ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ބާއްވާ "ޓްވިޓްސަލް" މުބާރާތުގެ މިއަހަރުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފިއެވެ. މިއީ މިމުބާރާތް ބާއްވާތާ އަށް ވަނަ އަހަރެވެ.
އެއް ދުވަހުގެ މިމުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 8 ޑިސެމްބަރ 2017 ވަނަ ދުވަހުއެވެ. ކޮންމެ އަހަރަކުވެސް ބޭއްވޭ މިމުބާރާތަކީ ޓްވިޓަރ ބޭނުން ކުރާ ދިވެހިންނަށް ބައިވެރިވާ ފުޓްސަލް މުބާރާތެކެވެ.
މިއަދު ހަވީރު ދިރާގު ހެޑް އޮފީހުގައި ބޭއްވުނު، މިމުބާރާތުގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއިއެކު ބޭއްވުނު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި، "ޓްވިޓްސަލް" މުބާރާތުގެ މެެެއިން ސްޕޮންސަރ ދިރާގު ގެ ފަރާތުން ސޮއި ކުރެއްވީ ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ އިޒަބެލް ހަޖްރީއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިޒަބެލް ވިދާޅުވީ މިފަދަ ފޯރިގަދަ މުބާރާތެއްގެ މެއިން ސްޕޮންސަރަކަށް ދިރާގު ވުމަކީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
މުބާރާތާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިމުބާރާތުގެ އެއް އޯގަނައިޒަރ އެއް ކަމަށްވާ އީވާން އާމިރު ވިދާޅުވީ މިއަހަރުގެ މިމުބާރާތުގައި ކެއާރސޮސައިޓީވެސް ބައިވެރިވާ ކަމަށާއި އެއީ ކުޑަކުދިންނަށް އެހީވުމަށްޓަކައި ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.