މުސްލިމުންނަށް ކުރާ އަނިޔާ ތަޖުރިބާ ކުރެވުނީ، ހަފްތާއެއް ވަންދެން އެކަން ތަޙައްމަލު ކުރެވުމުން

ކިޔުމަށް ހޭދަވާނީ 2މ 21ސ
މުސްލިމުންނަށް ކުރާ އަނިޔާ ތަޖުރިބާ ކުރެވުނީ، ހަފްތާއެއް ވަންދެން އެކަން ތަޙައްމަލު ކުރެވުމުން
މެންޗެސްޓަރ އަށް އުފަން ކޭޓީ ފްރީމަން (42އ.) އަކީ މުސްލިމުންނަށް މީގެ ކުރިން އެއްވެސް ހަމްދަރުދީއެއްވި މީހެއް ނޫނެވެ. އޭނާއަކީ އެމެރިކާއިން ބުރުގާ ނައްތާލުމަށް ގޮވިގޮވުމުގައި އެއްބައިވެސް ވިމިހެކެވެ. ނަމަވެސް މުސްލިމުންނާއިމެދު ކޭޓީ ދެކޭ ގޮތް ބަދަލުވީ، ހަފްތާއެއްވަންދެން މުސްލިމުން ދިރިއުޅޭހެން އުޅުމުންނެވެ.

ޑޮކިއުމެންޓްރީ އެއް ހެދުމަށް ކޭޓީ ވަނީ ހަފްތާއެއް ވަންދެން މުސްލިމުން އުޅޭހެން ދިރިއުޅެ، މުސްލިމުންނާއިމެދު އޭނާ ދިރިއުޅެމުން ދިޔަ ޤައުމުގެ މީހުން ކަންތައް ކުރާ އަނިޔާވެރި ގޮތްތައް އަމިއްލައަށް ތަޙައްމަލު ކޮށްފައެވެ. މުސްލިމުން ހެދުން އަޅާހެން ހެދުން އަޅައިގެން އެންމެ ފުރަތަމަ ދުވަހު އޭނާ ގެއިން ނިކުތީ އާންމުކޮށް ކޮންމެ ދުވަހަކުވެސް އޭނާ ކުރަމުން ދިޔަ ކަންތައްތައް ކުރުމަށެވެ. ނަމަވެސް އެއްވެސް ކަމަކާއި ނުލާ މަގުމަތިން ބަޔަކު އޭނާއާއި ފޮށި ހަޑި ހުތުރު އެއްޗެހި ގޮވުމުން، އެކަމާއި އޭނާ ވަރަށް ބޮޑަށް ހައިރާންވެ ދެރަވިއެވެ.

އެޑޮކިއުމެންޓްރީ ހެދުމަށް ކޭޓީ ދިރިއުޅުނީ ބްރިޓަންގައި ދިރިއުޅޭ ޕާކިސްތާން ކޮމިއުނިޓީ އެއްގައެވެ. އެގޮތުން ސާއިމާ އަލްވީ (49އ) ނަމަކަށް ކިޔާ މީހަކާއި އޭނާގެ އާއިލާއާއިއެކު އެއްގެއެއްގައި އޭނާ ދިރިއުޅުނެވެ. ކޭޓީ އުޅުނީ އިސްލާމް ދީނުގެ ހަމަތަކުގެ މަތީންނެވެ.

ކޭޓީގެ ކޮންމެ ހަރަކާތެއް ވެސް ދިޔައީ ރިކޯޑު ކުރެވުމުންނެވެ. އެޑޮކިއުމެންޓަރީ ހަދަން ފަށާފައިވަނީ މެންޗެސްޓަރ އެރީނާ އަށް މިއަހަރު ދިން ބަޑީގެ ހަމަލާއަށްފަހު، އެކަމުގައި މުސްލިމުންގެ އަތެއް ވޭތޯ ބެލުމަށެވެ.

ހަފްތާއެއް ވަންދެން މުސްލިމެއްކަމަށް ހެދިގެން އުޅުނު އުޅުމުގެ ތެރޭގައި ކޭޓީއަށް ވަނީ ވަރަށް ގިނަ ކަންތައްތަކަކާއި ކުރިމަތިވެފައެވެ. އެގޮތުން އެއްޗެއް ގަންނަން ފިހާރައަކަށް ދިޔުމުން، ކިއުގެ އެންމެ ކުރީގައި ހުރުމުން ވެސް ކައުންޓަރާއި އަރާ ހަމަވުމުން އަނެއްކާވެސް ފަހަތަށް ފޮނުވާލިކަން ކޭޓީ ފާހަގަ ކޮށްފައިވެއެވެ. އަދި މަގުމަތިން ހިނގާފައިދާއިރު، ކުޑަކުދިން އޭނާއާއި ދުރަށްލާ މަންޒަރު ވަނީ ފެނިފައެވެ. ކޮންމެވެސް އެއްޗެއް ގޮއްވާލަފާނެއޭ ބުނެ އެމީހުންގެ ދަރިން ކޭޓީ އާއި ދުރަށްލިއެވެ. ވަރަށް ހުތުރު ބަހުން އެއްޗެހި ގޮވާ އަދި އޭގެ ތެރެއިން އެކަކު، ކޭޓީ އަޅާފައި ހުރި ބުރުގާ ވެސް ބާލުވާލާ ކޭޓީއަށް މަލާމަތް ކުރިއެވެ. އަދި ކޭޓީއާއި ދިމާލަށް "ޓެރޮރިސްޓެކޭ" ބުންޏެވެ.

އޭނާއަށް ކުރެވުނު ތަޖުރިބާއަށް ފަހު ކޭޓީ ބުނީ "މުސްލިމެއް ފެންނައިރަށް އެއުޅެނީ ތަނެއް ގޮއްވާލަން ކަމަށް ދެކިގެން ނުވާނެ" ކަމަށާއި "މުސްލިމެއް މަގުމަތިން ހިނގާފައި ދަނީ ބަޔަކަށް ގެއްލުމެއް ދިނުމަށް ނޫން" ކަމަށެވެ.

ކޭޓީ ބުނީ އެހިތި ތަޖުރިބާއަށް ފަހު، އިގިރޭސިވިލާތަކީ އޭނާ ކުރިން ދަންނަ އިނގިރޭސިވިލާތް ކަމަށް ޤަބޫލުވެސް ނުކުރެވޭ ކަމަށާއި އެޤައުމުގައި ދިރިއުޅޭ ހުރިހާ މުސްލިމުން ކޮންމެ ދުވަހަކުވެސް އުޅެމުން އަންނަ ހާލަކީ އެއީކަން އެނގުމުން އެކަމާއި ވަރަށް ބޮޑަށް ހިތާމަ ކުރާކަމަށެވެ.

މިއަދު އޮންލައިން