މިއީ ރާއްޖޭގެ ރަށެއްގައި އަންހެނަކަށް ދިމާވި ޙަގީގީ ހާދިސާއެކެވެ. ނަން ހާމަ ކުރަން ބޭނުން ނުވާ އެއަންހެން މީހާއަކީ ބަރުދަން މާބޮޑަށް އިތުރުވެފައިވާ މީހަކަށްވުމުން، އެންމެ ކުޑައިރުން ފެށިގެން އޭނާގެ އުމުރުން 25 އަހަރާއި ޖެހެން ދެން ވެސް ވަރަށް ގިނަ މީހުން އޭނާއާއި ދިމާ ކުރިއެވެ.
"ހަނދާންވާ ގޮތުގައި އެއިރު އަހަރެންގެ އުމުރުން ވާނީ ނުވަ އަހަރެވެ. ފަލަވާން ފެށީ އެއަހަރު ހަމަ ކުއްލިއަކަށް ހުރެފައެވެ. އެއީ މާބޮޑު ކަމަކަށް އަހަރެން ނުހަދަމެވެ. އަހަރެންގެ ބަރުދަނާ ހަށިގަނޑު ހުންނަ ގޮތާ މެދު އާއިލާ މީހުންވެސް ދިމާ ކުރަން ފެށިއެވެ. އަހަންނަށް ކޮންމެ އެއްޗެއްވެސް ކިތަންމެ ގިނައިން ކެވިދާނެއޭ ވެސް ބުންޏެވެ. އަދި ބައެއް ފަހަރު އެމީހުންނަށް ނުކެވި ބާކީވެފައި ހުންނަ ކާއެއްޗެހިވެސް އަހަންނަށް ދެއެވެ. ހީގަނެފައި އެމީހުން ބުނަނީ އަހަންނަކީ އެމީހުންގެ 'ޑަސްބިން' ކަމަށެވެ. އެހެން ކިޔުމުން އަހަރެން ދެރަވި ކަމުގައި ވިޔަސް، އެއީ އާއިލާ މީހުންނޭ،އެހެންކަމުން އެމީހުން އެއްޗެއް ކިޔަސް ކިޔާނީ މަޖަލަކަށޭ، އަހަންނަށް ދެރައެއް ދޭކަށް ނުބުނާނެއޭ ހިތައް އެރިއެވެ.
ނަމަވެސް އަހަންނަށް ހީވީ ނުބައިކޮށެވެ. އެމީހުން އަހަންނާއި ދިމާ ކުރީ މަޖަލަކަށް ނޫނެވެ. އަދި އަހަރެން ހުރި ގޮތާއި ހެދި އެމީހުން އަހަރެން ދެކެ ލޯތްބެއް ވެސް ނުވިއެވެ. އެކަން އަހަންނަށް އެނގުނީ އަހަރެންގެ އުމުރުން 11 އަހަރުގައި، އަހަރެންގެ ދައްތަގެ ކައިވެނީގައެވެ. ދައްތަގެ ކައިވެނި ޕާޓީ ބާއްވަން ގަސްދުކުރީ ރެސްޓޯރެންޓެއްގައެވެ. އަހަރެން ވަރަށް އުފާވިއެވެ. ނަމަވެސް ކައިވެނި ޕާޓީ އޮތް ރޭ އަހަންނަށް އިވުނީ މަންމަ ގާތު ދައްތަ ބުނާ އަަޑެވެ.
'ހެޔޮ އޭނަ ބަހައްޓައިގެން ނުވާނެ ޕާޓީގަ. ޕާޓީ ފެށުނީމަ މަންމަ އަވަހަށް އޭނާ ގޮވައިގެން ގެއަށް އަންނާތި. އެހެން ނޫނީ ޕާޓީގަ ހުރެގެން އެވަރަށް ކާތަން ފެނުނީމަ މީހުން އަހަންނަށް މަލާމަތް ކުރާނެ. މިހާރުވެސް މަގޭ ރައްޓެހިން ކިޔާ ހާދަ ފަލަ ކޮއްކޮ އެކޭ މަގޭ ހުރީ، މަށަކާ ވައްތަރެއް ވެސް ނޫނޭ.'
އެބަސްތައް އިވުމުން އަހަރެން ވަރަށް ދެރަވިއެވެ. މަންމަ އަހަރެން ކިތަންމެ ވަރަކަށް އެރޭ ގެންދަން ބޭނުންވި ކަމުގައި ވިޔަސް، އަހަރެންގެ ބޮލުގައި ވަރަށް ބޮޑަށް ރިއްސާ ކަމަށް ބުނެ އަހަރެން ގޭގައި މަޑު ކުރީމެވެ. ދައްތަ އެހެން ކީއަޑު އިވުން ވާހަކަވެސް އަހަރެން ބުނީމެވެ. އެއީ އަހަރެން ވަރަށް ރުއި ރެއެކެވެ.
އޭގެ ފަހުން ކެއިން ބުއިމަށް ވަރަށް ބަލައިގެން އުޅެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ކަސްރަތު ކުރަން ވެސް މަސައްކަތް ކުރީމެވެ. އެކަމަކު އެކަމަށް އެވަރަށް ހިތްވަރުދޭނެ މީހަކު ނުވުމުން އެއިން އެއްވެސް ކަމެއް އަހަންނަށް ނުވެ އިތުރަށް ފަލަވީއެވެ.
