ގިނަ މައިންނަކީ އެމީހުންގެ ދަރީންނަށްޓަކައި ކޮންމެ ފަދަ ޤުރްބާނީ އެއްވެސް ވާން ތައްޔާރަށް ތިބޭ ބައެކެވެ. އުމުރުން ކިތަންމެ ގިނަ ދުވަހެއްވެފައިވީ ކަމުގައި ވިޔަސް، ހޭބުއްދި ހުރިހާ ދުވަހަކު މައިވަންތަ ކަމުގެ ކުލުނެއް އެފަދަ މައިންގެ ހިތުން ނުފިލައެވެ. ބަނޑު ތެރޭގައި އުފެދޭ ދުވަހުން ފެށިގެން ވެސް އެފަދަ މައިންގެ ހިތްތަކުގައި ހަމައެކަނި ވަނީ އެމީހުންގެ ދަރިންނަށްޓަކައި ލޯތްބާއި އޯގާތެރިކަމެވެ.
މިއީ ވެސް އެފަދަ މައެކެވެ. އުމުރުން 98 އަހަރުގެ އެޑާ ކީޓިންގ ޔޫކޭ ގެ ލިވަރޕޫލް ކައިރީގައި ހުންނަ، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މޮސް ވިއު ގެއަށް ބަދަލުވީ، އޭނާގެ އުމުރުން 80 އަހަރުގެ ދަރިފުޅު ޓޮމް ބަލަން އެހީތެރިވުމަށެވެ.
ޓޮމް އެގެއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެއިީ އުމުރުން ދުވަސްވުމާއި ގުޅިގެންނާއި އޭނާގެ ބަލިހާލަތު ހުރި ގޮތުން އިތުރު އެހީ އޭނާއަށް ބޭނުންވާ ކަމަށް ކަނޑައެޅުމުންނެވެ.
އޭގެފަހުން މިއަހަރު އޭނާގެ މަންމަ ވެސް ވަނީ، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ އެގެއަށް ގޮސްފައެވެ. އެޑާ އެގެއަށް ދިޔައީ އޭނާގެ ދަރިފުޅު ބަލަން އެހީތެރިވާން ބޭނުން ކަމަށް ބުނެ، ދަރިފުޅާއި އެއްގެއަކަށް ގެންގޮސްދިނުމަށް ވަރަށް ބޮޑަށް އެދުމުންނެވެ. ޓޮމް އަކީ އެޑާ ގެ ދޮށީ ދަރިފުޅެވެ. އެޑާ އާއި އޭނާގެ ފިރިމީހާއަށް ޓޮމް ގެ އިތުރުން ތިން އަންހެން ދަރިން ލިބިފައިވެއެވެ. އޭގެ ތެރެއިން އެންމެ ހަގު ކުއްޖާވަނީ އެކުއްޖާގެ އުމުރުން 13 އަހަރުގައި މަރުވެފައެވެ.
މޮސް ވިއުގެ މުވައްޒަފުން ބުނި ގޮތުގައި ޓޮމް އާއި އެޑާ އަބަދުވެސް އުޅެނީ އެކުއެކީގައެވެ. އެދެމައިން އެކަކު އަނެކަކު ދެކެވާ ލޯބި ފެންނަން ހުންނަ ކަމަށާއި އެކުއެކީގައި ތަފާތު ގޭމުތައް ކުޅެ ޓީވީ ބެލުންފަދަ ކަންކަން ވެސް ކުރަމުންދާ ކަމަށް އެމީހުން ބުންޏެވެ. ޓޮމް އަކީ ދުވަހަކުވެސް މީހަކާއި ކައިވެނި ކުރި މީހެއް ނޫން ކަމަށާއި އޭނާ އަބަދުވެސް ދިރިއުޅެމުން ދިޔައީ އެޑާ އާއިއެކު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އޭނާގެ ދަރިފުޅު ޓޮމް އާއި ބެހޭ ގޮތުން "ލިވަރޕޫލް އިކޯ" އަށް މައުލޫމާތު ދެމުން އެޑާ ބުނީ ކޮންމެ ދުވަހަކު ވެސް ހެނދުނު ގަޑީގައި އެންމެ ފުރަތަމަ ޓޮމް އަށް ފެންނާނީ އޭނަ ކަމަށާއި ޓޮމް ނިދާނީވެސް އެޑާއަށް ގުޑް ނައިޓް ބުނުމަށް ފަހު ކަމަށެވެ. އަދި އެޑާ ބޭރަށް ދާ ކޮންމެ ފަހަރަކު، އޭނާ އަންނަންދެން ޓޮމް އިންތިޒާރު ކުރާ ކަމަށާއި ގެއަށް ދިޔުމުން އުފަލުން އޭނާ ގައިގާ ބައްދާލާ ކަމަށް ބުންޏެވެ.
"މައިންވަންތަ ކަމަކީ ދުވަހަކުވެސް ނިމޭނެ ކަމެއް ނޫން" އެޑާ ބުންޏެވެ.