ސީޕީ ކަޕް ބަށިބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޑިވިޜަންސް ކޮމްބައިން ހޯދައިފި

ކިޔުމަށް ހޭދަވާނީ 2މ 34ސ
ސީޕީ ކަޕް ބަށިބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޑިވިޜަންސް ކޮމްބައިން ހޯދައިފި
ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށްކުޅެވޭ ސީޕީ ކަޕް އިންޓަރ ޑިޕާޓްމަންޓް ބަށިބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޑިވިޜަންސް ކޮމްބައިން ހޯދައިފިއެވެ.

ޑިވިޜަންސް ކޮމްބައިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި ސީއޯސީ އާވާދަކުރި މެޗު ކާމިޔާބުކޮށްގެންނެވެ.

ހަބޭސް ބޮޑުބެރު ގްރޫޕްގެ ހުށަހެޅުންތަކާއެކު ކުރިއަށްދިޔަ ފައިނަލް މެޗުގައި ޑިވިޜަންސް ކޮމްބައިން ވަނީ 30 ލަނޑު ހަދާފައެވެ. ސީއޯސީ މިމެޗުގައި ހެދިފައިވަނީ 21 ލަނޑު 2 ބޯޅައެވެ.ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޑިވިޜަންސް ކޮމްބައިންގެ އައިޝަތު ޝަހުމާއެވެ. ޝަހުމާވަނީ މިމެޗުގައި 196 ބޯޅަޖަހައި 36 ބޯޅަ ހިފައި ޖުމްލަ 232 ޕޮއިންޓް ހޯދާފައެވެ.

ސީޕީ ކަޕް ބަށި މުބާރާތުގެ އެންމެ މޮޅު 9 ކުޅުންތެރިން ހޮވާފައިވާއިރު މި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޑިވިޜަންސް ކޮމްބައިންގެ އައިޝަތު ޝަހުމާ އާއި ފިޒާނާ މުޙައްމަދު އާއި ދިޔާނާ އާދަމް އާއި ހައްވާ ޝަޒްލާ އާއި ސީއޯސީގެ ހައްވާ ރާޝިދާ އާއި ޓީމް ސީބީގެ ނަޢީމާ ޢަބްދުއްރަޙުމާން އާއި ޓީމް ކަސްޓޯޑިއަލްގެ އައިޝަތު އަފްޝާނާ އަދި ޝިފްޒާ ޢަބްދުއް ސަމަދުއެވެ.

މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާއަށް ހޮވިފައިވަނީ ޑިވިޜަންސް ކޮމްބައިންގެ އައިޝަތު ޝަހުމާއެވެ. އަދި އެންމެ މޮޅު ހިފުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޑިވިޜަންސް ކޮމްބައިންގެ ފިޒާނާ މުޙައްމަދުއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސީއޯސީ ހައްވާ ރާޝިދާއެވެ. މުބާރާތުގެ އެންމެ ހިންގުންތެރި މެނޭޖަރަކަށް ސީއޯސީގެ މެނޭޖަރު ޒުލޭޚާ ރައުޒީ ހޮވުނުއިރު އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޑިވީޜަންސް ކޮމްބައިންގެ ކޯޗު މައުސޫމާއެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ޓީމް ސީއައިސީއެވެ.

ސީޕީ ކަޕް ބަށިބޯޅަ މުބާރާތުގެ ބަށިރާނީއަކަށް ހޮވުނީ ޑިވިޜަންސް ކޮމްބައިންގެ އައިޝަތު ޝަހުމާއެވެ.

އިމާނު ދިނުމުގެ ރަސްމިއްޔާތުގައި ވަނީ ސީޕީ ކަޕް ބަށިބޯޅަ މުބާރާތް ކުރިއަށް ގެންދިޔުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށާއި މުބާރާތުގައި އޮފިޝަލްކަން ކޮށްދީފައިވާ ފަރާތްތަކަށާއި މުބާރާތް ސްޕޮންސަރކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދީފައެވެ.

ސީޕީ ކަޕް ބަށިބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވާލެއްވުމަށް ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޕޮލިސް ކުލަބުގެ ރައީސް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ނަޢީމް އާއި ޕޮލިސް ކުލަބުގެ ނައިބު ރައީސުންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުންނާއި ބައެއް އާންމު ރައްޔިތުންވެސް ހާޒިރުވެފައިވެއެވެ.

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން، ނޭޝަނަލް ބަށިބޯލް އެސޯސިއޭޝަނާ ގުޅިގެން ބޭއްވި މި ބަށި ބޯޅަމުބާރާތަކީ ފުލުހުންގެ މުއައްސަސާގެ ޑައިރެކްޓްރޭޓްތަކާއި، ކޮމާންޑް ތަކާއި، ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން މި އޮކްޓޯބަރު މަހުގެ 19 ން 23 އަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މިމުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވެއެވެ.
މިއަދު އޮންލައިން