ޕެރަޑައިސް އައިލެންޑް ރިސޯޓުގެ "އަވަރ ކަޕް" ފައިނަލު މެޗު މިއަދު ބޭއްވުމާއިމެދު ވަކިގޮތެއް އަދިނުނިންމާކަމަށް އެ ރިސޯޓުން ބުނެފިއެވެ.
މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން މުބާރާތުގެ އިންތިޒާމު ކޮމެޓީގެ މެމްބަރަކު ވިދާޅުވީ މޫސުން މިހާރު އޮތްގޮތުން ފަހަރެއްގައި ފައިނަލު މެޗު ފަހުގެ ތާރީޚަކަށް ބަދަލުކުރަން ޖެހިދާނެ ކަމަށެވެ. ނަމަވެސް ގޮތެއް ނިންމާނީ މިއަދު 14:30ގެ ފަހުން ކަމަށެވެ.
"މިއަދި މިދަނީ ވަރަށް ވިއްސާރަކޮށް. އެހެންވީމަ ވާރޭ ވެހެންޏާ ދަނޑުގަ އޮންނާނެ ފެންގަނޑު ވަރަށް ބޮޑޮކޮށް ހެދިފަ. އުނދަގޫވާނެ ކުޅެން. އެކަމަކު ގޮތެއް ނިންމާނީ މިއަދު 14:30ގަ. އެއީ އެއްދުވަސްވެސް ލަސްވެއްޖިއްޔާ ވަރަށް އުނދަގޫވެސްވާނެ. މި ރިސޯޓުގައި އަބަދުވެސް ގެސްޓުން އޮންނާނެ ފުލްކޮށް" އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މޫސުން ތަންދީ އަދި ކިރިޔާވެސް ކުޅެވޭނަމަ ފައިނަލް މެޗު ކުޅޭނެ ކަމަށެވެ.
ފައިނަލުގައި ބައްދަލުކުރާނީ އެފް އެންޑް ބީ ސަކްސެސް އާއި އެޗްކޭ އަމިގޯސްއެވެ.
މި މުބާރާތަކީ އެ ރިސޯޓުގެ މުއައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވާ،ފުޓްބޯޅަ ކުޅުންތެރިންގެ ހުނަރު އިތުރުކުރުވާ، މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށް ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތެކެވެ.