ދިރާގު ރޯޑު ރޭހުގައި ބައިވެރިވުމަށް ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 51ސ
ދިރާގު ރޯޑު ރޭހުގައި ބައިވެރިވުމަށް ހުޅުވާލައިފި
ދިރާގު ރޯޑު ރޭހުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ކޮންމެ އަހަރަކުވެސް ދިރާގުން ބާއްވަމުން އަންނަ "ދިރާގު ރޯޑް ރޭސް" މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރ މަހުގެ 24 ވާ ހުކުރު ދުވަހު ހުޅުމާލޭގައެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިރޭހުގެ މިއަހަރުގެ ޝިޢާރުގެ ގޮތުގައިވެސް "ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުން" ހަމަޖައްސާފައިވާ އިރު، މިއަހަރުގެ ދުވުމުގައިވެސް ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތް ކުރުމުގެ މަސައްކަތްކުރާ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް ދިރާގު ރޯޑްރޭހުގައި ބައިވެރިވާނެއެވެ.

އެގޮތުން މިއަހަރުގެ ޖަމިއްޔާތަކަކީ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރކް)، ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަން، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސެބިލިޓީސް (އެމްއޭޕީޑީ)، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ، ސޮސައިޓީ އޮފް ހެލްތު އެޑިއުކޭޝަން (ޝީ) އަދި ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއެވެ.

މި ޖަމިއްޔާތަކުގެ ނަން ދިރާގު ވެބްސައިޓުގައި މިހާރު ޝާއިޢުކޮށްފައިވާ އިރު، ހުރިހާ ދުވުންތެރިންވެސް ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެމީހެއްގެ ދުވުން ޚާއްސަ ކުރާނީ ކޮން ޖަމިއްޔާއަކަށްކަން ރެޖިސްޓްރޭޝަން މަރުހަލާގައި ފާހަގަކުރަން ޖެހެއެވެ.

އެންމެ ގިނަ ދުވުންތެރިން ޚިޔާރުކުރާ ފަސް ޖަމިއްޔާއަކަށް 200،000 ރުފިޔާ ދިރާގުން ހަދިޔާ ކުރާއިރު، ރޭހުގައި ބައިވެރިވާ ދުވުންތެރިން ގަންނަ ޓީޝާޓުން ލިބޭ ފައިސާވެސް ޖަމިއްޔާތަކަށް ކުޑަކުދިންގެ ޙައްޤުގައި އަންނަނީ ހަދިޔާ ކުރަމުންނެވެ.

2007 ވަނަ އަހަރުން ފެށިގެން ދިރާގުން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބާއްވަމުން އަންނަ މި ދުވުމުގައި ހިމަނާފައިވަނީ 5 ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ދުވުމެވެ. އަދި މިއީ ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓް ކޮށްފައިވާ ދުވުމެކެވެ.

މި ރޭހުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރެވޭނީ މި މަހުގެ 15 ގެ ނިޔަލަށެވެ. އަދި ރެޖިސްޓްރީ ކުރެވޭނީ އެ އިވެންޓުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެންމެ ފުރަތަމަ ރެޖިސްޓްރީ ކުރާ 3،000 މީހުންނަށެވެ.



މިއަދު އޮންލައިން