ދިވެހި ފިލްމު އިންޑަސްޓްރީގައި، އެންމެ ގިނަ ދުވަހު ހަރަކާތްތެރިވެފައިވާ އެއް ފަރާތަކީ ކުޅަދާނަ ބަޠަލާ ނިއުމާ މުޙައްމަދު އެވެ.
ފިލްމީ ދާއިރާއަށް ނުހަނު ޒުވާން އުމުރުގައި ތަޢާރަފްވި ނިއުމާ ވަނީ، އޭނާގެ ހުރިހާ ފިލްމަކާއި ޑްރާމާއަކުން ވެސް ބެލުންތެރިންނަށް ވަރަށް ކަމުދާފަދަ އެކްޓެއް ދައްކައިދީފައެވެ.
ޠަބީޢަތުގައި އެކުވެރި އެންމެންނާއި ވެސް ގުޅޭ މިޒާޖެއް ހުންނަ ނިއުމާއަށް މިމަހުގެ 20 ވަނަ ދުވަސް ވެގެން ދާނީ ވަރަށް ވެސް ޚާއްސަ ދުވަހަކަށެވެ. އެދުވަސް ނިއުމާ އަށް ޚާއްސަވާ ދެސަބަބެއް ވެއެވެ. އެއްކަމަކީ އެދުވަހަކީ ނިއުމާ ގެ އުފަން ދުވަސް ކަމަށް ވުމެވެ. އަނެއްކަމަކީ މިހާރު ގިނަބަޔަކު އެރެއަކަށް އިންޔާޒު ކުރަމުންދާ، ނިއުމާގެ ވީސީޑީ "ސެލެބްރޭޓިންގ 20" އެރޭ ރިލީޒް ކުރުމަށް ނިންމާފައި ވުމެވެ.
ކާމިޔާބު އެތަކެއް ފިލްމުތަކަކާއި ޑްރާމާތަކެއް ކުޅެ ގިނަ އެވާޑްތަކެއް ހާސިލްކޮށްފައިވާ ނިއުމާ މުޙައްމަދު، ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ތައްޔާރު ކުރަން ނިންމި މިވީސީޑީ އެންމެ ފުރަތަމަ ރިލީޒް ކުރަން ހަމަޖެހުނީ 2014 ވަނަ އަހަރުއެވެ. ނިއުމާ ފިލްމީ ދާއިރާއަށް ތަޢާރަފްވީ 1994 ވަނަ އަހަރުގައެވެ. ނަމަވެސް އެއިރު މިވީސީޑީގައި މަސައްކަތް ކުރާ ގިނަ ބަޔަކު އެކި ކަންކަމުގައި ބިޒީ ވުމާއި ފައިނޭންޝަލް ދަތިތަކަކާއި ކުރިމަތިވުމުން، ވީސީޑީ ރިލީޒްކުރުން މަޑުޖައްސާލިއެވެ.
ބޯނަސް ލަވައަކާއިއެކު ޖުމްލަ ނުވަ ލަވަ ހިމެނޭ މިވީސީޑީގައި ނިއުމާގެ އަމިއްލަ އަޑުން ކިޔާފައިވާ ދެ ލަވަ ވެސް ހިމެނެއެވެ.
"ސެލެބްރޭޓިންގ 20" ގެ ވާހަކަ ހަމައެކަނި ވީސީޑީ ރިލީޒް ކުރުމަކުން ނުނިމެއެވެ. މިހިނގާ އޮކްޓޯބަރުމަހު ދަރުބާރުގޭގައި ބާއްވާ މިޚާއްސަ ޚަފްލާގައި ހަދިޔާތަކަކާއިއެކު ތިން ސަޕްރައިޒެއް ދިނުން ވެސް އޮންނާނެ ކަމަށް ބަޠަލާ އަދި ޕްރޮޑިއުސަރ ނިއުމާ ބުނެފައިވެއެވެ.
"ސެލެބްރޭޓިންގ 20" ގެ ޚާއްސަ ޚަފްލާ ބޭއްވުމުގެ މަޤްސަދަކީ ކޮބައިކަން ވެސް އެނގޭނީ ހަމަ އެރޭ ކަމަށާއި އެއީ ވެސް ސަޕްރައިޒެއް ކަމަށް ނިއުމާ ވަނީ ބުނެފައެވެ.
ނިއުމާއަކީ އޭނާ ކުރާ ކޮންމެ މަސައްކަތެއްގައި ވެސް ވަރަށް ފުރިހަމަކަން ދައްކުވާ ދީފައިވާ ބަޠަލާއަކަށ ްވުމާއިއެކު އޭނާ އިންތިޒާމު ކުރާ މިފަދަ ޚަފްލާއެއް ވެސް ވަރަށް ފުރިހަމަ ވާނެ ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ.