އިޖުތިމާޢީ ގުޅުންތަކުގެ އިތުރުން ވިޔަފާރި އާއި އިޤްޠިޞާދު ކުރިއަރުވަން ދިރާގުން އަބަދުވެސް ގެންދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުން ކަމަށާއި އިތުރު ވިޔަފާރިތައް ޤައުމުގައި އުފައްދަން ސަރުކާރުން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވުމަކީ ދިރާގުން ވަރަށް ބޮޑަށް ކުރަން ބޭނުންވެފައިވާ ކަމެއް ކަމަށް ދިރާގުން ބުނެފިއެވެ.
އަލަށް ވިޔަފާރިފަށަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން "ސްޓާޓަޕް ވީކްއެންޑް"ގެ ނަމުގައި ހުކުރު ދުވަހު އާރޓް ގެލެރީގައި ފެށި ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާޢީލް ރަޝީދު ވިދާޅުވީ މާޒީއަށް ބެލިނަމަވެސް ރައްޔިތުންގެ މެދުގައި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށް ދިރާގުން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. ހަމައެއާއިއެކު ވިޔަފާރިތައް ކުރިއަރުވަން ވެސް ދިރާގުން ވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.
އިސްމާޢީލް ރަޝީދު ވިދާޅުވީ ޒުވާނުންގެ ކުރިއެރުމަށް ނުވަތަ ޒުވާނުން ކުރިއަރުވައި ބާރުވެރިކުރުވަން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ދިރާގުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެމުން ގެންދާނެ ކަމަށެވެ. "ޒުވާނުން ކުރިއެރުވުމަކީ ޤައުމު ތަރައްޤީކުރުން. ޤައުމު ކުރިއަރާނީ ޒުވާނުން ތަރައްޤީކޮށްގެން. އެކަމަށް ކުރެވޭ މަސައްކަތްތަކަކީ މުސްތަޤްބަލަށްޓަކައި ޤައުމު ފައްކާކުރަން ކުރެވޭ އެންމެ މުހިންމު މަސައްކަތް. ޤައުމުގެ މުސްތަޤްބަލް ކަށަވަރުކުރުމަށްޓަކައި ޒުވާނުންނަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރަންޖެހޭ. އެކަމަށްޓަކައި ޒުވާނުންނަށް ފުރުޞަތުތަކެއް ވެސް ދޭންޖެހޭ."
އިސްމާޢީލް ރަޝީދު ވިދާޅުވީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ޒުވާނުން ކުރިއަރުވަން މިސަރުކާރުން ގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި ސަރުކާރުގެ މަސައްކަތްތަކަށް އެމަނިކުފާނުގެ އަމިއްލަފުޅު ހައިޞިއްޔަތުންނާއި ދިރާގުގެ ފަރާތުން އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.
މި ބައްދަލުވުމުގައި 68 ފަރާތަކުން ބައިވެރިވާކަން ފާހަގަކުރައްވައި އިސްމާޢީލް ރަޝީދު ވިދާޅުވީ ޒުވާނުންނަށް އެންމެ މުހިންމީ މަސައްކަތްކުރުމާއި ވަޒިފާގެ ފުރުޞަތުތައް ކަމަށްވާއިރު މި ބައްދަލުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ޒުވާނުންނަށް ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ.