މަންމައަށް ސިއްރުން ގޭގޭގައި މަސައްކަތްކޮށްދީގެން މަންމަ ހައްޖަށް ފޮނުވަން ފައިސާ ދައްކައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
މަންމައަށް ސިއްރުން ގޭގޭގައި މަސައްކަތްކޮށްދީގެން މަންމަ ހައްޖަށް ފޮނުވަން ފައިސާ ދައްކައިފި
20 އަހަރުގެ ދިވެހި ޒުވާނަކު އޭނާގެ މަންމައަށް ސިއްރުން ގޭގޭގައި މަސައްކަތްކޮށްގެން ފައިސާ ޖަމާކޮށް އޭނާގެ މަންމަ ހައްޖަށް ފޮނުވަން ފައިސާ ދައްކައިފިއެވެ.

އޭނާއަކީ މާލޭގެ ޤަދަރުވެރި ޢާއިލާއަކަށް ނިޞްބަތްވާ ކުއްޖެކެވެ. ނަމަވެސް ޢާއިލީީ ކަންތައްތައް ހުރިގޮތުން އާއިލާ އުޅެމުން ގެންދަނީ ވަރަށް ނިކަމެތި ދިރިއުޅުމެކެވެ. އެހެންކަމާއިއެކުވެސް ޤަދަރު ގެއްލޭފަދަ މަސައްކަތެއް ކުރަން މަންމަ ބޭނުމެއް ނުވެއެވެ. މަންމަ ދެކޭ ގޮތުގައި ދަށުދަރަޖައިގެ މަސައްކަތްކުރުމަކީ ޢާއިލާގެ ޤަދަރަށް އުނިކަން ލިބޭނެ ކަމެކެވެ.

ޢާއިލާގައި ގަދަރުވެރި ވިޔަފާރިވެރިންވެސް އެބަތިއްބެވެ. ގެދޮރު ކުއްޔަށް ދީގެން ގިނަ އަދަދެއްގެ ފައިސާ ހޯދައިގެން ތަނަވަސްކަމުގައި އުޅޭ މީހުންވެސް އެބަތިއްބެވެ. އެމީހުންގެ އެހީތެރިކަން ނުލިބުނު ނަމަވެސް އެމީހުންގެ ޤަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ކުރަން ބޭނުންނުވާތީއެވެ.

އުމުރުން 18 އަހަރު ފުރުމާއިއެކު އޭނާ ގެންދަނީ އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކުރަމުންނެވެ. ލިބޭ ލާރިކޮޅު މަންމައަށް ދީފައި އޭނާ ބޭނުންކުރަނީ ވަރަށް މަދު މިންވަރެކެވެ.

މީގެ އަހަރެއްހައި ދުވަސްކުރިން އޭނާ އިތުރު މަސައްކަތެއް ކުރަން ފެށިއެވެ. އެއީ ގޭގެއަށް ގޮސް މަސައްކަތްކޮށްދޭ ގްރޫޕަކާއިއެކު ގޭގެއަށް ގޮސް ކުރަން ހުންނަ މަސައްކަތްތައް ކޮށްދިނުމެވެ. އެ މަސައްކަތަށް އޭނާ ހޭނުނުތަނާ ގްރޫޕު ވަނީ ރޫޅިފައެވެ.

ދެން އެ މަސައްކަތް ފެށީ އަމިއްލައަށެވެ. އެކަނި ނުވާވަރުގެ މަސައްކަތެއް ލިބިއްޖެނަމަ ދުވަހު ކުއްޔަށް މީހުން ހޯދައިގެން މަސައްކަތްކުރަނީއެވެ. އެގޮތަށް ކުރާ މަސައްކަތުން މަހަކު 10،000 ރުފިޔާވަރު އޭނާއަށް ލިބެއެވެ.

އޭނާ ބުނީ އެގޮތުން ލިބޭ ފައިސާގެ ބޭނުންވެސް އޭނާ ނުކުރާ ކަމަށެވެ. ހޮޓާ ހޮޓަލުން ސައިބުއިން ފަދަ ކަންކަން ވެސް ނުކުރާ ކަމަށެވެ. ދުންފަތުގެ އިސްތިއުމާލުވެސް ނުކުރާ ކަމަށެވެ. ލިބޭ ފައިސާ ގެންދިއައީ އެކައުންޓަށް ޖަމާކުރަމުން ކަމަށެވެ.

"އެކައުންޓުގަ 70،000 ރުފިޔާ ހަމަވީމާ މަންމަ ހައްޖަށް ފޮނުވަން ފައިސާ ދެއްކީ. އިރާދަކުރެއްވިއްޔާ އަންނަ އަހަރު ކުރީ ކޮޅު ބައްޕައަށްވެސް ފައިސާ ދައްކާނަން. ބައްޕަ ވަނީ އަހަރެމެން ވަރަށް ކުޑައިރު ނިޔާވެފަ. މަންމަ އެކަނިމާއެކަނި އަހަރެމެން ގެންގުޅެ ބޮޑުކުރީ. މަންމަ ވަރަށް ބުރަ މަސައްކަތްކޮށްގެން އަހަރެމެންނަށް ކިޔަވައިދިނީ. އެހެންވެ މަންމަ ހައްޖަށް ދިއުމަށް ފައިސާ މިދެއްކީ. މަންމަ ދުނިޔޭގައި އިނދެ ހައްޖު ވެވުމަކީ އަހަރެން އެންމެ އެދޭ ކަންތައް."

އޭނާ ބުނީ ކައިވެނި ކުރުމަށްފަހު ކުރަންޖެހޭ ޚަރަދުތައް އިތުރުވާނެ ކަމަށާއި މަންމަ އާއި ބައްޕަ ހައްޖަށް ފޮނުވުން ފަދަ ކަމެއް ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. "އަހަރެންގެ ވިސްނުމަކީ މިކަންތައް ފުރިހަމަކުރުމަށްފަހު ގޯތީގައި ކޮންމެވެސް ވަރެއްގެ އިމާރާތެއް އެޅުން. ކޮއްކޮމެންނަށްވެސް ދިރިއުޅެލެވޭނެ ގޮތެއް ހަދައިދިނުން. އެއަށްފަހު ކައިވެންޏަކާއިމެދު ވިސްނާނީ."

އަމިއްލަ ޢާއިލާ އާއި އަދި މައިންބަފައިންނާއިމެދު މިގޮތަށް ވިސްނާ ކުދިން ގިނަވާނެނަމަ މުޖުތަމައުގެ ގިނަ ކަންތައްތައް ދާނީ ރަނގަޅުވަމުންނެވެ. މަސައްކަތްކުރަން ކެރޭ ޒުވާނުން ދާނީ ގިނަވަމުންނެވެ.
މިއަދު އޮންލައިން