅިގެން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.
"ޙުސެއިން މައުލޫމާތު ދެމުން ބުނީ އެދެމަފިރިން ދިރިއުޅޭ ގެގަނޑު ތެރެއަށް ހަތަރު މީހަކު ވަދެ ހުތުރު ބަހުން މުޚާތަބުކޮށް، ތޫނު އެއްޗަކުން ހަމަލާ ދިން ކަމަށް. އަދި އޭނާގެ އަނބިމީހާއަށް އެމަންޒަރު ފެނުމުން، އެމީހުން ހުއްޓުވަން އުޅުމުގެ ތެރޭގައި އަނބިމީހާއަށް ވެސް ވަނީ ހަމަލާދީފަ. އެދެމަފިރިންގެ މެއާއި ދަށްބަނޑަށް ހަމަލާ ދިނުމުގެ ސަބަބުން، ވަރަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވަނީ. ޙުސެއިން ބުނި ގޮތުގައި އޭނާއަށް އެހަމަލާ ދިން މީހުން ފާހަގަ ކުރަން އޭނާއަށް އެނގޭ. ޙުސެއިންގެ ހާލު ތަންކޮޅެއް ރަނގަޅުވުމުން އެކަން އިތުރަށް ތަހުގީގުކުރާނަން" އިންސްޕެކްޓަރ ރެޑީ ބުންޏެވެ.
ކޮންފެޑެރޭޝަން އޮފް ވޮލަންޓަރީ އެސޯސިއޭޝަންސް (ސީއޯވީއޭ) ގެ ރޮހިންޔާ ޕްރޮޖެކްޓްގެ ކޯޑިނޭޓަރ އަބްދުލް މުޝްތާޤް ވިދާޅުވީ، މިހަމަލާ ހިނގަން މެދުވެރިވި ސަބަބު އެފަރާތުންވެސް ހޯދާނެ ކަމަށާއި ޙުސެއިން އަކީ ރޮހިންޔާ ކޭމްޕުގައި ޓިއުޓަރ އެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ.
އެސަރަޙައްދުގައި 15 ކޭމްޕެއްގައި ގާތްގަނޑަކަށް 3000 އެއްހާ ރޮހިންޔާ މުސްލިމުން ދިރިއުޅެއެވެ. ޙުސެއިން އާއި އޭނާގެ އަންހެނުންނަށް ހަމަލާދޭން އެހަތަރު މީހުން ވަދެ، އަޑުގަދަ ކުރުމުން ކައިރި އަވަށްޓެރިންނަށް ހޭލެވުނު ކަމަށާއި، ނަމަވެސް ޙުސެއިންމެންގެ ގެގަނޑާއި ހަމައަށް ދެވުނުއިރު އެދެމަފިރިންނަށް ހަމަލާދީފައި އެމީހުން ފިލައިފި ކަމަށް އަވައްޓެރިން ވަނީ މަޢުލޫމާތު ދީފައެވެ.