ކަމަނަ (ހަތަރުވަނަ ބައި)

ކިޔުމަށް ހޭދަވާނީ 11މ 1ސ
ކަމަނަ (ހަތަރުވަނަ ބައި)
"އެހެން ނުވާނެ. އެންމެ ފަހުން އައިދަން ގޮވައިގެން އަތިރިމައްޗަށް ގޮއްސަ އައި ފަހުން ކޮންމެ ރެއަކު ދަންވަރު 2:00 ޖަހާއިރު ދަރިފުޅު ގެއިން ނިކުމެގެން ދާތަން މަންމަ ދުށިން"

މަންމަ އެހެން ބުނުމުން ޔޫސުފް އަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އޭނާ ހަނދާންވާ ގޮތުގައި ކޮންމެ ރެއަކު އެކެއް ޖެހުމުގެ ކުރިން އޭނާ ނިދައެވެ. އަދި ހޭލެވެނީ ހެނދުނު ހަތެއް ޖަހާކަން ހާއިރުއެވެ. ނަމަވެސް ކޮންމެ ރެއަކު ދަންވަރު ބޭރަށްދާކަމަށް މަންމަ ބުނުމުން، ޔޫސުފް އަށް އަނެއްކާ ބޭރަށް ދެވެނީތޯ އޭނާގެ އަމިއްލަ ހިތުގައި ވެސް ސުވާލު އުފެދުނެވެ. ކޮންމެ ގޮތެއް ވިޔަސް މަންމަ ދޮގެއް ނުހަދާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ބޭރަށް ނިކުމެވޭއިރު ވެސް ނިދިއައިސްފަ ހުންނަވަރުން ހަނދާން ނުވަނީކަމަށް ނިންމާ، އެކަމާއިމެދު ވިސްނުން ހުއްޓާލިއެވެ.

އެއިރުވެސް ޔޫސުފް ކައިރީގައި މަންމަ އިނުމުން، އޭނާ ނިންމީ އެވަގުތު ކަމަނަ ގެ ވާހަކަ މަންމަ ގާތު ދައްކާށެވެ. މާލަސްތަކެއް ނުކޮށް ކަމަނަ އެގެއަށް ގެންދިޔުމަށެވެ. އަދި އޭނާގެ އަނތްބަކަށް ވެސް ހެދުމަށްޓަކައެވެ.

"މަންމާ، އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ" މަންމައާއި ހަތަރު ކަޅި ހަމަ ކުރަން ވެސް ނުކެރިހުރެ ޔޫސުފް ބުންޏެވެ.

"ކޮން ވާހަކައެއް ދަރިފުޅާ؟ އަވަހަށް ބުނޭ" ޔޫސުފްގެ އަނގައިން އެފަދަ އެއްޗެއް ވަރަށް ގިނަ ދުވަސް ފަހުން ބުނުމުން، އޭނާގެ މަންމަ ވެސް އެވާހަކަ ވަރަށް ބޮޑަށް އަޑުއަހާ ހިތްވިއެވެ.

"އަހަންނަށް ވަރަށް ކަމުދާ އަންހެން ކުއްޖަކާ ދިމާވެގެން މިއުޅެނީ. އޭނައާއި ކައިވެނި ކުރާ ހިތުން...." ކަމަނަގެ ވާހަކަ ފަށާނެ ގޮތެއް ނޭނގިގެން، އާގަންނަމުން ކަހަލަ ގޮތަކަށް ޔޫސުފް އަށް ބުނެވުނެވެ.

އޭނާގެ މަންމަ ވަރަށް އުފާވިއެވެ. "އަސްލުވެސްތަ ދަރިފުޅާ؟ އެއީ ކޮންކުއްޖެއް؟ މިރަށު ކުއްޖެއްތަ؟ އޭނަވެސް ޤަބޫލުތަ ދަރިފުޅާ ކައިވެނި ކުރަން؟"

"އާނ މަންމާ. އޭނަ ވެސް އެއްބަސް ވެއްޖެ ކައިވެނި ކުރަން" ކަމަނަ ހުށަހެޅި ޝަރުތުތައް ނުކިޔާދީ ޔޫސުފް ބުންޏެވެ. "އެކުއްޖާއަށް ކިޔަނީ 'ކަމަނަ'. މިރަށުގަ އުޅެނީ."

