ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ބުލެޓްޕްރޫފްކޮށް ހަދަނީ

ކިޔުމަށް ހޭދަވާނީ 1މ 37ސ
ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ބުލެޓްޕްރޫފްކޮށް ހަދަނީ
މުސްލިމުންގެ ގިބްލަ ކަމަށްވާ މާތް ވެގެންވާ ކައުބަތުﷲ ގެފުޅު، ހުރިހާ ގޮތަކުން ވެސް ރައްކާތެރި ކުރެއްވުމަށް ބުލެޓްޕްރޫފް އުރަކޮޅެއް ހެދުމުގެ މަސައްކަތްތައް ކުރެވެން ފަށައިފިއެވެ.

އަލިފާނުގެ ހާދިސާތަކުންނާއި ބަޑީގެ އުންޑައިން އަދި މިސައިލް ތަކުން ރައްކާތެރިވާނެފަދަ ގޮތަށް، ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.

އެމަސައްކަތުގައި މައްކާ-އަލް-މުކްރަމާ ގެ ސްޕެޝަލިސްޓް ޓީމަކުންވަނީ މިޚާއްސަ އުރަކޮޅު ތައްޔާރު ކުރެއްވުމަށް "ފަޔަރވޯލް" ކެމިކަލް ބޭނުންކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކެމިކަލް އަކީ އަލިފާން ރޯވުމުންނާއި އުރަކޮޅަށް ބަޑީގެ އުންޑަ ވަނުމުން ރައްކާތެރި ކޮށްދޭނެ ކެމިކަލް އެކެވެ.

ކިންގް އަބްދުލް އަޒީޒް ކެމްޕަސް ގެ ޑައިރެކްޓަރ ޖެނެރަލް ޑރ. މުޙައްމަދު ބިން އަބްދުﷲ ބަޖާޖުދާ ވިދާޅުވި ގޮތުގައި ހޫނު މޫސުމާއި ގުޅިގެން ގެފުޅުގެ އުރަކޮޅު ވަރަށް އަވަހަށް ހަލާކުވަމުންދާ ކަމަށާއި، ބުލެޓްޕްރޫފްކޮށް އުރަކޮޅު އުފެއްދުމުން އެކަންކަމުން ސަލާމަތްވާނެ ކަމަށެވެ.

މާތް ވެގެންވާ ކައުބަތުﷲ ގެފުޅުގެ ބުލެޓްޕްރޫފް އުރަކޮޅު ވެސް ތައްޔާރު ކުރުމަށް ހަމަޖެހިފައިވަނީ ސިލްކުންނެވެ. އަދި އުރަކޮޅުގައި ލިޔެވިފައިވާ، ކީރިިތި ޤުރްއާނުގެ އާޔަތްތައް ވިޔެވިފައިވާނީ ރަނާއި ރިހީގެ ރޮދިންކަމަށް ވެސް ޑރ. މުޙައްމަދު ބިން ޢަބްދުﷲ އެޤައުމުގެ މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވެއެވެ. އުރަކޮޅު ހެދުމަށް ސިލްކު ގެންނަނީ އިޓަލީ އިން ކަމަށާއި ރަނާއި ރިހީގެ ރޮދި ގެންނަނީ ޖަރުމަނުން ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

ފާއިތުވީ އަހަރުތަކުގައި، މަސްޖިދުލް ޙަރާމް ހިމެނޭ ސަރަޙައްދުގައި ބަޔަކު މީހުންވަނީ ވަނީ މިސޭލުގެ ހަމަލާތަކެއް ވެސް ކައުބަތުﷲ ގެފުޅާއި ދިމާލަށް ފޮނުވާލާފައެވެ. މިއީ ވެސް، ކައުބަތުﷲ ގެފުޅު ހިމާޔަތް ކުރުމަށް ބުލެޓްޕްރޫފް އުރަކޮޅެއް ތައްޔާރު ކުރުމުގެ މައިގަނޑު އެއް ސަބަބު ކަމަށް ޑރ. މުޙައްމަދު ބިން ޢަބްދުﷲ ވިދާޅުވިއެވެ.
މިއަދު އޮންލައިން