ސްކޫލު ކުދިންނާއި ބައެއް ޓީޗަރުން ވެސް އަހަރެން ތަފާތު ކުރާކަން އަހަންނަށް ފާހަގަވިއެވެ. ކްލާސް ކުދިން ކުރާ ގިނަ ކަންތައްތަކުގައި އަހަރެން ބައިވެރި ނުކުރެއެވެ. އަހަންނާއި ވާހަކަ ދައްކާނެ ކުއްޖެއް ވެސް ގިނަ ފަހަރަށް ނުވެއެވެ. އެހެންކަމުން އަހަރެން ވަރަށް އެކަނިވެރިވިއެވެ. ނަމަވެސް އަހަރެން އަޒުމް ކަނޑައެޅީ ރަނގަޅަށް ކިޔަވާށެވެ.
އެދެވިގެންވާ ރަނގަޅު ނަތީޖާއަކާއިއެކު އަހަރެން އޯލެވެލް އާއި އޭލެވެލް ވެސް ނިންމީމެވެ. އެއިރުވެސް އަހަންނަކީ ގާތް އެކުވެރިއެއް ހުންނަ މީހެއް ނޫނެވެ. ކުލާސްކުދިން އަހަންނާއި ހަމައެކަނި ވާހަކަ ދައްކަނީ ކަމަކު ބޭނުންވީމައެވެ. ސްކޫލް ނިމިގެން އޮފީހަކަށް ވަނުމުން އެމީހުން ވެސް އަހަރެން ބެހެއްޓީ ބާކީ ކޮށްލާފައެވެ. އޮފީހުގައި އުޅުނު ތަންކޮޅެއް މުއްސަނދި ލޫޅާފަތި އަންހެން ކުއްޖަކާއި ޖެހުނު ކުޑަ ދެބަސްވުމެއްގައި، އަހަންނާއި ދިމާލަށް އޭނާ 'ފެޓްސޯ' އޭ ކިޔާ، އަހަންނާއި އިންނާނެ މީހެއް ވެސް ނުވާނޭ ބުނެ އެންމެން ތެރޭގައި އަހަރެން ރޮއްވާލިއެވެ. އޭގެ އަނެއް ދުވަހު އަހަރެން އެވަޒީފާއިން ކެނޑުނީމެވެ.
އަހަރެންގެ ދިރިއުޅުން ބަދަލު ކޮށްލީ، ދެވުނު ވަޒީފާއަކުންނެވެ. އެއޮފީހުގެ ބޮޑުމީހާއާއި އެންމެން ވެސް އަހަންނަށް ވަރަށް ރަނގަޅެވެ. އެކަކު އަނެކަކު ތަފާތު ކުރުމެއް ވެސް ނުގެންގުޅެއެވެ. އެއޮފީހުގައި އުޅޭތާ އަހަރެއްވީ ފަހުން އަހަންނަށް މަޤާމުގައި ކުރިއެރުންދީ، މުސާރަވެސް ބޮޑު ކޮށްދިނެވެ. އަހަރެންގެ އަތްމަތި ތަނަވަސްވިއެވެ. އަމިއްލަ ސައިކަލެއް ވެސް ގަނެވޭ ވަރުވިއެވެ. އަދި މީހުންގެ ތެރޭގައިވެސް އަހަންނަކީ 'ފޯރާ' މީހެއްގެ ގޮތުގައި މަޝްހޫރުވާން ފެށިއެވެ.
އެކަން އަހަރެންގެ ދައްތައަށް ވެސް އެނގުނެވެ. އަހަންނާއިއެކު ފޮޓޯ ނަގާފައި އޭނާގެ އެފްބީ އަށް ވެސް ލާން ފެށިއެވެ. ކޮންމެ ފޮޓޯ އެއްގައިހެން 'ޕްރައުޑް ޓު ކޯލް ޔޫ މައި ސިސްޓަރ' ޖަހައެވެ. އެހެން ޖެހުމުން އަހަރެން ހަނދާންވަނީ ދައްތަގެ ކައިވެނި ޕާޓީ އޮތް ރޭ، އަހަންނާއިމެދު ދައްތަ 'ޕްރައުޑް' ނުވިކަމެވެ. އަދި އަދަށްވެސް ދައްތަ އެކަމަށް އަހަރެން ގާތު މާފަށް ވެސް ނޭދެއެވެ.
ދައްތަގެ އިތުރުން، އަހަރެންގެ ކުރީގެ ބައެއް ކްލާސް ކުދިން ވެސް އެފްބީ އިން އަހަރެން އެޑް ކޮށްގެން އަހަންނާއި ވާހަކަ ދައްކައެވެ. އަދި ދިމާވާން ވެސް ބުނެއެވެ. އެކަކާވެސް އަހަރެން އެހާ ބޮޑަށް ވާހަކައެއް ނުދައްކަމެވެ. ބަދަލު ހިފުމުގެ ގޮތުންނެއް ނޫނެވެ. އެއީ އަދިވެސް އެމީހުން އަހަންނާއި ގާތްވާން އުޅެނީ، އަހަރެން ހުރިގޮތް ޤަބޫލު ކޮށްގެން ނޫންކަން އަހަންނަށް އެނގޭތީއާއި އެމީހުން ހަމައެކަނި ބޭނުންވަނީ އަހަރެންގެ ބޭނުންހިފަންކަން އަހަންނަށް އެނގޭތީއެވެ. މިއަދު ގާތްވެފައި، މާދަން އަހަރެން ފަޤީރުވެ ނިކަމައްޗަކަށް ވުމުން އަނެއްކާވެސް އެމީހުން އަހަރެން އެކަނި ކޮށްލާނެއެވެ. ނިކަމެތި ހާލުގައި އަހަރެން ބަލައިގަތް މީހުންނާއި ރަޙުމަތްތެރިކަން ދެމެހެއްޓުން އެއަށްވުރެ މާރަނގަޅު ވާނެއެވެ."