ދިރާގު ރޯޑް ރޭސް މިފަހަރުވެސް ހުޅުމާލެ ގައި، ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު

ކިޔުމަށް ހޭދަވާނީ 1މ 17ސ
ދިރާގު ރޯޑް ރޭސް މިފަހަރުވެސް ހުޅުމާލެ ގައި، ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު
ކޮންމެ އަހަރަކުވެސް ދިރާގު އިން ރާއްޖޭގައި ބާއްވަމުން ގެންދާ "ދިރާގު ރޯޑް ރޭސް" މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ހުޅުމާލޭ ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. އެގޮތުން "ދިރާގު ރޯޑް ރޭސް 2017" ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 24 ވާ ހުކުރު ދުވަހުއެވެ.

ދިރާގު ރޯޑް ރޭހަކީ 2007 ވަނަ އަހަރުން ފެށިގެން އެކުންފުނިން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބާއްވަމުން ގެންދާ، ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ދުވުމެކެވެ. ބައިނަލްއަގްވާމީ ގޮތުން އެކްރެޑިޓް ކޮށްފައިވާ ހަމައެކަނި ދުވުމުގެ މިރޭސް ބާއްވާތާ މިއީ 11 ވަނަ އަހަރެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން، މިރޭހުގެ މިއަހަރުގެ ޝިއާރަކީ "ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމެވެ.

ކުޑަކުދިންގެ ޙައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތުގައި އުޅޭ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް ދިރާގު ރޯޑް ރޭސް ގައި ބައިވެރިވާނެއެވެ.


އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ ފަސް ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރޭހުގައި ބައިވެރިވުމަށް ދުވުންތެރިން ގަންނަ ޓީޝާޓުން ލިބޭ ފައިސާވެސް ޖަމިއްޔާތަކަށް ކުޑަކުދިންގެ ހައްގުގައި ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ދިރާގުން މައުލޫމާތު ދީފައިވެއެވެ.

ރެޖިސްޓްރީ ކުރާ ޖަމިއްޔާތައް ގައިޑްލައިނާ އެއްގޮތަށް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައި ޝާއިއު ކުރެވޭނެ ކަމަށާއި ހުރިހާ ދުވުންތެރިންވެސް ވެބްސައިޓުގައި ޝާއިއުވެފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެމީހެއްގެ ދުވުން ޚާއްސަ ކުރާނީ ކޮން ޖަމިއްޔާއަކަށްކަން ކަނޑައަޅާނެ ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.

މިއަދު އޮންލައިން