ކެންސަރު ބަލި ޖެހޭނެ ކަމަށާއި ޢަޒުމާއިއެކު ބައްޔާއި ކުރިމަތިލާނަމަ ކާމިޔާބު ކުރެވޭނެ ކަމަށް އުރަމަތި ކެންސަރު ޖެހި ސަލާމަތްވެފައިވާ ރީހަމް ބުނެފިއެވެ.
ސައުދިއަރަބިޔާގައި މިމަހު ފާހަގަކުރި ކެންސަރު ހަފްތާގެ ތެރެއިން ވާހަކަދައްކަމުން ރީހަމް ބުނީ އަންހެނުންނަކީ ފަސޭހައިން ރޮވޭ ބައެއް ނަމަވެސް ކަމެއް ޖެހުނީމާ ހިތްވަރުގަދަ ފަހުލަވާނުންތަކެއް ކަމަށެވެ. ކެންސަރު ބަލި ފަދަ ބައްޔެއް ޖެހުމުން ވެސް އަޒުމާއިއެކު ކުރިމަތިލުމުން ކާމިޔާބުކުރެވޭނެ ކަމަށެވެ. މުހިންމީ މާޔޫސް ނުވުން ކަމަށެވެ.
އުމުރުން 33 އަހަރުގެ ޒުމްބާ އިންސްޓްރަކްޓަރުކަންވެސް ކުރާ ރީހަމް ބުނީ އެނާގެ އެއް އުރަމަތީގައި ގަނޑެއް އިންކަން ފާހަގަކުރެވުމުން ޑޮކްޓަރަށް ދެއްކީ ކަމަށެވެ. ޓެސްޓްތަކުން ކެންސަރު ޖެހިފައިވާކަން އެނގުމުން ހިތްދަތިވެ ރޮވުނު ކަމަށެވެ.
"އަހަރެން މަރުވާން އަދި މާ އަވަސް. ކުޑަ ދެ ދަރިންވެސް އެބަތިބި. ނުލާހިކު ލޯބިްވާ ފިރިއަކުވެސް އެބަހުރި. އަހަރެން ދުނިޔޭގައި ހުންނަން ބޭނުން."
ރީހަމް ބުނީ ކީމޯތެރަޕީ ދިނުމަށް 6 ގަޑިއިރު ނަގާ ކަމަށާއި އެއީ ވޭންހުރި ވަގުތުތަކެއް ކަމަށެވެ. މުޅި ހަށިގަނޑު ރޫޅޭހެންވެސް ހީވާކަމަށެވެ. ނަމަވެސް އާއިލާއިން ދޭ ހިތްވަރުން އެހުރިހާ ކަމެއް ހައްލުކުރެވުނު ކަމަށެވެ.
"އަހަރެންގެ އިސްތަށިގަނޑު ވަރަށް ދިގު. އެހައިމެ ބޮޑު. އިސްތަށިތައް ފައިބަން ފެށީމާ ކިހައި ދެރަވާނެ. ކުރި އަސަރުން ބޯބޭލިން. އެދުވަހަކީ ވެސް ވަރަށް ދެރަވި ދުވަހެއް."
ރީހަމް ބުނީ އޭނާއަށް ޖެހުނީ އެވަރުންވެސް އެއް އުރަމަތި ނަގަން ކަމަށެވެ. ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ބަލިން ސަލާމަތްވުމުން އޭނާ ހުރީ ހިތްހަމަޖެހިގެން ކަމަށެވެ. އޭނާގެ ބަލި ރަނގަޅުވީ އޭނާ ކުރި ހިތްވަރުން ކަމަށެވެ.