"ކަމަނަ އޭ؟" ހައިރާންވެފައި ޔޫސުފް ގެ މަންމަ އަށް އަހާލެވުނެވެ. "ތިނަން ކިޔާ ކުއްޖެއް މިޒަމާނުގަ އުޅޭނެ ކަމަކަށް ވެސް މަންމަ ހިއެއް ނުކުރަން. މަންމަމެން ޒަމާނުގައި ވެސް ތިނަން ކިޔާ އުޅުނީ ވަނަމަކަށް. އެކުއްޖާއަށް އަސްލު ކިޔަނީ ކޮން ނަމެއް؟" ކަމަނަ ގެ ނަމާއިމެދު ޔޫސުފްގެ މަންމަ ވަރަށް ބޮޑަށް ހައިރާންވިއެވެ.

"އަ..އަސްލު ނަމެއް ނޭނގެ. އޭނަ ބުނީ އެނަން ކިޔާށޭ. އެހެންވެ ނުވެސް އަހަން އެއީތޯ އަސްލު ނަމަކީ... ވަރަށް ރީތި ކުއްޖެއް އެއީ" އެވަރު ކަމަކާ މަންމަ ވިސްނާފާނެ ކަމަށް ޔޫސުފްއަށް ހީވެފައި ނުވުމުން، އެވާހަކަ ދައްކަން ޖެހިލުންވެފައި އިނދެ ޔޫސުފް ޖަވާބުދިނެވެ.

"ދަރިފުޅާ ރީތި ކަމަކީ ހުރިހާ އެއްޗެއް ނޫނޭ. ރީތިވީމަ އެނިމުނީކީ ނޫން. ކައިވެންޏެއް ކުރަންވާނީ އެމީހެއްގެ ތެދު ހަގީގަތް ވަރަށް ރަނގަޅަށް ބަލާފަ، އެއީ ކޮންކަހަލަ މީހެއްކަން ރަނގަޅަށް އެނގިގެން. އަނެއްކާ ދަރިފުޅު ކައިރީގަ އޭނަ އެބުނީ ދޮގު ނަމެއް ނޫންތަ؟"

ޔޫސުފްގެ މަންމަ ހަމަ އެހެން ބުނުމާއިއެކު ކުއްލިއަކަށް ފާރުގައި ހަރުކޮށްފައި އިން ގަނޑި ވެއްޓި ތަޅައިގެން ދިޔައެވެ. އެއަޑަށް އައިދަން އަށް ވެސް ހޭލެވިގެން ރޯން ފެށިއެވެ. ކޮޓަރީގެ ކުދަދޮރުތައް ވެސް ލައްޕާފައި ހުއްޓާ، އަދި ބާރު ވައިރޯޅިއެއް ވެސް އެކޮޓަރި ތެރެއަށް ނުޖެހޭއިރު، ކުއްލިއަކަށް ގަނޑި ވެއްޓުނީ ކީއްވެ ކަމެއް އެދެމައިންނަކަށް ނޭނގުނެވެ.

ޔޫސުފް އަވަހަށް ގޮސް އައިދަން އުރާލިއެވެ. އެވަގުތު އޭނާގެ މަންމަ ދިޔައީ ތަޅުންގަނޑުމަތިން ފުޅިތޮށިތައް ނަގާ އެތަން ސާފު ކުރުމަށެވެ. ފުޅިތޮށިތައް ސާފު ކުރަން އުޅުމުގެ ތެރޭގައި ޔޫސުފްގެ މަންމަގެ ޝަހާދަ އިނގިލި ކަނޑައިގެން ދިޔައެވެ. އެހެންކަމުން ޔޫސުފް އަވަސްވެ ގަތީ މަންމަގެ އިނގިލިން ލޭމަނާކޮށް ބޭސް އަޅާ ދިނުމަށެވެ.

