ޤަތަރު ސަރުކާރުން އެޤައުމުގެ ޝާހީ އާއިލާގެ އެންމެ އިސް ބޭފުޅުންގެތެރޭގައި ހިމެނިވަޑައިގަންނަވާ ޝައިޚް ޢަބްދުﷲ އަލްޘާނީގެ ބޭންކް އެކައުންޓްތަކާއި އެސެޓްތައް ފްރީޒްކޮށްފިއެވެ. ސަބަބެއް ކަމަށް ބެލެވެނީ އަރަބި ޤައުމުތަކާއި ޤަތަރާއި ދެމެދު އުފެދިފައިވާ މައްސަލަތަކުގައި ޚިޔާލުތަފާތުވުމެވެ.
ޝައިޚް ޢަބްދުﷲ އަލްޘާނީ އަކީ އެޤައުމުގެ ކުރީގެ އަމީރު ޢަލީ ބިން ޢަބްދުﷲ އަލްޘާނީގެ ދެވަނަ ދަރިކަލުންނެވެ. ބޭރުގެ ގިނަ ފަރާތްތަކުންނާއި ޤަތަރުގެ ރައްޔިތުންވެސް ޤަބޫލުކުރަނީ ޝައިޚް ޢަބްދުﷲ އަކީ އެޤައުމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައެވެ.
ޤަތަރުގެ ހައްޖުވެރިންނަށް މިއަހަރު ހައްޖުވެވޭނެ މަގު ފަހިކޮށްދެއްވުމަށްވެސް ޝައިޚް ޢަބްދުﷲ ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.
ޝައިޚް ޢަބްދުﷲ ވިދާޅުވަމުން ގެންދަވަނީ އަރަބި ޤައުމުތަކާއިއެކު މަޝްވަރާކޮށްގެން ވީހައި އަވަހަކަށް މައްސަލަތައް ހައްލުކުރުން ޤަތަރަށް ވަރަށް މުހިންމު ކަމަށެވެ. މިގޮތުން ދެއްކެވި ބައެއް ވާހަކަފުޅުތަކާއި ގުޅިގެން ޤަތަރުން ބަލައިގެންފައިވަނީ އެއީ ޤަތަރުގެ ސަރުކާރަށް ފާޑުވިދާޅުވުން ކަމަށެވެ. އަދި އަރަބި ޤައުމުތަކަށް ތާއީދުކުރެއްވުން ކަމަށެވެ.