މުސްލިމަކާއި ކައިވެނި ކުރީ ތެދުމަގު ލިބިގެން، ނަމަވެސް ބައްޕައާއި ހައިކޯޓު އެދެމެދަށް ވަދެ ދެމަފިރިން ދުރުކޮށްފި

ކިޔުމަށް ހޭދަވާނީ 3މ 16ސ
މުސްލިމަކާއި ކައިވެނި ކުރީ ތެދުމަގު ލިބިގެން، ނަމަވެސް ބައްޕައާއި ހައިކޯޓު އެދެމެދަށް ވަދެ ދެމަފިރިން ދުރުކޮށްފި
އިންޑިއާ ގެ ކެރާލާއަށް ނިސްބަތްވާ ހާދިޔާ ޖަހާން (ހިންދޫ އެއްގެ ގޮތުގައި ހުރި އިރު، އާޚިލާ އަސޯކަން) އިސްލާމްދީން ޤަބޫލުކޮށް މުސްލިމަކަށްވީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެއިރު އޭނާގެ އުުމުރުން 23 އަހަރެވެ.

ހާދިޔާ އެއިރު ހުރީ ޓަމިލް ނާޑޫގައި ކިޔަވަންށެވެ. އޭނާގެ މައިންބަފައިން ދިރިއުޅެމުން ދިޔައީ ކެރާލާ ގައެވެ. ކިޔަވަން ދިޔުމަށްފަހު ހާދިޔާގެ ޚަބަރެއް ނުވުމުން އޭނާގެ ބައްޕަ ކޭ.އެމް. އަސޯކަން ވަނީ އެކަން ރިޕޯޓު ކޮށްފައެވެ.

ހާދިޔާ އިސްލާމް ދީން ޤަބޫލު ކޮށްފިކަން އެނގުނީ އޭގެ ދުވަސްތަކެއް ފަހުންނެވެ. އެކަން އެނގުމުން، ހާދިޔާ މުސްލިމަކަށްވީ މަޖުބޫރުން ކަމަށާއި އެއީ އޭނާ އަމިއްލަ އިޚްތިޔާރުން ކުރި ކަމެއް ނޫން ކަމަށް ބުނެ އޭނާގެ ބައްޕަވަނީ ކެރާލާ ހައިކޯޓުގައި މައްސަލަ ޖައްސާފައެވެ.

ނަމަވެސް އެޝަރީޢަތުގައި ހާދިޔާ ބުނެފައިވަނީ އޭނާ އިސްލާމްދީން ޤަބޫލު ކުރީ އަމިއްލަ އިޚްތިޔާރުން ކަމަށާއި އިސްލާމްދީނަށް އޭނާގެ ހިތްޖެހުނީ އޭނާއާއި އެކު ކިޔަވަން އެއްގެއެއްގައި އުޅޭ މުސްލިމު ދެ އަންހެން ކުދިން ނަމާދު ކުރާތަން ފެނުމުންނާއި އިސްލާމީ ރިވެތި އުސޫލުތަކުގެ މަތިން އުޅޭތަން ފެނުމުން ޝައުޤުވެރިކަން އުފެދި، އިސްލާމްދީނަކީ ޙައްޤުވެގެންވާ ދީންކަން އޭނާއަށް ޤަބޫލު ކުރެވުމުން ކަމަށެވެ. ހާދިޔާގެ ބަޔާނާއިއެކު އެފަހަރު ޝަރީޢަތް ނިމުނީ، ހާދިޔާ އިސްލާމްވީ ގަދަކަމުންނޫން ކަމަށާއި އަމިއްލަ މިނިވަންކަން އިޚްތިޔާރު ކުރުމުގެ ޙައްޤު ހާދިޔާއަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް 2016 ވަނަ އަހަރުގެ އޯގަސްޓް މަހު، މުސްލިމެއް ކަމުގައިވާ ޝާފިން ޖަހާން އާއި ހާދިޔާ ކައިވެނި ކުރުމުން، އަނެއްކާވެސް އޭނާގެ ބައްޕަ ހައިކޯޓަށް މައްސަލަ ޖެއްސިއެވެ. އޭނާ ބުނިގޮތުގައި ހާދިޔާ މުސްލިމަކަށްވީ ހާދިޔާއާއި އެއްގެއެއްގައި އުޅުނު މުސްލިމް ދެއަންހެން ކުދިންގެ ސަބަބުންނެވެ. އަދި އެމީހުން އުޅެނީ ހާދިޔާ ސީރިއާ އަށް ހަނގުރާމައަށް ގެންދަން ކަމަށް ވެސް އަސޯކަން ބުންޏެވެ. މީގެ އިތުރުން، ޝާފިން ހާދިޔާ އާއި ކައިވެނި ކުރީ ޖިންސީ ގޮތުން ހާދިޔާ އާއި ކައިރި ވެގެން ކަމަށާއި އެކަންކުރީ ހާދިޔާގެ "ބޮލަށް އެރިގެން" ކަމަށް ވެސް އޭނާގެ ބައްޕަ ބުންޏެވެ.