"އަޖައިބެއް ކަހަލަ ކަންތައްތަކެއް ދިމާވާ ދުވަސްކޮޅެއް މިއީ" ވަމުން ދިޔަ ކަންތައްތަކާއި މެދު ވަރުބަލިކަމާއިއެކު ވިސްނާލަމުން ޔޫސުފްގެ މަންމަ އޭނާ ގާތު ބުންޏެވެ.

"ދަރިފުޅާ. ކަމަނަ މަންމަ އަށް ދައްކައްޗޭ އިނގޭ. ދަރިފުޅު ކައިވެނި ކުރަން ވާނީ މަންމައަށް އޭނަ ފެނުމަށްފަހު. ކުރިން ފަހަރު ލިބުން ކަހަލަ ދެރައެއް އަނެއްކާވެސް ދަރިފުޅަށް ލިބެން މަންމަ ބޭނުމެއް ނޫން. މަންމަ ދަރިފުޅުގެ އުފަލަކަށް ހުރަސް އަޅަނީކީ ނޫން. އެކަމަކު މަންމަ ބޭނުން، ދަރިފުޅު ކައިވެނި ކުރުމުގެ ކުރިން ކަމަނަ އަކީ ކޮންކަހަލަ ކުއްޖެއްތޯ ބަލަން. އެޔެއް މަންމަ ބަލާފަ ހުއްދަ ދިނުމުގެ ކުރިން ދަރިފުޅު ނުވާނެ އޭނައާއި ކައިވެނި ކުރަން ނިންމައިގެނެއް. އެންމެ ރަނގަޅުތަ؟" ވަރަށް ސީރިއަސް ކަމާއިއެކު ޔޫސުފް ގެ މަންމަ ޔޫސުފް ގާތު އެހެން ބުނީ، އޭނާއާއި ވަރަށް ގާތުގައި، ރުޅިވެރި ކަމާއިއެކު ކަމަނަ ބަލަން ހުރިކަން ނޭނގިއެވެ.

"އެންމެ ރަނގަޅު މަންމާ. މަންމައަށް ކަމަނަ ދައްކާނަން. ޔަގީން މަންމަ އަށް ވެސް އޭނަ ކަމުދާނެކަން. އަދި އެބައޮތް އެއް ވާހަކަ އަހާލަންވެފަ މަންމާ."
"ކޮން ވާހަކައެއް؟"

"ކަމަނަ ދިރިއުޅެނީ ވީރާނާވެފައި ހުރި ގެއެއްގައި އެކަނިމާއެކަނި. އެހެންވެ އަހަރެން ބުނިން މިގެއަށް އަންނަންވީ ނޫންހޭ އުޅެން. މަންމަ އަށް ވެސް ތަންކޮޅެއް ފަސޭހަ ވާނެއްނު. މަންމަ ހުއްދަ ދިނީމަ ކައިވެނި ކުރަން ވިޔަސް، ހެޔޮތަ އޭނަ މިގޭގަ ބެހެއްޓިޔަސް؟ އެއިރުން މަންމައަށް އޭނަ ދަސްކުރަން ފަސޭހަ ވެސް ވާނެއްނު" ކަމަނަ އާއި މެދު މަންމަ އާނ ބަސް ބުނާނެކަން ޔަގީން ކުރަމުން ޔޫސުފް އެއްސެވެ.

"އެންމެ ރަނގަޅު ގެނަޔަސް. އެކަމަކު އެހާ ގިނަ ދުވަހު އެގޮތަށް ބެހެއްޓުން ރަނގަޅެއް ނުވާނެ ދޯ. އެއިރުން މީހުން ފާޑުފާޑުގެ އެއްޗެހި ކިޔާނެ. މަންމަ ބުނާނަން މީހުން ކައިރީގައި ކަމަނައަކީ މަންމަ ގެ ގާތްތިމާގެ މީހެއްގެ ދަރިއެކޭ، ދުވަސްކޮޅަކު ހުރެލަން އައީ އެވެ. އެކަމަކު ހަފްތާއެއްވަރު ފަހުން ކަމަނައަށް ޖެހޭނީ ދާން. ދަރިފުޅާއި އޭނަ ކައިވެނި ކުރުން ރަނގަޅު ކަމަށް މަންމައަށް ފެންނަންދެން" މަންމަގެ އެނިންމުންތަކާއި މެދު ޔޫސުފް ފުދޭވަރަކަށް ހިތްހަމަ ވެސް ނުޖެހުނެވެ. ނަމަވެސް މަންމައާއި ޖަދަލު ކުރުމަކީ ދުވަހަކުވެސް ޔޫސުފް ކުރިކަމަކަށް ނުވާތީ އެކަމަށް ވެސް އެއްބަސްވިއެވެ.

