ރޭޕްކޮށްގެން މާބަނޑުވި އަންހެން ކުއްޖެއްގެ އާއިލާއާއިމެދު އިންޑިއާ އަވަށަކުން އިހާނެތިކޮށް ކަންތައް ކުރަން ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 40ސ
ރޭޕްކޮށްގެން މާބަނޑުވި އަންހެން ކުއްޖެއްގެ އާއިލާއާއިމެދު އިންޑިއާ އަވަށަކުން އިހާނެތިކޮށް ކަންތައް ކުރަން ފަށައިފި
އިންޑިއާގެ އޮދީޝާ އަވަށުގައި ދިރިއުޅޭ އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު، ރޭޕްކޮށްގެން މާބަނޑުވުމުން އެކުއްޖާގެ އާއިލާއަށް އެއަވަށު މީހުން އިހާނެތި ގޮތްގޮތް ހަދަން ފަށައިފިއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި އެކުއްޖާ ރޭޕްކުރީ އޭނާ ކިޔަވަމުން ދިޔަ ސްކޫލުގެ ޓީޗަރެކެވެ. އަދި އެކަމުގައި އެޓީޗަރަށް ސްކޫލްގެ މެޓްރޮން ވެސް އެހީތެރިވެދިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޓީޗަރާއި ދެކޮޅަށް އެކުއްޖާގެ ބައްޕަވަނީ މައްސަލަ ހުށަހަޅާފައެވެ. އަންހެންކުއްޖާގެ ބަނޑަށް މިހާރު ފަސްމަސް ފުރިފައިވީ ނަމަވެސް ޑޮކްޓަރުން ލަފާ ދީފައިވަނީ އެބޯޝަން ހެދުމަށެވެ. އޮދީޝާ އަވަށުގައި މައްސަލަ ބޮޑުވެފައިވަނީ އެބޯޝަން ހެދުމަށް އެއާއިލާއިން ދެކޮޅު ހެދުމުންނެވެ.

އާއިލާއިން ބުނިގޮތުގައި ބަނޑަށް ފަސް މަހުގައި އެބޯޝަން ހެދުމުން އެކުއްޖާއަށް ލިބިދާނެ ގެއްލުމަކާއިމެދު އެމީހުން ކަންބޮޑުވެއެވެ. ނަމަވެސް އެބޯޝަން ނުހެދުމުގެ ސަބަބުން އެއަވަށު މީހުން ބުނެފައިވަނީ ކައިވެނި ކުރުމުގެ ކުރިން އަންހެން ކުއްޖާ ބަލިވެ އިނުމަކީ "ހުތުރު" ކަމެއް ކަމަށާއި އެފަދަ "ނުޠާޙިރު" އާއިލާއަކަށް އެއަވަށުގައި އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އޮދީޝާ އަވަށުން ވަނީ އެކުއްޖާގެ އާއިލާއަށް ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

އެގޮތުން އެއަވަށުގެ އެއްވެސް ފިހާރައަކުން އަންހެން ކުއްޖާގެ އާއިލާއަށް އެއްވެސް އެއްޗެއް ނުވިއްކުމާއި އެއަވަށުން އެއްވެސް ވަޒީފާއެއް ވެސް އެއާއިލާގެ މެންބަރަކަށް ނުދިނުން ހިމެނެއެވެ.

އެފަދަ ދަތިތަކެއް ވުމުގެ ސަބަބުން އަންހެން ކުއްޖާގެ ބައްޕަ މައްސަލަ ޖެއްސުމުން އަވަށުގެ ބޮޑުން ބުނެފައިވަނީ އޮދީޝާ އަވަށުން ދެން އެމީހުން ބަލައިގަންނާނީ އެއަވަށުގެ އެންމެންނަށް އެއާއިލާގެ ފަރާތުން ބޮޑު ކެއުމެއް ދިނުމުން ކަމަށާއި އެއީ ނުޠާޙިރުކަން ސާފު ކުރުމަށް ކުރާ ކަމެއް ކަމަށެވެ.

"އަހަންނަކީ އާދައިގެ މަސައްކަތު މީހެއް. އެފަދަ ބޮޑު ކެއުމެއް ތައްޔާރު ކުރުމަށް މަދުވެގެން 30،000 އެއްހާ ރުޕީސް ޚަރަދުވާނެ. އަހަރެން ކިހިނެއް އެފަދަ ބޮޑު ކަމެއް އިންތިޒާމު ކުރާނީ؟ އެހެން ނޫނަސް، އަހަރެންގެ ދަރިފުޅު ގަވައިދުން ޑޮކްޓަރަށް ދެއްކުމަށް އަހަރެން އެފައިސާ ބޭނުންވާނެ" ރޭޕްވި ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ.
މިއަދު އޮންލައިން