އަންހެން ދަރިފުޅު ކިޔަވައިގެން ގެއަށް އަންނަނިކޮށް ދެމީހަކު ވެގެން ހިފަހައްޓައި ރޭޕް ކުރުމަށްފަހު ކުއްޖާ ބަނދެ އިތުރު 2 މީހަކުގެނުވައިގެން ރޭޕްކުރި މައްސަލައެއް ފުލުހުން ބަލައިނުގަތުމުން ކުއްޖާގެ މަންމަ (ފުލުހެއް) އަމިއްލައަށް އެކަންކުރި މީހުން ހޯދައި ފުލުހުންނާއި ހަވާލުކޮށްފިއެވެ.
ޕޮލިސް މަންމަ ވަނީ އެ މައްސަލަ ފުލުހުންގެ ދެ މަރުކަޒަކަށް ހުށަހަޅައިފައެވެ. އެއްވެސް ތަނަކުން މައްސަލަ ބަލައިގަންނަން އެއްބަހެއް ނުވިއެވެ. ބުނަނީ އެއީ ކުއުްޖާ ހަދައިގެން ދައްކާ ވާހަކައެއް ކަމަށެވެ.
ދަރިފުޅު ގޮވައިގެން ދުއްވަނިކޮށް އެކަމުގައި އިސްކޮށް އުޅުނު ދެމީހުން ފެނުމުން ގޮސް އެމީހުންގެ މައްޗަށް ބާރުހިންގައި އަމިއްލައަށް ހައްޔަރުކޮށްގެން ގެންގޮސް ފުލުހުންނާއި ހަވާލުކުރީއެވެ.
ފުލުހުން މިހާރު ގެންދަނީ މައްސަލަ ބަލަމުންނެވެ. އަދި މައްސަލަ ބަލައި ނުގަތް ސަބަބު ބަލަމުން ގެންދާ ކަމަށްވެސް ބުނެއެވެ.
ޕޮލިސް މަންމަ ބުނެފައިވަނީ އޭނާއަކީ ފުލުހަކަށްވާއިރު އޭނާއަށް މިހާލަތު ކުރިމަތިވުމުން އާންމު ރައްޔިތުންނަށް ކަންކަން މެދުވެރިވާނެ ގޮތާއިމެދު ކަންބޮޑުވާނެ ކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ބޯޕާލުގައި ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ.