އިސްލާމީ ހަމަތަކުގެ މަތިން ގޭތެރޭގައި އުފާވެރި މާހައުލެއް ގާއިމް ކުރެވިދާނެ ގޮތްތަކެއް

ކިޔުމަށް ހޭދަވާނީ 2މ 40ސ
އިސްލާމީ ހަމަތަކުގެ މަތިން ގޭތެރޭގައި އުފާވެރި މާހައުލެއް ގާއިމް ކުރެވިދާނެ ގޮތްތަކެއް
ގޭތެރޭގައި އުފާވެރި މާހައުމެއް ބިނާވެފައިވުމަކީ އާއިލީ ގުޅުންވެސް ވަރުގަދަވެ އަންނަން އޮތް ޖީލުވެސް ހެޔޮގޮތުގައި ބޮޑުވުމަށް މަގުފަހިވާ ކަމެކެވެ.

ހަމަޖެހޭ ދިރިއުޅުމެއް ލިބި، ދިރިއުޅުން އުފާވެރިވާނީ ހަމަ ޔަގީނުންވެސް އިސްލާމީ ރިވެތި ހަމަތަކުގެ މަތީން އުޅުމުންކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ.

އެގޮތުން، އިސްލާމީ ހަމަތަކުގެ މަތީން ގޭތެރޭގައި ނުވަތަ ތިމާ ދިރިއުޅޭ ތަނުގައި އުފާވެރި މާހައުލެއް ގާއިމް ކުރެވިދާނެ ވަރަށް ވެސް ފަސޭހަ ގޮތްގަތެއްވެއެވެ.

• ތިމާ ދިރިއުޅޭ ތަނަކީ މާތް ﷲ އަށް އަޅުކަން ކުރެވޭ ތަނަކަށް ހެދުން

މިހެން ބުނުމުގެ މާނައަކީ، ތިމާ ދިރިއުޅޭ ތަނުގައި ބުދުފަދަ ތަކެތި ނުބަހައްޓާ، އަހަރެމެން ހެއްދެވި ފަރާތަށް އަޅުކަން ކުރެވޭފަދަ ގޮތަކަށް ގޭތެރެ ބެހެއްޓުމެވެ. ކީރިތި ޤުރްޢާނުގެ އެކިއެކި ސޫރަތްތައް ގޭގެ އެކި ތަންތަނުގައި ހަރުކުރާށެވެ އަދި ގޭތެރޭގައި ގިނަގިނައިން ޤުރްޢާން ކިޔާވާ މާތް ﷲ އަށް އަޅުކަންކޮށް ޛިކްރުވެސް ކުރާށެވެ.

• ގެއާއި އިބިލީސް ދުރުކޮށްފައި ބެހެއްޓުން

ގެއަކަށް ވަނުމުގެ ކުރިން ސަލާމް ގޮވުމަކީ އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ހަމައެފަދައިން ގެއަށް ވަނުމުގެ ކުރިން ބިސްމިﷲ ކިޔުން ވެސް މުހިންމެވެ. ޝައިޠާނާ ތިމާއާއި ތިމާގެ އާއިލާއި ދުރުކޮށްފައި ބެހެއްޓުމަށްޓަކައި، ގެތެރޭގައި ސޫރަތުލް ބަޤަރާ ގިނަގައިން ކިޔެވުމަށް ދީނީ ޢިލްމުވެރިން ލަފާ ދެއްވާފައިވެއެވެ.

• އެކަކު އަނެކަކަށް އިޚްތިރާމްކޮށް. އިތުބާރުކޮށް، އޯގާތެރިކަމާއިއެކު ދިރިއުޅުން

އެއް އާއިލާއެއްގެ ތެރޭގައި އެކަކު އަނެކަކަށް ހިތް ނުބައިކޮށް، އެހީތެރިނުވެ އުޅުމަކީ އިސްލާމްދީނާއި ޚިލާފުކަމެއްކަން ރަސޫލާ (ޞޢޥ) ގެ ޙަދީޘްފުޅު ތަކުން ވެސް ހާމަވެފައިވެއެވެ. އެއް އާއިލާއެއްގެ ތެރޭގައި ޒުވާބު ކުރުން ގިނަވުމުން އެކަކު އަނެކަކަށް އިޚްތިރާމް ނުކުރެވޭނެއެވެ. އަދި ހަމަ އެފަދައިން އާއިލާއެއްގެ ތެރޭގައި ހިނގާ ކަންކަން އެހެން މީހުންނަށް ކިޔާދިނުމަކީ ވެސް ވަރަށް ނޭދެވޭ ކަމެކެވެ. އެކަކު އަނެކަކަށް އޮންނަ އިތުބާރުވެސް ގެއްލޭ ކަމެކެވެ.

• އާއިލާގެ ތެރޭގައި ނިންމާ ކަންކަން އެންމެންނާއި ވެސް މަޝްވަރާކޮށްފައި ނިންމުން

ގިނަ ފަހަރަށް އާއިލާއެއްގެ ތެރޭގައި ނިންމަން ޖެހޭ މުހިންމު ނިންމުންތައް، ހަމައެކަނި އެކަކު ދެމީހަކު މަޝްވަރާކޮށްގެން ނިންމުމުން، އެއާއިލާގެ ތެރޭގައި އެކަކު އަނެކަކަށް ހިތްހަމަ ނުޖެހުމާއި ދެބަސްވުންތަކާއި ކުރިމަތިވެއެވެ. އެހެންކަމުން އާއިލާގެ ތެރޭގައި ނިންމަންޖެހޭ ނިންމުންތަކުގައި، އެންމެންވެސް ޝާމިލުކޮށްގެން މަޝްވަރާ ކުރުމަށާއި އެންމެންގެ ޚިޔާލުގެ މައްޗަށް ނިންމުންތައް ނިންމުމަށް އިސްލާމް ދީން ބާރު އަޅައެވެ.

• އާއިލީ ޒިންމާތައް އަދާކުރުން

އާއިލާއެއްގެ ތެރޭގައި ވެސް އެކަކު އަނެކަކުގެ މައްޗަށް އަދާ ކުރަންޖެހޭ ޒިންމާތަކެއްވެއެވެ. މިސާލަކަށް ބުނަނީ ނަމަ މައިންބަފައިން ދަރީންނަށް އަޅާލުމާއި ދަރީންގެ މެދުގައި ތަފާތު ނުކުރުން، ދަރީން މައިންބަފައިން ބެލުން، ހާލުގައި ޖެހިފައިވާ ތިމާގެ އަޚު ނުވަތަ އުޚްތަށް އެހީތެރިވުން، އެކަނިވެރި މަޔަކަށް ވެފައިވާ ތިމާގެ ކޮއްކޮއާއި އޭނާގެ ދަރީންނަށް ހަމްދަރްދީވެ އެހީތެރިވުން ފަދަ ކަންކަމެވެ. އެއް އާއިލާއެއްގެ ތެރޭގައި ކޮންމެ މީހަކަށް ވެސް އެކަކު އަނެކަކުގެ މައްޗަށް ޒިންމާތަކެއްވާ ކަމަށާއި އެކަންކަން ފުރިހަމަ ކުރުމަކީ އިސްލާމީ ރިވެތި އުސޫލެއް ކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
މިއަދު އޮންލައިން