އެއްރެއަކު ދެމަފިރިއެއް އެކުއެކީގައި ރޭގަނޑުގެ ފަރިއްކޮޅަކަށް ބޭރަށް ދިޔައެވެ. އެމީހުން އެރޭ ދިޔައީ ވަރަށް އުފާވެރި ކަމެއް ފާހަގަ ކުރުމަށެވެ. އެއީ އަންހެން މީހާގެ ބަނޑަށް ގާތްގަނޑަކަށް ހަ މަސް ފުރުން ފާހަގަ ކުރުމަށެވެ.
އެދެމަފިރިން ކާން ގޮސް ތިއްބާ، ކުއްލިއަކަށް އަންހެން މީހާގެ ބަނޑުގައި ރިއްސަން ފެށިއެވެ. އޭނާ ފުރަތަމަ ހީކުރަނީ އެއީ އޭނާއަށް ކެވުނު އެއްޗަކުން ވީގޮތެއް ކަމަށެވެ. އެހެންކަމުން އެކަމާއި އެހާ އަޅާނުލާ އިނދެ، ކައިނިމިގެން އެދެމަފިރިން ގެއަށް ދިޔައެވެ. ނިދަން ތައްޔާރުވިތަނުން އަނެއްކާވެސް އަނބިމީހާގެ ބަނޑުގައި ރިއްސަން ފަށައެވެ. ކުރިއަށްވުރެ މާގަދައަށެވެ.
އޭނާގެ ބަނޑުގައި މާބޮޑަށް ރިއްސުމުގެ ސަބަބުން، އަވަހަށް ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް ފިރިމީހާ ގާތުން އެދެއެވެ. ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން އޭނާ ބެލުމަށްފަހު ބުނީ، އަންހެން މީހާ އިނީ ވިހަން ތައްޔާރުވެފައި ކަމަށެވެ.
ހައިރާންވެފައި އަނބިމީހާ ބުނަނީ އެހެން ނުވާނެ ކަމަށާއި ދަރިފުޅު ވިހަން އަދި މާކުޑަ ވާނެ ކަމަށެވެ. ޖަވާބުގައި ޑޮކްޓަރުން ބުނީ ވިހެއުން ވީހާވެސް ބޮޑަށް ފަސްކުރެވޭތޯ ޑޮކްޓަރުންނަށް ކުރެވެން އޮތް ކަމެއް ކުރާނެ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ވިހަން ޖެހިދާނެ ކަމަށް ތައްޔާރަށް ތިބުމަށެވެ.
މާތް ﷲ ގެ އިރާދަފުޅާއިއެކު ޑޮކްޓަރުންނަށް އެއަންހެން މީހާގެ ވިހެއުން ހަތަރު ދުވަހަށް ފަސް ކުރެވުނެވެ. ނަމަވެސް ހަތަރު ދުވަސް ފަހުން އަންހެންމީހާ ވިހައި، ތުއްތު ތުއްތު އަންހެން ދަރިއެއް އެދެމަފިންނަށް ލިބުނެވެ.
ވިހެއުމާއިއެކު އެންމެ ފުރަތަމަ ވެސް ޑޮކްޓަރުން ދިން ޚަބަރަކީ، އެދަރިފުޅަށް އަމިއްލައަށް ނޭވާ ނުލެވޭކަމުގައިވާ ނަމަ، އޮކްސިޖަން ގުޅަން ބޭނުންތޯ އެވެ. ބިރުގެންފައި އަންހެން މީހާ ބުނަނީ އޭނާގެ ދަރިފުޅު ދުނިޔޭގައި ބަހައްޓަން ބޭނުންވާ ކަމަށާއި އެހެންކަމުން އޮކްސިޖަން ގުޅަން ބޭނުންވާ ކަަމަށެވެ.
ވިހެއުމަށްފަހު އިރުއިރު ކޮޅުން ޑޮކްޓަރެއް އެދެމަފިރިން ގާތު ބުނަމުން ދިޔައީ އެދެމަފިރިންގެ ދަރިފުޅުގެ ބަރުދަން ހަމަނުވާ ކަމަށާއި އެދަރިފުޅު ވަރަށް ކުޑަ ކަމަށެވެ. އަދި މާގިނަ ދުވަހު ދުނިޔޭގައި އެދަރިފުޅު ނޯންނާނެ ކަމަށާއި އެހެންކަމުން ދަރިފުޅު މަރުވެދާނެ ކަމަށް ތައްޔާރުވެގެން ތިބުމަށް ވެސް ޑޮކްޓަރުން ބުންޏެވެ.
މީގެއިތުރުން ދަރިފުޅުގެ ސިކުނޑީގައި ތިން ލޭކޮޅު ގަނޑުވެފައި ހުރި ކަމަށާއި އެނޫންވެސް ސިއްޙީ މައްސަލަތަކެއް ހުރިކަމަށް ޑޮކްޓަރުން އެދެމަފިރިންނަށް ކިޔާ ދެމުން ދިޔައެވެ. އެހެންކަމުން ބޮޑު ތިން އޮޕަރޭޝަން ކުރަން ޖެހޭނެ ކަމަށާއި އެފަދަ ބޮޑު ކަމެއް ތުއްތު ދަރިފުޅަށް ތަޙައްމަލު ނުކުރެވިދާނެ ކަމަށް ވެސް ބުންޏެވެ.
