ފުރާނައަށް ނުރައްކާތެރިވާނެ އަދި އެހާމެ ބާރުގަދަ "ތޫފާން އޮފީލިއާ" ޔުނައިޓެޑް ކިންގްޑަމް(ޔޫ.ކޭ) އާއި ދިމާލަށް ދަތުރުކުރާކަމުގެ އިންޒާރު އެޤައުމުގެ މެޓް އޮފީހުން ދީފިއެވެ. މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިތޫފާނުގެ އަސަރުގެ ސަބަބުން ބްރިޓިޝް ގެ އައިލްސްއަށް މިހާރުވެސް ގަޑިއަކު 80 މޭލު ބާރު މިނުގައި ދަނީ ވައިޖެހެމުންނެވެ.
މިއިންޒާރާއި ގުޅިގެން އަޔަރލެންޑް އާއި ސްކޮޓްލޭންޑުން މިހާރުވެސް ދަނީ، ތޫފާން އޮފީލިއާ އިން ރައްކާތެރިވުމަށް ސަލާމަތީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ދަ ރިޕަބްލިކް އޮފް އަޔަރލޭންޑުން ވަނީ ރަތް އެލާރޓް ނެރި، އެޤައުމުގެ އަސްކަރިއްޔާ ވެސް ސަލާމަތީ ހަރަކާތްތަކަށް ނެރިފައެވެ.
އަޔަރލޭންޑުގައި ހުންނަ ބީބީސީ ގެ ކޮރެސްޕޮޑެންޓް ކްރިސް ޕޭޖް ބުނެފައިވަނީ، މިތޫފާން ވެގެންދާނީ ބައިޤަރުނައިގެ ތެރޭގައި އަޔަރލޭންޑަށް ކުރިމަތިވި އެންމެ ނުރައްކާތެރި ތޫފާން ކަމުގައެވެ. އެޤައުމުގެ މެޓް އޮފީހުން ބުނެފައިވަނީ، ދެކުނު އަޔަރލޭންޑަށް މިހާރު ވެސް ގަޑިއަކު 92 މޭލު ބާރު މިނުގައި ވައިޖެހޭ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޔޫ.ކޭ އާއި ދިމާލަށް ތޫފާން އޮފީލިއާ މިސްރާބު ޖަހާފައި އެވަނީ އެޓްލާންޓިކް ކަނޑުގެ އަޒޯސް އިން ފެށިގެންނެވެ. މިތޫފާނަކީ 1987 ވަނަ އަހަރު ކުރިމަތިވި ބޮޑު ތޫފާނަށްފަހު، އެޤައުމަށް ކުރިމަތިވާ އެންމެ ބޮޑު ތޫފާނެވެ.
މީގެ އިތުރުން އަޔަރލޭންޑުގެ މެޓް އޮފީހުން ބުނެފައިވަނީ، މިތޫފާނުގެ އަސަރުގެ ސަބަބުން، އުތުރު އަޔަރލޭންޑުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑޭނެ ކަމަށާއި ވަޔާ ގައުކޮޅުކޮޅު ވެސް ބުރައިގެން ދިޔުން އެކަށީގެންވާ ކަމަށެވެ. އަދި މީގެއިތުރުން ކަނޑުގެ ދިޔަވަރު ބޮޑުވެ، ކަނޑުގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ އިންޒާރު ދީފައެވެ.