އެދުވަހު އޮފީހަށް ނުގޮސް، އައިދަން އާއިއެކު އުޅުމަށްފަހު، މެންދުރު ކައިނިމިގެން ޔޫސުފް ދިޔައީ އޭގެ ކުރީ ރޭ އޭނާ ދިޔަ ރުއް ދަނޑާއި ދިމާލަށެވެ. ކަމަނަ އާއި އޭނަގެ ސައިކަލު ބަލައެވެ. އެއީ ވަރަށް ދުރު ހިސާބެއްކަމަށް ވުމުން، އެހިސާބަށް ޔޫސުފްއަށް ދެވުނީ ގާތް ގަނޑަކަށް ގަޑީރެއްހާއިރު ފަހުންނެވެ. އެހިސާބުގައި އެއިރުވެސް އެއްވެސް މީހަކު ނޫޅެއެވެ.

އެރޭ ވެސް ދިޔަ މަގުން ރުއްދަނޑު ތެރެެއިން ޔޫސުފް ދިޔައެވެ. ވަކި ހިސާބަކަށް ދެވުން ފަހުން ކަމަނަ ދިރިއުޅޭ ގެގަނޑު ފެނުނެވެ. އަދި އެގޭ ކައިރީގައި ޔޫސުފްގެ ސައިކަލު ވެސް ހުއްޓެވެ. އެގޭ ތެރެއަށް ވަނުމުގެ ކުރިން، ސައިކަލަށް ގެއްލުމެއް ލިބިފައިވޭތޯ ބަލާލުމުން އޭނާއަށް ލިބުނީ ޝޮކެކެވެ. އެރޭ ޕެޓްރޯލް ހުސްވެގެން ބެހެއްޓި ސައިކަލުގެ ޓޭންކު ފުރެންދެން ހުރީ ޕެޓްރޯލް އަޅާފައެވެ. އެރަށުގައި ޕެޓްރޯލް އަޅާތަން ހުންނަނީ ވަރަށް ދުރުގައި ކަމަށް ވުމުން، އެހާ ފަސޭހައިން ކަމަނަ އެކަން ކުރީ ކިހިނެއްބާއޭ ޔޫސުފް ހިތައް އެރިއެވެ.

އެކަމާއި ފަހުން ވިސްނާނީ އޭ ހިތައް އަރުވާލާފައި، ގޭތެރެއަށް ވަދެގެން ޔޫސުފް ދިޔައެވެ. ފެންޑާއާއި ހަމަޔަށް ދެވުމުން، ކަމަނަ ފެނުނެވެ. ނަމަވެސް އޭނާ ހުރީ އެކަންޏެއް ނޫނެވެ. އޭނާ ގާތު އެހެން ތިން ފިރިހެނަކު ހުއްޓެވެ. އޭގެ ތެރެއިން އެކަކަކީ އުމުރުން ތަންކޮޅެއް ދުވަސްވީ މީހެއްކަން ޔޫސުފް އަށް ފާހަގަ ކުރެވުނެވެ.

އެއީ ކޮންބައެއްބާއޭ ޔޫސުފް ގެ ހިތައް އެރިއެވެ. އަދި ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން ވެސް ޔޫސުފް ވަރަށް ބޮޑަށް ބޭނުންވިއެވެ.

