ޔަތީމުވުމުންވެސް ސަލާންނުޖަހާ މަސައްކަތަކަށް އެދުމުން ކިޔެވުމުގެ ފުރުޞަތު!

ކިޔުމަށް ހޭދަވާނީ 1މ 32ސ
ޔަތީމުވުމުންވެސް ސަލާންނުޖަހާ މަސައްކަތަކަށް އެދުމުން ކިޔެވުމުގެ ފުރުޞަތު!
މަންގޫ (އަސްލު ނަމެއްނޫން) އަކީ އިންޑިއާގެ ޢުމުރުން އެންމެ 5 އަހަރުގެ ކުއްޖެކެވެ. އަދި އޭނާގެ މަންމައާއި ބައްޕަ މަރުވެ ޔަތީމުވެފައިވާ ކުއްޖެކެވެ.

އެހެންކަމުން ބަނޑުފުރާނަމުއްތި ކުރުމަށްޓަކައި ކޮންމެވެސް ކަމެއް ކުރަން އޭނާއަށް މަޖުބޫރުވިއެވެ. އެހެންނަމަވެސް މަންގޫ ބޭނުންވީ ކޮންމެވެސް މަސައްކަތެއް ކުރާށެވެ. ގޮންޖެހުންތައް ބައިވަރެވެ.

މަސައްކަތްކުރާ ޢުމުރަށްވުރެ ހަގުވުމެވެ. އަދި އެފަދަ ޢުމުރުގެ ކުދިން މަސައްކަތުގައި ގެންގުޅެފިނަމަ، މަސައްކަތް ޙަވާލުކުރާ ފަރާތަކަށްވެސް އަންނަ އަދަބު ބޮޑުވީމައެވެ.

ކޮންމެއަކަސް ސަލާންޖަހައިގެން ކާނާއާއި އަންނައުނު ހޯދުމުގެ ބަދަލުގައި މަންގޫ މަސައްކަތެއް ލިބޭތޯ އެކި ފިހާރަތަކަށް، ތަފާތު އެކި މަސައްކަތްކުރާ މީހުން ގާތަށް ދިޔައެވެ. ކޮންމެ ތަނަކުންވެސް އަދި ކޮންމެ މީހަކުވެސް ވަނީ މަންގޫ ލައްވާ މަސައްކަތް ކުރުވުމަށް ނުވަތަ މަސައްކަތެއް ޙަވާލުކުރުމަށް ދެކޮޅު ހަދާފައެވެ. ކުރިން ބުނެފައިވާ ސަބަބުތަކަށްޓަކައެވެ.

މަންގޫއަށް ހަދާނެގޮތް ހުސްވިއެވެ. ނަމަވެސް ނަޞީބަކީ ކަތީބަކުދޭ އެއްޗެއް ނޫނެވެ. ﷲގެ މިންވަރު އައިސް އޭނާގެ އަތުގައި ހިފިއެވެ.

މަސްކޮށާ ވިއްކުމުގެ ވިޔަފާރިކުރާ މީހެއްގެ ގާތަށް ގޮސް، މަސައްކަތެއް ދޭތޯ އެދުނެވެ. އަދި ޙަވާލުކުރާ ކޮންމެ މަސައްކަތެއްވެސް ކުރާނެކަމުގެ ޔަޤީންކަން މަންގޫ ދިނެވެ.

މަސްކޮށާ ވިއްކާ ވިޔަފާރިކުރާ މީހާ މަންގޫ ގާތުން އެދުނީ ސްކޫލަށް ގޮސް، ކިޔަވައިގެން މަސައްކަތެއް ކުރުމަށެވެ. އަދި އެ ހުރިހާ ޚަރަދެއް އޭނާ ކޮށްދޭނެ ކަމަށް ބުންޏެވެ.

ނޯޓް: މިއީ ޔޫޓިއުބުގައި ޢާންމުކޮށްފައިވާ ކުރު ވީޑިއޯއެއްގެ މައްޗަށް އަޅުގަނޑުގެ މި ނިކަމެތި ޤަލަމުން ލިޔުނު ލިޔުން ކޮޅެކެވެ. ބޭނުމަކީ މި ރާއްޖޭގައިވެސް ގައިގަ ބާރުހުރި އެހެނަސް މަސައްކަތެއްނުކޮށް ސަލާން ޖަހައިގެން ކައިގެން، ބޮއެގެން އުޅޭ މީހުން ފެންނާތީއެވެ.



މިއަދު އޮންލައިން