ދަރިފުޅުގެ ސިއްޙީ މައްސަލަތަކެއް ހުރިކަން އެނގުމުން، އެދެމަފިރިން ވަރަށް ހިތާމަ ކުރިއެވެ. އެހިތާމަތައް ފެނުނު ވަރަށް ގިނަ މީހުން، އެދެމަފިރިންނަށް ހަމްދަރުދީވެ، އެމީހުން ގާތަށްގޮސް ކޮށްދޭންވީ ކޮންކަމެއްތޯ އެއްސެވެ.
ޖަވާބުގައި އެދެމަފިރިން ބުނީ އެދެމަފިރިންގެ ދަރިފުޅަށް ދުޅަހެޔޮ ރަނގަޅު ސިއްޙަތެއް ދެއްވުން އެދި ދުޢާ ކޮށްދިނުން ނޫން ކަމެއް އޭގެން އެކަކަށް ވެސް ކޮށްނުދެވޭނެ ކަމަށެވެ. އެހެންކަމުން ދުޢާ ކޮށްދެއްވުމަށް އެމީހުން އެދުނެވެ.
ދަރިފުޅުގެ ފުރަތަމަ ސަރޖެރީ ހެދުނެވެ. އެސަރޖެރީ ކާމިޔާބު ވިއެވެ. އޭގެ ހަފްތާއެއް ފަހުން ދެވަނަ ސަރޖެރީ ވެސް ހެދުނެވެ. ނަމަވެސް ދެވަނަ ސަރޖެރީ އެހާ ކާމިޔާބެއް ނުވިއެވެ. ޑޮކްޓަރުން ބުނީ 24 ގަޑީރުގެ ތެރޭގައި އެދަރިފުޅު މިދުނިޔެއަށް އަލްވަދާއު ކިޔާފާނެ ކަމަށާއި ސަލާމަތް ވެވޭނެހެން ހީނުވާ ކަމަށެވެ.
އެރޭ އެކުއްޖާގެ ބައްޕަ ގެއަށް ދިޔުމަށްފަހު، އޭނާ ނަމާދު ކުރާ ތާންގާ ހުއްޓި ހުރެ މާތް ﷲ އަށް ދުޢާ ދެންނެވިއެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މިއަޅާ މިހުރި ހާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ އިބަ ރަސްކަލާނގެއެވެ. އަދި މިޙާލަތުގައި މިއަޅާއަށް އިބަރަސްކަލާނގެ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް އެހީތެރިއެއް ވެސް ނުވެވޭނެއެވެ. ޔާ ﷲ އެވެ. މިއަޅާގެ ދަރިފުޅުގެ ފުރާނަ އިބަ ރަސްކަލާނގެ ނޫން އެހެން އެއްވެސް ފަރާތަކަށް ސަލާމަތެއް ނުކުރެވޭނެއެވެ. އަދި އިބަ ރަސްކަލާނގެ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް މިއަޅާގެ ދަރިފުޅުގެ އެބަލިތަކަށް ޝިފާއެއް ވެސް ނުދެވޭނެއެވެ. މިއަޅާގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކޮށްދެއްވާ، އެދަރިފުޅަށް ދުޅަހެޔޮ ރަނގަޅު ސިއްޙަތެއް ދެއްވާނދޭވެ."
އޭގެ އަނެއް ދުވަހެވެ. ޑޮކްޓަރުން އެދެމަފިރިން ގާތަށް ގޮސް ބުނީ "އަލްޙަމްދުލިﷲ. ދަރިފުޅުގެ ހާލު ރަނގަޅު" ކަމަށެވެ. ނަމަވެސް ތިންވަނަ ސަރޖެރީ އެއް ހެދުމަށްފަހު، އެދަރިފުޅު ޖިސްމާނީގޮތުން ނުކުޅެދުންތެރިވެ ނަފްސާނީ ގޮތުން ހެދިބޮޑުވުން ލަސްވެދާނެ ކަމަށެވެ. އެހެންކަމުން އެކަމަށް ތައްޔާރުވެ ތިބުމަށް ޑޮކްޓަރު ބުންޏެވެ. އެދެމަފިރިން ބުނީ އެހެންނަމަވެސް ތިންވަނަ ސަރޖެރީއެއް ހަދަން އެމީހުން ބޭނުންވާ ކަމަށެވެ.
މާތްﷲ ގެ އިރާދަފުޅާއެކު ތިންވަނަ ސަރޖެރީ ވެސް ކާމިޔާބުވެއެވެ.
އޭގެފަހުން ދެއަހަރާއި ހަ މަސް ދުވަސް ވޭތުވެގެން ދިޔައެވެ. އެތުއްތު އަންހެން ކުއްޖާއަށް މިހާރު ހިނގެއެވެ. ދުވެވެއެވެ. އަދި ކުދި ކުދި ބަސްތައް ވެސް ކިޔެއެވެ. އެކުއްޖާގެ އެއްވެސް ނުކުޅެދުންތެރިކަމެއް ނެތެވެ. މާތް ﷲ ސުބްޙާނަހޫ ވަޠައާލާ އެތުއްތު ކުއްޖާ ސަލާމަތްކޮށް، ރައްކާތެރިކޮށް ސިއްޙަތު ރަނގަޅު ކުއްޖެއްކަމުގައި ލެއްވިއެވެ.