"ތިއައީ އަހަރެން ބަލާތަ؟" ހިނިތުންވުމަކާއިއެކު ޔޫސުފް ގާތަށް ޖެހިލަމުން ކަމަނަ ބުންޏެވެ.

"އާނ... އެކަމަކު މިއީ ކޮންބައެއް؟ ކަމެއް ވެގެންތަ މިތާ މިއުޅެނީ؟" ވަރަށް ހައިރާންކަމާއިއެކު ކަމަނަ ގާތު ޔޫސުފް އަހާލިއެވެ.

"އަހަރެން ވެސް ތިގެއަށް ދާން މިތައްޔާރުވަނީ. އަދި އެހެން ކަމަކަށް ވެސް....." ޔޫސުފްގެ ހިތުގައި އިތުރަށް ސުވާލު އުފެދޭ ގޮތަށް ކަމަނަ ބުންޏެވެ. "މިއީ އަހަރެންގެ ބޮޑު ބޭބެ. ދެން މިހުރީ ބޮޑު ބޭބެގެ ދެ ރައްޓެހިންނާއި ގާޒީއެއް..."

"ގާޒީ އެކޭ؟ ކީއްކުރާ ގާޒީއެއް؟ ކަމަނަ ބުނީމެއްނު އެކަންޏޭ މިގޭގަ އުޅެނީ.. ބޮޑު ބޭބެއެއް ހުންނަ ވާހަކައެއް ނުބުނަމެއްނު؟"

"ހުރިހާ ވާހަކައެއް އެއްފަހަރާ ނުބުނެވޭނެއްނު.. އަހަރެންގެ ބައްޕަ ނެތީމަ، ކައިވެނި ކުރަން ދެން ވަލީ ދޭން ހުރީ ބޮޑުބޭބެ. މިއަދު އެއައީ. ޔޫސުފް އަހަރެން ތިގެއަށް ގެންދަން އުޅޭ ވާހަކަ ބުނީމަ ބޮޑުބޭބެ ބުނީ ދެވޭނީ ކައިވެނި ކޮށްގެން އެކަނި ކަމަށް. އެނޫން ގޮތަކަށް ދިޔުން ރީތި ކަމަކަށް ނުވާނެތީ، ބޮޑުބޭބެ ބުނީ ކައިވެނި ނުކޮށް އަހަރެން ޔޫސުފް އާއިއެކު ދިޔަ ނުދޭނެ ކަމަށް، އަދި އެއިރުން ޔޫސުފް އަށް ޖެހޭނީ އަހަރެންމަތިން ހަނދާން ވެސް ނައްތާލަން ކަމަށް ބުނި.... އެހެންވެ ހުރިހާ ކަމެއް ތައްޔާރުކޮށްގެން ބޮޑުބޭބެ އެހުރީ. ދެ ހެކިވެރިންނާއި ގާޒީ ވެސް ހޯދީ ބޮޑުބޭބެ. އަހަރެން ބުނިން ޔޫސުފް އަހަންނާއި ކައިވެނި ކުރާނޭ.. ބޭނުމެއް ނޫންތަ މިހާރު ކައިވެނި ކުރަން؟" ކޮންމެވެސް ވަރަކަށް މާޔޫސްވެފައި، ކަމަނަ ބުންޏެވެ. ކަމަނަ ދެއްކި ވާހަކަތައް ޔޫސުފް އަޑުއެހީ ކުއްލި ޝޮކެއް ލިބިގެން ހުރި ގަނބުވެފައި ހުރި މީހެއް ފަދައިންނެވެ.

"ނު..ނޫން.. ބޭނުން ކައިވެނި ކުރަން.. އެކަމަކު އަހަރެންގެ މަންމަ..." ވަރަށް ބޮޑަށް ހައިރާންވެ ޖެހިލުންވެފައި ހުރެ ޔޫސުފް އަށް ބުނެވުނެވެ.

