ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އަވަރ ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.
އެ ރިސޯޓުގެ މުއައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވާ، ފުޓްބޯޅަ ކުޅުންތެރިންގެ ހުނަރު އިތުރުކުރުވާ، މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށް ބާއްވާ މި މުބާރާތުގައި މިއަހަރުވަނީ 5 ޓީމުން ބައިވެރިވެފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލަށްދާނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު، އެންމެގިނަ ޕޮއިންޓު ހޯދާ 4 ޓީމެވެ. އަދި ސެމީގައި މޮޅުވާ ދެ ޓީމު ފައިނަލަށް ދާނެއެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އެޗްކޭ އަމިގޯސް، ބީޑީ ބޮސްނިއާ، އެފް އެންޑް ބީ ސަކްސެސް، ސާރފް ސްޕޯޓްސް އަދި އެފްސީ ބްލޫސް އެވެ.
މުބާރާތުގެ ސެމީ ފައިނަލް މިމަހުގެ 27 އަދި 29 ގައި ކުޅުމަށް ތާވަލުކޮށްފައިވާ އިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި އޮކްޓޯބަރ މަހުގެ 31 ވާ އަންގާރަ ދުވަހުއެވެ.