ހާދިޔާ އާއި ޝާފިން އެންމެ ފުރަތަމަ ބައްދަލުވެފައި ވަނީ "މެޓްރިމޯނިއަލް ސައިޓަކުން" ކަމަށްވާތީއާއި އައި.އެސް އާއި ގުޅެން ސީރިއާ އަށް ހާދިޔާ ދާން އުޅޭ ކަމުގެ މައުލޫމާތު އޭނާގެ ބައްޕަ ދިނުމުން، ކެރާލާ ހައިކޯޓުން ވަނީ ހާދިޔާގެ ފިރިމީހާއާއި އޭނާ ދުރުކޮށް، ހާދިޔާގެ ކަސްޓަޑީ އޭނާގެ ބައްޕަ އަސޯކަން އާއި ހަވާލުކޮށް ހުކުމް ކޮށްފައެވެ. ހައިކޯޓުގެ އެނިންމުމާއިމެދު ޝާފިންގެ ވަކީލު ދުޝްޔަންތު ދޭވް ބުނީ "ޝަރުޢީ ގޮތުން ބޮޑުވެފައި ތިބި ދެމީހުންގެ ކައިވެންޏާއި މެދު ކޯޓުން އެފަދަ ނިންމުމެއް ނިންމާ، ދެމަފިރިން ދުރުކޮށްލުމަކީ، ހައިކޯޓުން ކުރި ވަރަށް ހަމަނުޖެހޭ ކަމެއް" ކަމަށެވެ.

ހާދިޔާގެ ފިރިމީހާ ޝާފިން ވަނީ މިހާރު މިމައްސަލަ ކެރާލާގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ހައިކޯޓުން ކުރިން ކުރި ހުކުމާއިމެދު ސުޕްރީމް ކޯޓުގެ ވަކީލެއް ކަމުގައިވާ ކަރޫނާ ނުންޑީ ބުނެފައިވަނީ އެއީ އެއްވެސް ހަމައެއް އޮތް ޙުކުމެއް ނޫން ކަމަށާއި ކޯޓުން އެއްވެސް ބައެއްގެ ކައިވެނި އެގޮތަށް ރޫޅާ ނުލެވޭނެ ކަމަށެވެ.

"އައި،އެސް އަށް ދިޔަ ނުދީ ކޯޓަށް ހިފެހެއްޓިދާނެ. އެކަމަކު އެއަންހެން މީހާގެ މައްޗަށް އޮތް ކަމެއް އެއީ ކައިވެނި ކޮށްގެން ހުންނަން ބޭނުންވުން ނުވަތަ ރޫޅާލުން. ބޮޑެތި ކްރިމިނަލުންނަށް ވެސް ދީފަ އޮންނަ ޙައްޤެއް ކައިވެނި ކޮށްގެން ހުރުމަކީ" ނުންޑީ ބުންޏެވެ.

ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން، މިމައްސަލާގައި އެއްވެސް މީހަކަށް އެއްވެސް މަޖުބޫރު ކުރުވުމެއްވޭތޯ އާއި އައި.އެސް އާއި ގުޅެން އުޅުމުގެ އެއްވެސް ޚިޔާލެއް އެދެމަފިރިން ކޮށްފައިވޭތޯ ބެލުމަށް، އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޓިވް އޭޖެންސީ (އެން.އައި.އޭ) އިން ދަނީ ހާދިޔާ އާއި ޝާފިން ގެ ކައިވެނި ތަހުގީގު ކުރަމުންނެވެ.
މިއަދު އޮންލައިން