"އަހަރުމެން ކައިވެނި ކުރާއިރު މަންމައަށް މިތާ ނުހުރެވޭތީ ދޯ. ހާސް ނުވެބަލަ. ވީގޮތް މަންމައަށް ކިޔާ ދޭނީ. މަންމަ އަށް ވިސްނޭނެ. މަންމަ ވެސް ކިހާ އުފާވާނެ ޔޫސުފް އެހެން މީހަކާއި އިނދެގެން އުފަލުގައި އުޅޭތަން ފެނުނީމަ؟" ހިނިތުންވުމަކާއިއެކު ކަމަނަ ބުންޏެވެ.

ޙަގީގަތުގައި ޔޫސުފް ބުނަން އުޅުނީ، މަންމައަށް ކަމަނަ އެނގުމުގެ ކުރިން ކައިވެނި ނުކުރަން މަންމަ ބުނި ވާހަކައެވެ. ނަމަވެސް ކަމަނަ އުފާވެފައި ހުރިވަރުންނާއި ހާލަތު ހުރި ގޮތުން އެވާހަކަ ބުނަން ޔޫސުފް އަކަށް ނުކެރުނެވެ.

"ކޮބާ އެހެންވީމަ ކައިވެނި ކުރާ ގޮތަށްތަ؟ އަހަރެން ވެސް ބޭނުން އަހަރެންގެ ކޮއްކޮއަށް އުފާވެރި ދިރިއުޅުމެއް ލިބެން. އެކަމަކު ހިލޭ ފިރިހެނަކާއި އެއްކޮށް އެހެނެއް ނުފޮނުވޭނެ. އެހެންވީމަ އޭނައާއި އެކީ އުޅެން ބޭނުމިއްޔާ ކައިވެނި ކޮށްގެން ގެންދޭ، އެހެން ނޫނީ ދެން ހަނދާން ނައްތާލާ. މަށައްވެސް ދެން އާދެވޭނީ ވަރަށް ގިނަ ދުވަސް ފަހުން. ކައިވެނި ކުރަން ހުރިއްޔާ މިހާރު ވެސް ކުރެވޭނެންނު. ފަސް ކުރާނެ ކަމެއް ނެތްތާ" ކަމަނަ ގެ ބޮޑުބޭބެ ބުންޏެވެ.
ޔޫސުފް ގޮތް ހުސްވިއެވެ. މަންމަ ބުނިބަހާއި ދެކޮޅު ހަދަން ޔޫސުފް ޖެހިލުންވިއެވެ. ނަމަވެސް ކަމަނަ ގެއްލޭކަށް ވެސް ބޭނުމެއް ނުވިއެވެ. ގޮތް ހުސްވެފައި ހުރެގެން، ކައިވެނި ކުރަން އިށީންނަށް ޔޫސުފް ދިޔައެވެ.

އެމޭޒު ކައިރީގައި އިން އިރު ވެސް ޔޫސުފް އިނީ ވަރަށް ހާސްވެފައެވެ. މަންމަ އަށް އެކަންތައް ވިސްނާދޭނީ ކިހިނެއްބާއޭ ހިތައް އަރައަރައެވެ. އެހެން އިންދާ އޭނާގެ ބޮަލަށް ކުޑަކޮށް އެނބުރުންވެސް އެރިއެވެ. ހީވީ އިންތާ އިންދާ ނިދިޖެހުނުހެންނެވެ. ހޭވެރިކަމެއްވީ "އަނބި ޤަބޫލު ކޮށްފިންތޯ؟" ގާޒީ ސުވާލު ކުރުމުންނެވެ. އެސޫވާލުން ޔޫސުފްގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔަ ފަދައެވެ. ހަދާނެ ގޮތެއް ނޭނގި، ސިކުނޑި ސުމަކަށް ގޮސްފައި އިނދެ ޔޫސުފް ބުނީ "އަނބި ޤަބޫލު ކޮށްފިން" ކަމަށެވެ.

