މިސްކިތްތަކާއި ދީނީ ނަޞޭޙަތްދޭ ތަންތަން ފުލުހުން ބޭނުންވެއްޖެނަމަ ވަގުތުން ބަންދުކުރުމުގެ ހުއްދަ ފްރާންސުން އެޤައުމުގެ ފުލުހުންނަށް ދީފިއެވެ. ދީނީ ނަޞޭޙަތްދޭ ތަންތަން މާނަކޮށްފައިވަނީ ފިތުނަ އުފައްދާ ތަންތަނުގެ ގޮތުގައެވެ.
މިކަންކަން ހިމަނާފައިވަނީ ބުދަ ދުވަހު އަމަލުކުރަންފެށި ޓެރަރިޒަމް ހުއްޓުވާ ޤާނޫނުގައެވެ. އެ ޤަނޫނަށް އަލުކުރަން ފެށުމާއިއެކު ފްރާންސުން އިއުލާނުކުރި ކުއްލި ހާލަތު 2 އަހަރަށްފަހު މިހާރު ވަނީ އުވައިލައިފައެވެ.
ފްރާންސްގެ ބޮޑުވަޒީރު ފިލިޕެ ބުނެފައިވަނީ ސަލާމަތްކަން އޮތް އެއްވެސް ޤައުމެއް މިހާރު ނެތް ކަމަށާއި ފްރާންސުން މިފަދަ ފިޔަވަޅުތަކެއް އެޅީ ޤައުމީ ސަލާމަތަށްޓަކައި ކަމަށެވެ. ޢާންމު ރައްޔިތުން ބުނަނީ މިއީ ރައްޔިތުންގެ މިނިވަންކަމަށް އަރައުިގަތުން ކަމަށެވެ.
ފްރާންސުގައި އަމަލުކުރަންފެށި ޤާނޫނުގެދަށުން ފުލުހުން ބޭނުންވެއްޖެނަމަ ކޮންމެ ސަރަހައްދެއްވެސް ބަންދުކުރެވިދާނެއެވެ. އަދި ބޭނުންވަރަކަށް ބަލައި ފާސްކުރެވިދާނެއެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ މިފަދަ ބާރުތަކެއް ފުލުހުންނަށް ދިނުމުން ކުރިމަތިވާނީ އިތުރު މައްސަލަތައް ކަމަށެވެ.
ކުއްލި ހާލަތު އުވައިލި ނަމަވެސް ކުއްލި ޙާލަތުގައި އަމަލުކުރާ ގިނަ ކަންތައްތައް އައު ޤާނޫނުގައި ހިމަނާފައިވުމުން މާބޮޑު ތަފާތެއް ނެތްކަމަށް ވަނީ ބެލެވިފައެވެ.