ކަލާނގެ ދެއްވި ނިއުމަތްތަކުން މަހްރޫމްވާންޖެހޭ އެއްވެސް ސަބަބެއް ބައިބަލުން ނުފެނުނު ފާދިރީއަކު އިސްލާމްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ކަލާނގެ ދެއްވި ނިއުމަތްތަކުން މަހްރޫމްވާންޖެހޭ އެއްވެސް ސަބަބެއް ބައިބަލުން ނުފެނުނު ފާދިރީއަކު އިސްލާމްވެއްޖެ
ފާދިރީއަކަށް ވުމުން ކަލާނގެ ދެއްވި ނިއުމަތްތަކުން މަހްރޫމްވާންޖެހޭނެކަމަށް ޤަބޫލު ނުކުރި ކްރިސްޓިއަން ފާދިރީއަކު އިސްލާމްވެއްޖެއެވެ.

އެމެރިކާގެ ކެލިފޯނިއާއަށް ނިޞްބަތްވާ ހެންރީ އިސްލާމްވުމަށްފަހު ބުނީ އޭނާ ފާދިރީއަކަށްވުމަށް ޝައުޤުވެރިވީ ވަރަށް ޒުވާންއިރު ކަމަށާއި ކަންކަން އެއިރު ރަނގަޅަށް ނުވެސް ވިސްނޭ ކަމަށެވެ.

"އެއިރު އަހަރެންގެ އުމުރަކީ އެންމެ 18 ވަރަކަށް އަހަރު. އަހަރެންނަށް ވިސްނުނީ ފާދިރީންނަކީ ވަރަށް އުފަލުގައި ހަމަޖެހިގެން އުޅޭ ބައެއް ކަމަށް. ކައިވެނި ނުކުރެވުމުން އުފުލަންޖެހޭ ތަކްލީފުތަކަކީ ކިހައިވަރެއްގެ ތަކްލީފްތަކެއްކަން އިޙްޞާޞްވެސް ނުކުރެވޭ."

ހެންރީ ބުނީ އުމުރުން 30 އަހަރުވެގެން އައިއިރު އޭނާއަށް އަންބަކު ބޭނުންވާކަން އިހްސާސް ކުރެވުނު ކަމަށެވެ. އަދި ގިނަ ފާދިރީން ފަދައިން ސިއްރިޔާތުގައި ޖިންސީ ގުޅުންތައް ބާއްވަން ބޭނުން ނުވި ކަމަށެވެ.

"އާދީއްތަ ދުވަހު މިކިޔަންޖެހެނީ ހެޔޮ އަމަލުތައް ކުރާށޭ. ގޭގެއަށް ގޮސްވެސް ނަޞޭޙަތް ދެނީ ރަނގަޅަށް އުޅެން. ޒިނޭކުރުމާއި އެއް ޖިންސުން ގުޅުން ހިންގުމަކީ ކްރިސްޓިއަން ދީނުގައިވެސް ހުއްދަ ކަންކަމެއް ނޫން. ހަމަ ހަރާންކަންތައްތައް. އެފަދަ ކަންކަން ނުކުރަން އެހެން މީހުންނަށް ނަޞޭޙަތްދީފައި އަމިއްލައަށް އެކަންކަން ކުރުމަކީ ދެކޮޅުޖެހޭ ކަމެއް ކަމަށް ބުއްދިއަށް ޤަބޫލެއް ނުކުރެވުނު."

ހެންރީ ބުނީ އެހިސާބުން އޭނާ އެހެން ދީންތައް ދިރާސާކުރަންފެށި ކަމަށެވެ. އެގޮތުން ކީރިތި ޤްރްއާން ވެސް ވަރަށް ފުރިހަމައަށް ދިރާސާކުރި ކަމަށެވެ.

"މުސްލިމް އިމާމުންނާއި ދީނީ އިލްމުވެރިންވެސް ދިރިއުޅެނީ އެހެން މީހުން ފަދައިން ކައިވެނިކޮށްގެން. އެމީހުންގެ އަނބިދަރިން ތިބޭ. ފާދިރީއަކަށްވެ ކަލާނގެ އާއި ކައިރިވުމަކީ ކަލާނގެ ދެއްވި ނިއުމަތްތަކުން މަހްރޫމްވާންޖެހެންވީ އެއްވެސް ސަބަބެއް ބައިބަލްއަކުން ނުފެނުނު. ކައިވެނިކޮށް ރަނގަޅު ގޮތުގައި ތިމާގެ އެދުންތައް ފުއްދައިގެން އުޅެން ކީރިތި ޤްރްއާނުގައި އޮތީ."

ހެންރީ ބުނީ ކީރިތި ޤްރްއާން ދިރާސާކުރުމަށްފަހު އިސްލާމުން އުޅޭ ދިރިއުޅުން އޭނާ ދަސްކުރި ކަމަށެވެ. އިސްލާމުންގެ ދިރިއުޅުމުން އޭނާއަށް ފެނުނު ސިފަތަކަކީ އިންސާނުން ދުނިޔޭގައި އުޅެން އެންމެ ފުރިހަމަ ގޮތްކަމަށް ޔަޤީންކުރެވުނު ކަމަށެވެ.

ހެންރީ އިސްލާމްވުމަށްފަހު ވެސް ކުރަނީ ހަމަ ކުރިން ކުރި މަސައްކަތްތަކެވެ. އެހެން މީހުންނަށް ދީން އޮޅުންފިލުވައިދީ ދީނަށް ގޮވައިލުމުގެ މަސައްކަތްތަކެވެ. ނަމަވެސް ކްރިސްޓިއަން ދީނަކަށް ނޫނެވެ. އިސްލާމް ދީނަށެވެ. އިސްލާމް ދީނަށް މީހުން ވެއްދުމުގެ މަސައްކަތްތަކެވެ.

ހެންރީ މިހާރު ހުރީ ކައިވެނިކޮށްގެންނެވެ. އޭނާ ބުނީ އޭނާއަށް ފުރިހަމަ އިންސާނަކަށް ވެވުނުކަން އިހްސާސް ކުރެވުނީ އިސްލާމްވެ ކައިވެނިކުރިފަހުން ކަމަށެވެ.

ހެންރީ ބުނީ އަންހެނުން އުފެއްދެވީ ކައިވެނިކޮށް އިންސާނީ ދަރިފަސްކޮޅު އިތުރުކުރުމަށްޓަކައި ދަރިން ވިހެއުމަށްޓަކައި ކަމަށެވެ. ކްރިސްޓިއަން ނަނުންގެ ކިބައިން އެމީހުން އުފެއްދެވި މަޤްޞަދު ޙާޞިލު ނުވާކަމަށެވެ. އަދި މިކަމުން އެނގެނީ ކްރިސްޓިއަން ދީނަކީ ހަޤީޤީ ދީނެއް ނޫންކަމެވެ.

އިންސާނުން އިލްމުވެރިވެ މިހައި ކުރިއަރާފައިވާ ޒަމާނެއްގައި މިފަދަ ކަންކަމަށް ނުވިސްނާތީ ކަންބޮޑުވާކަމަށްވެސް ހެންރީ ބުނެއެވެ.
މިއަދު އޮންލައިން