ޔޫސުފްގެ ޙަޔާތުގައި ވަރަށް އުފާވެރި ވާނެއޭ ހީކުރި އެވަގުތުކޮޅު، އޭނާއަށްވީ ލިބުނު ބޮޑު ސިހުމަކަށެވެ. ރަނގަޅަށް ވާނުވާއެއް ނޭނގި ސިކުނޑި އެނބުރެމުން ދަނިކޮށް ކުއްލިއަކަށް އޭނާގެ ކައިވެނި ކުރެވުނީއެވެ. ކަމަނަ އަކީ އޭނާ ވަރަށް ބޭނުންވި ކުއްޖެއް ކަމުގައި ވިޔަސް، އެކައިވެނި ޔޫސުފް ކުރަން ބޭނުންވީ އެގޮތަކަށް ނޫނެވެ. ނަމަވެސް ހާލަތު ދިމާކުރި ގޮތުން، އެގޮތަށް ކަންތައް ކުރަން ޔޫސުފް އަށް މަޖުބޫރުވީ އެވެ.

ކަމަނަ ގޮވައިގެން ސައިކަލަށް އަރައިގެން ޔޫސުފް ދިޔައެވެ. އޭނާގެ ގެއަށް ދާށެވެ. އެއިރުވެސް ޔޫސުފްގެ ހިތް ވަރަށް ބާރަށް ތެޅެމުން ދިޔައެވެ. މަންމަ ގާތު ބުނާނެ އެއްޗަކާއި މެދު ވިސްނާފައެވެ.

"ހާދަ ފުން ޚިޔާލެއްގަ. އަނެއްކާ ދެރަ ވަނީތަ އަހަންނާއި ކައިވެނި ކުރެވިގެން؟" ސައިކަލުގެ ފަހަތުގައި އިނދެ ކަމަނަ އަހާލިއެވެ.

"ނޫނޭ. ކަމަނަ އާއި ކައިވެނި ކުރެވިގެން ދެރައެއް ނުވޭ" ތެދުވެރިވެވޭތޯ ބަލަމުން ޔޫސުފް ޖަވާބު ދިނެވެ.

"ދެން ކިހިނެއްވެފަ ތިނީ؟ އަހަންނަށް ހިއެއް ނުވޭ ޔޫސުފް އެހާ ހެޕީވެފަ އިންހެނެއް." ކަންބޮޑުވެފައި އިން ގޮތަކަށް ކަމަނަ ސުވާލު ކުރިއެވެ.

"ހެހެެހެ.. އެހެނެއް ނޫނޭ މަގޭ ކަމަނާ... އަސްލު ހަމަ ކުއްލިއަކަށް އެހެން ވީމަދޯ. ކުޑަކޮށް ޝޮކެއް ލިބިފަ މިއިނީ. އިރުކޮޅަކުން އޯކޭ ވާނެ. އެހާ އެކަމާ ކަންބޮޑު ނުވައްޗޭ އިނގޭ. މަ ހަމަ ވަރަށް ހެޕީ" އޭނާ ހަގީގަތުގައި ވިސްނަމުން ދިޔައީ މަންމަގެ އެދުމާއި އިދިކޮޅަށް ކަންތައް ކުރެވުމުންކަން ފޮރުވަމުން، ކަމަނަ ގާތު ޔޫސުފް ބުންޏެވެ.

އިރުކޮޅެއް ފަހުން ޔޫސުފްމެންގެ ގެއަށް އެދެމަފިރިންނަށް ދެވުނެވެ. ގެއިން އެތެރެއަށް ވަދެގެން ދިޔައިރު ކަމަނަ ހުރީ ޔޫސުފް ގެ ފަހަތުގައެވެ. އެއިރު ޔޫސުފްގެ މަންމަ އިނީ ގޭގެ ފެންޑާގައި އިން އުނދޯއްޔެގައި އިށީންދެގެން ޓީވީ ބަލާށެވެ. މަންމަގެ ކުރިމައްޗަށް އަރާފައި، ވަރަށް ބޮޑަށް ޖެހިލުންވެ ލަދުގަނެފައި ހުރެ ޔޫސުފް ބުންޏެވެ.

"މަންމާ... މިއީ...ކަމަނަ..... އަހަރެންގެ...........އަންހެނުން"

(ފަސްވަނަ ބައި އަންނަ އަންގާރަ ދުވަހު، އިންޝާ ﷲ)

މިއަދު އޮންލައިން