އުރަމައްޗަށް ކެންސަރުޖެހި އެންމެ ފަހު ފަރުވާއެއްގެ ގޮތުގައި ކީމޯތެރަޕީ ނަގަމުންދިއަ ޔޫއޭއީގައި ދިރިއުޅޭ މިޞުރު އަންހެނަކު އޭނާގެ 4 ވަނަ ދަރިފުޅު ވިހައިފިއެވެ. ދެމައިންގެ ހާލުވެސް ރަނގަޅެވެ.
ފިރިމީހާ ބުނީ އިތުރު ދަރިއަކު ލިބޭތީ ދެމަފިރިން ތިބީ ވަރަށް އުފަލުން ކަމަށާއި ކޮއްކޮއެއް ލިބެން އުޅޭތީ ދަރިންވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ. ނަމަވެސް ކުއްލިއަކަށް އައި ބޮޑު ޒަލްޒަލާއަކަށް ވެގެންދިއައީ އަނބި ރާޝިދާގެ އުރަމައްޗަށް ކެންސަރު ޖެހިފައިވާކަން އެނގުމުން ކަމަށެވެ. "އެކަންވެގެން ދިއައީ މަރުވުން ފަދަ ކަމަކަށް."
ސުލައިމާން ބުނީ ބަނޑަށް 16 ހަފްތާއިން ފެށިން ކީމޯ ތެރަޕީ ނަގަމުން އައި ކަމަށާއި 12 ފަހަރު ކީމޯ ތެރަޕީ ނަގާފައިވާ ކަމަށެވެ. "ދަރިފުޅަށް މިހާރު 4 މަސް. ދެމައިންގެ ހާލުވެސް މާތް ﷲ ވާގިފުޅާއިއެކު ރަނގަޅު. މިއީ އެހެން ޤައުމެއްގައި ލިބޭނެ ފަރުވާއެއް ނޫން."
"އަންހެނުން ވިހެއީ 38 ވަނަ ހަފްތާގައި މިދިއަ ޖޫންމަހު. ދަރިފުޅުގެ ބަރުދަނުގައި 3 ކިލޯހުރި. މިއީ މާތް ﷲ ގެ މުޢުޖިޒާތެއް. މާތް ﷲ އަށް ހާސްފަށުން ހަމްދުކުރަން."
ސުލައިމާން ބުނީ ރާޝިދާ ދަރިން ގޮވައިގެން އާންމު ދިރިއުޅުމެއް މިހާރު އުޅެމުން ގެންދާ ކަމަށެވެ. އަދި އޭނާގެ ބަލިވެސް ފަސޭހަވެއްޖެ ކަމަށެވެ.