ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 100،000ރުފިޔާ ލިބޭ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތް އަންނަ މަހު ފަށަނީ...

ކިޔުމަށް ހޭދަވާނީ 1މ 43ސ
ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 100،000ރުފިޔާ ލިބޭ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތް އަންނަ މަހު ފަށަނީ...
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އަންނަ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގެ އެއްބަސްވުމުގައި ޤައުމީ ބަށި ބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އާއެކު މިއަދު ވަނީ ސޮއި ކޮށްފައެވެ.

އެސްޓީއޯ ހެޓް އޮފީހުގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު މުރާދެވެ. ބަށި ބޯޅަ އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ވައިސް ޗެއަރޕަރސަން އާމިނަތު ލީލާއެވެ.

މި ރަސްމިއްޔާތުގައި ލީލާ ވިދާޅުވީ 25 ނޮވެމްބަރުގައި ފެށުމަށް ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މާދަމާއިން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެޕްލިކޭޝަން ފޯމު އެމްބީއޭގެ ވެބްސައިޓުންނާއި އެސްޓީއޯގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން މުބާރާތުގެ ހިންގާ ގަވާއިދާއި މުބާރާތް ކުޅޭ ގަވައިދުވެސް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި އެހެނިހެން ކަންކަން ކުރިއަށް ދާނެ ގޮތުގެ ތަފްޞީލުވެސް އެމްބީއޭގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ލީލާ ވިދާޅުވިއެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ސްޕޯޓްސް ގަވާއިދުގެ ދަށުން މިހާރު ކޮންމެ ޓީމެއްވެސް ސްޕޯޓްސް ކޯޕަރޭޝަންގައި ރެޖިސްޓްރީކޮށްފައި އޮތުމާއެކު އެމްބީއޭގައިވެސް ރެޖިސްޓްރީ ކުރަންޖެހެއެވެ.

މި އަހަރުގެ މުބާރާތް އެމްބީއޭ އިން ރާވައި ހިންގާ އިރު، ކުރީ އަހަރުތަކާ ތަފާތު ކުރުމުގެ ގޮތުން މިފަހަރު އެންމެ މޮޅު މެނޭޖަރާއި ހިންގުންތެރި މެނޭޖަރާއި އެންމެ މޮޅު ކޯޗު ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ނުވަ ކުޅުންތެރިންގެ މައްޗަށް ހިމެނޭ، މުބާރާތުގެ އެންމެ މޮޅު ޓީމުވެސް ހޮވާނެއެވެ.

މިއަހަރުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 100،000ރ. ލިބޭނެ އިރު، ރަނަރަޕް ޓީމަށް 50،000ރ. އާއި ތިންވަނަ ޓީމަށް 25،000ރ. ލިބޭނެއެވެ. އަދި މުބާރާތުގެ ފެއާރޕްލޭ ޓީމަށް 10،000ރ. ލިބޭނެއެވެ.

މިއަދު އޮންލައިން