ހަމާސްގެ ސެކިޔުރިޓީ ޗީފް ތައުފީޤް އަބޫ ނަޢީމް މިއަދު ހުކުރަށް ވަޑައިގަތުމުން ކާރުކޮޅަށް ދިން ހަމަލާއެއްގައި ޒަޚަމްވެވަޑައިގެންފިއެވެ. ރިޕްތައް ބުނާ ގޮތުން އޭނާގެ ހަށިކޮޅަށް ލިބިވަޑައިގެންފައިވަނީ މާ ސީރިއަސް އަނިޔާތަކެއް ނޫނެވެ.
ރިޕޯޓްތައް ބުނާގޮތުން މިހަމަލާދިނީ ހަމާސް އާއި ފަލަސްޠީނުގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުން ބަދަހިކުރުމާއި ދެކޮޅަށް ހަރަކާތްތެރިވާ "އިސްލާމިސްޓް" ގްރޫޕަކުންނެވެ.
ހަމާސްގެ އަމިއްލަ ވެރިކަމެއް ޣާޒާގައި ޤާއިމުކޮށް ފާއިތުވި 10 އަހަރުގެ ތެރޭގައި ޣާޒާއަށް ވަނީ ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިފައެވެ.
ޣާޒާއެކުގައިހެން ބަނޑަށް ޖެހިފައިވާއިރު ކަރަންޓުވެސް ވަނީ ކެނޑިފައެވެ. ބޭސްފަރުވާ ކުރެވޭނެ ގޮތެއް ވަނީ ނެތިފައެވެ. ހޮސްޕިޓަލްތަކުން ވެސް ވަނީ ކަރަންޓް ކެނޑިފައެވެ. އިޒްރޭލުން ޣާޒާ އެކަހެރިކޮށް ޖަލަކަށް ހަދާފައިވުމުން ޣާޒާއާއިމެދު ބެލެވިފައިވަނީ މުޅި ޣާޒާއަކީ ޖަލެއްގެ ގޮތުގައެވެ. ޣާޒާއަކީ ދުނިޔޭގެ އެންމެ ބޮޑު ޖަލުގެ ގޮތުގައެވެ.
އެހެންކަމާއިއެކުވެސް ހަރުކަށި ބައެއް ޖަމާއަތްތަކުން ބުނަމުން ގެންދަނީ ކިތަންމެ ބޮޑު ނިކަމެތިކަމެއް ތަހައްމަލުކުރަންޖެހުނު ނަމަވެސް ފަލަސްޠީނުގެ މައި ސަރުކާރާއިއެކު ގުޅުން ބަދަހިކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އެއީ އެމެރިކާ އާއި އިޒްރޭލުގެ އަޅުވެތިކަމުގެ ދަލުގައި ޖެހުން ކަމަށެވެ.
މިހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް ޝައްކުކުރެވެނީ މިހަމަލާ ދީފައިވަނީ ސަލަފީންގެ ހަރުކަށި ޖަމާއަތަކުން ކަމަށެވެ.