"އޭލިއަނުންތަކެއް އަހަރެންގެ އާއިލާ ރަހީނުކުރި"

ކިޔުމަށް ހޭދަވާނީ 2މ 20ސ
"އޭލިއަނުންތަކެއް އަހަރެންގެ އާއިލާ ރަހީނުކުރި"
ނިއު ޖަރސީ އަށް އުފަން ކެތުލީން މާޑެން ނަމަކަށް ކިޔާ މީހެއްގެ ބޮޑުދައިތައާއި ބޮޑުބޭބެ އޭލިއަނުންތަކެއް ރަހީނު ކުރިކަމަށް އޭނާ ބުނެފިއެވެ.

ކެތުލީންގެ ބޮޑުދައިތަ ބެޓީ އާއި ބޮޑު ބޭބެ ބާރނީ އަށް 1961 ވަނަ އަހަރު އޭލިއަނުންތަކެއް ފެނުންކަމަށާއި އެއޭލިއަނުންތައް އެމީހުން އެކްސްޕެރިމެންޓު ކުރިކަމަށް ވެސް އެމީހުންވަނީ އެއިރު ބުނެފައެވެ. އެދެމީހުން ދެއްކި ވާހަކަ ޤަބޫލު ކުރާނެ މީހުން އެއިރު މަދުކަމުގައި ވިޔަސް، އޭގެ އެތަކެއް އަހަރުތަކެއް ފަހުން، އެމީހުންގެ ކޮއްކޮ ކެތުލީން ބުނެފައިވަނީ އެއީ ހަމަ ތެދެއް ކަމަށެވެ.



"ދިސް މޯނިންގ" ނަމަކަށް ކިޔާ ޝޯއެއްގައި ވާހަކަ ދައްކަމުން ކެތުލީން ބުނީ، އޭލިއަނުންނަކީ އުޅޭ އެއްޗެއް ކަމަށް އޭނާގެ ބޮޑުދައިތައާއި ބޮޑުބޭބެ ވެސް ކުރިން ޤަބޫލު ނުކުރާކަމަށެވެ. ނަމަވެސް އެއަހަރު މޮންޓްރެއަލް ގައި ޗުއްޓީ ހޭދަ ކުރި އިރު ޔޫއެފްއޯ އެއް ފެނުނު ދުވަހުން ފެށިގެން އެލީއަނުންނަކީ އުޅޭ އެއްޗެއްކަމަށް އެމީހުން ޤަބޫލު ކުރެއެވެ.

ކެތުލީން ބުނިގޮތުގައި ބެޓީއާއި ބާރނީ އަށް ޔޫއެފްއޯ އެއް ފެނުނީ 1961 ވަނަ އަހަރުގެ އެރޭ ހޭމްޕްޝަޔަރ އަށް ދުއްވާފައި ދަނިކޮށެވެ.

"ބާރނީ ކާރުން ފައިބާފައި ދުރުމި އަޅައިގެން ބެލި އެއީ ކޮން އެއްޗެއްތޯ. އެއިރުގެ އެއާފޯސް ރިޕޯޓުން ބުނި ގޮތުގައި، އެމީހުންނާއި 100 ފޫޓުމަތިން ކްރާފްޓެއް ފެނިފައިވޭ."

"އެއީ ވަރަށް ބޮޑު ކްރާފްޓެއް ކަމަށް އެމީހުން ބުނި. އަދި ބެޓީ އާއި ބާރނީގެ އިތުރުން ހާހެއްހާ މީހުން އެރޭ އެކްރާފްޓު ބެލި." ކެތުލީން ކިޔާދެމުން ދިޔައެވެ.

މީގެއިތުރުން ކެތުލީން ބުނީ، އެކްރާފްޓުގެ ތެރެއިން ދަޅަޖަހާ ޔުނިފޯމްތަކެއް ލައިގެން ތިބި އެއްޗެހިތަކެއް އޭނާގެ ބޮޑުބޭބެއަށް ފެނިފައިވާ ކަމަށް އޭނާގެ ބޮޑުބޭބެ ބުނި ކަމަށެވެ. އަދި ރަތް ކުލައިގެ އައްޔެއް އެމީހުންނާއި ދިމާލަށް އެޅެން އުޅުމުން، އެތަނުން އަވަހަށް ސަލާމަތްވާން ހިނގާށޭ ބާރނީ ބުނި ކަމަށްވެސް ވެއެވެ. އެކަމަކު ގަދަ އަޑަކާއިއެކު އެމީހުން ހޭނެތުނު ކަމަށާއި ދެން ހޭއެރިއިރު ދެގަޑީރު ފާއިތުވެގެން ދިޔަ ކަމަށް ވެސް ކެތުލީން ކިޔާދިނެވެ.

ކެތުލީން ބުނި ގޮތުގައި އޭލިއަނުން ކަމެއް ކުރަން އުޅުންކަން ބާރނީއަށް އެނގުނެވެ. އެހެންކަމުން އެމީހުން ބާރަށް ދުއްވާފައި އަވަހަށް އެތަނުން ދިޔައެވެ. އެމީހުންގެ ކާރު އެވަގުތު ވައިބްރޭޓްވި ކަމަށާއި އަނެއްކާވެސް ޚަބަރު ހުސްވިކަމަށް އެމީހުން ބުނި ކަމަށް ވެއެވެ. ބެޓީއަށް ހޭއެރިއިރު އޭނާގެ ހެދުމުގެ އެތަން މިތަން ވަނީ ވީދައިގެން ގޮސްފައެވެ.

އެހެދުން ދޮންނަން ވެގެން ފަހުން ނެގިއިރު ފިޔާތޮށި ކުލައިގެ ކޮންމެވެސް އެއްޗެއް ހެދުމުގައި ހެކިފައި ހުރިކަމަށް ބެޓީ ބުނިކަމަށް ވެސް ކެތުލީން ބުންޏެވެ.

"ދިސް މޯނިންގ" އަށް ކެތުލީން ދިން މިއިންޓަރވިއުގެ ސަބަބުން ވަރަށް ގިނަ ބަޔަކުވަނީ އޭނާއަށް ފާޑުކިޔާފައެވެ. އެމީހުން ބުނީ މިއީ ކެތުލީން ހަދަހަދައިގެން ދެއްކިވާހަކައެއް ކަމަށާއި ކެތުލީން އަކީ މޮޔައެއް ކަމަށެވެ. އަދި ޔޫއެފްއޯ އެއް އަބަދުވެސް ހަމައެކަނި އެމެރިކާ އަށް ޖައްސަނީ ކީއްވެތޯ ވެސް މީހަކު ވަނީ ސުވާލު ކޮށްފައެވެ.
މިއަދު އޮންލައިން