އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު އުމުރުން ތިން އަހަރުގެ ޝެރިން ނަމަކަށް ކިޔާ ކުއްޖަކު ގެއްލިގެން އޭނާގެ ބައްޕަ ވެސްލޭ މެތިއުސް ޑެލަސް ގެ ފުލުހުންނަށް ރިޕޯޓު ކުރިއެވެ.
ޑެލަސް ގެ ސަބަރން އެއްގައި ދިރިއުޅެމުން ދިޔަ ވެސްލޭ ކުރިން ބުނެފައިވަނީ އޭނާގެ ދަރިފުޅު ޝެރިން ކިރުތަށި ނުބޮގެން ދަންވަރު ތިނެއް ޖެހިއިރު ގެއިން ބޭރަށްލިކަމަށެވެ. ވެސްލޭ ބުނީ ޝެރިން ގާތު އޭނާ ބުނީ ގެކައިރި ގަހެއްގެ ދަށުގައި ހުންނަން ކަމަށާއި ނަމަވެސް އޭގެ 15 މިނެޓު ފަހުން ދަރިފުޅު ހޯދަން ދިޔުމުން ފެންނަން ނެތް ކަމަށެވެ.
ގަސްތުގައި ކުޑަ ކުއްޖަކު ނުރައްކަލެއްގެ ތެރެއަށް ފޮނުވިކަމުގެ ކުށުގައި ކުރިން އޭނާ ހައްޔަރު ކުރެވުނު ކަމުގައި ވިޔަސް، ބެއިލްގެ މަތިން އެއިރު އޭނާ ދޫކޮށްލިއެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު ވެސްލޭ ވަނީ އޭނާގެ ވަކީލާއިއެކު ފުލުހުންގެ އިދާރާއަށް ގޮސް، އޭނާ ދިން ބަޔާން ބަދަލުކޮށް ކުރިން އޭނާ ހެދީ ދޮގު ކަމަށް ބުނެފައެވެ.
ވެސްލޭ އަށް ހަވާލާދީ ފުލުހުން ބުނި ގޮތުގައި އެރޭ ޝެރިން ކިރުތަށި ބުޔެވެ. ކިރުތަށި ނުބޯން ޝެރިން ގަދަ ހެދުމުން ވެސްލޭ އެކުއްޖާއަށް ގަދަކަމުން ކިރުތަށި ބޯންދިން ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. އަދި އޭނާ ބުނިގޮތުގައި، ގަދަކަމުން ކިރުތަށި ދިނުމުގެ ސަބަބުން، ޝެރިން ވަރަށް ބޮޑަށް ކޮށިއަރާ ނޭވާލާން ވެސް އުނދަގޫ ވެގެން އުޅުނެވެ. އޭގެ އިރުކޮޅެއް ފަހުން ވެސްލޭ ޗެކް ކުރިއިރު ޝެރިން ގެ ވިންދު ނުޖަހާ ކަމަށާއި އެހެން ކަމުން ޝެރިން މަރުވީ ކަމަށް ނިންމާ، އެކުއްޖާގެ ހަށިގަނޑު އެގެއިން ނެރެ އެއްލާލީ ކަމަށް ވެސްލޭ އެއްބަސްވިއެވެ.
ކުއްތާ ބޭނުން ކޮށްގެން ފުލުހުން ކުރި ތަހުގީގުން އިއްޔެ ހެނދުނުގެ ވަގުތެއްގައި، ވެސްލޭގެ ގެއާއި މާދުރު ނޫން ހިސާބަކުން ވަނީ ކުޑަ ކުއްޖެއްގެ ހަށިގަނޑު ފެނިފައެވެ. އެއީ ޝެރިންގެ ހަށިގަނޑުތޯ ނުވަތަ ނޫންތޯ ބެލުމަށް މިހާރު ދަނީ އޯޓޮޕްސީ ހަދަމުން ކަމަށް ޑެލަސް ގެ ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ވެސްލޭ މެތިއުސް މިހާރު ވަނީ ގަސްތުގައި ކުޑަ ކުއްޖަކަށް އަނިޔާއެއް ދިނުމުގެ ކުށުގައާއި ފަސްޓް-ޑިގްރީ ދޮގު ރިޕޯޓެއް ކުރިކަމުގެ ކުށުގައި އުމުރަށް ޖަލަށްލާފައެވެ.
ޝެރިން އަކީ އިންޑިއާއަށް އުފަން ކުއްޖެކެވެ. ވެސްލޭ ގެ އާއިލާއިން ވަނީ ޝެރިން އެޑޮޕްޓުކޮށް އެމީހުންނާއިއެކު އެމެރިކާއަށް ގެންގޮސްފައެވެ.