އެގޮތުން މިފަހަރު ގެނައި ބަދަލު ޚާއްސަ ކޮށްލާފައިވަނީ ދިރާގު ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށެވެ. ޑޭޓާ ބޭނުން ކުރުމަށް ބޭނުންވާ ދިރާގު ޕޯސްޓް ޕެއިޑް ކަސްޓަމަރުން، އެކަސްޓަމަރެއް ބޭނުންވާ އަދަދެއްގެ ޑޭޓާ ޕެކޭޖެއް ނެގޭނެ ފުރުސަތު ދިރާގު އިން މިރޭ ވަނީ ހުޅުވާލާފައެވެ.
މިކަމާއި ގުޅޭ ގޮތުން މިރޭ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ޚާއްސަ ޚަފްލާއެއްގައި، މިބަދަލު އާންމުންނަށް ތަޢާރަފްކޮށްދެއްވީ ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ އިޒަބެލް އެވެ.
މިރޭގެ އެޚަފްލާގައި ވާހަކަ ދައްކަވަމުން އިޒަބެލް ވިދާޅުވީ ދިރާގު ޕޯސްޓް ޕެއިޑް ކަސްޓަމަރުން ބޭނުންވާ ޑޭޓާ ގެ އަދަދު އަމިއްލައަށް ޖެއްސެވުމުން، ދިރާގު އިން އެކަން ހަމަޖައްސައިދޭނެ ކަމަށާއި އޭގެ އިތުރުން އެބޭފުޅަކު އިޚްތިޔާރު ކުރާ ތިން ސޯޝަލް އެޕްލިކޭޝަނަކަށް ތިން ޖީބީ އިތުރު ކޮށްދެވޭނެ ކަމަށެވެ. އިޚްތިޔާރު ކުރެވޭ ސޯޝަލް އެޕްލިކޭޝަން ތެރޭގައި ހިމެނެނީ ވަޓްސްއެޕް، ވައިބަރ، އިންސްޓަގްރާމް، ފޭސްބުކް އަދި ސްނެޕްޗެޓް އެވެ.
ބޭނުންވާ އަދަދަކަށް ޑޭޓާ ޕެކޭޖު ނެގުމުގެ އިތުރުން، ބޭނުންވާ އަންލިމިޓެޑް އެސްއެމްއެސް އާއި އަންލިމިޓެޑް ވޮއިސް ޕެކޭޖް ވެސް ހިމެނޭ ކަމަށް އިޒަބެލް ވިދާޅުވިއެވެ.