ސޮމާލިއާގައި ބޮންއަރުވާފައި ހުރި ޓްރަކެއް ގޮއްވާލުމުން 231 މީހުން މަރުވެ 275 މީހުން ޒަޚަމްވެއްޖެއެވެ. ރިޕޯޓްތައް ބުނާގޮތުން މިއީ ސޯމާލިއާގެ ތާރީޚުގައިވެސް އެއް ހަމަލާއަކުން އެންމެ ބޮޑު ގެއްލުންދީ އެންމެ ގިނަ މީހުން މަރާފައިވާ މިފަދަ ހާދިސާއެވެ.
އެއްފަހަރާ މިހައި ގިނަ ބައަކަށް ފަރުވާ ދޭންޖެހުމުން ހޮސްޕިޓަލުތަކަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ. އެކުގައި ފިހިފައިވާ މީހުންގެ ތެރެއިން ގިނަ ބައަކި ކާކުކަން ދެނެގަތުމަށްވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ.
ހަމަލާގެ ބާރުގަދަކަމުން މީހުންގެ ދެފައާއި އަތް ފަދަ ތަންތަން ވަނީ ވަކިވެ އަލުން ގުޅުވޭނެ ގޮތް ނެތިފައެވެ. ބައެއް މީހުންގެ އަތް ފައި ފެންނަންވެސް ނެތެވެ.
ސޯމާލިއާ ދާޚިލީ ހަމަލާތައް ގިނަވެ ބާރުހުރި ވެރިކަމެއްވެސް ނެތް ޤައުމެކެވެ. ވެރިކަމުގެ އެއްވެސް ބާރެއް ނުހިނގާއިރު މިހާރުވެސް ޤައުމުގެ ކަންކަން ކޮންޓްރޯލުކުރަމުން ގެންދަނީ ގޭންގުތަކުންނެވެ.