ކެރޭނެއްގެ ފުރޮޅު ދަށުވެ ދަރިފުޅު މަރުވީ، ސްކޫލަށް ދާން ގަޑިޖެހޭތީ ނުޤަވައިދުން ދިޔުމުން

ކިޔުމަށް ހޭދަވާނީ 2މ 19ސ
ކެރޭނެއްގެ ފުރޮޅު ދަށުވެ ދަރިފުޅު މަރުވީ، ސްކޫލަށް ދާން ގަޑިޖެހޭތީ ނުޤަވައިދުން ދިޔުމުން
ކަލްކަޓާގެ ރާދާ މާދަވް ދައްތާ ގާޑަން ލޭން ގައި ދިރިއުޅުނު އުމުރުން 13 އަހަރުގެ ޝްވެތާ ދާސް ނަމަކަށް ކިޔާ ކުއްޖަކު، ކެރޭނެއްގެ ދަށުވެގެން މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު މަރުވެއްޖެއެވެ. މިހިތާމަވެރި އެކްސިޑެންޓުގައި އޭނާގެ ބައްޕައަށް ވެސް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އާދައިގެ މަތިން އެދުވަހުވެސް ޝްވެތާ ސްކޫލަށް ދިޔައީ އޭނާގެ ބައްޕައާއިއެކު ބައްޕަގެ ސައިކަލު ފަހަތަށް އަރައިގެންނެވެ. ނަމަވެސް އެދުވަހު އޭނާއަށް ތަންކޮޅެއް ލަހުން ތައްޔާރުވެވުމުން، ގެއިން ނިކުތް އިރު ގަޑިޖެހުމާއި ދޭތެރޭ ބާކީ އޮތީ އެންމެ 10 މިނެޓެވެ.

ޝްވެތާގެ ބައްޕަ ރަބިންދްރަނާތު ދާސް، އާންމުގޮތެއްގައި އޭނާގެ ދަރިފުޅު ސްކޫލަށް ގެންދަނީ ސީއައިޓީ ކްރޮސިންގް އަށް ދަނީ ބަދަން ރޯއީ ލޭން އިން ވާތްފަރާތަށް އެޅުމަށް ފަހު، އެލޭން އިން ކަނާތަށް އަޅާފައި، ޕޫލްބަގަން ކްރޮސިންގ އަށް ގޮސް އެދިމާލުން ހުރި ސީދަލަށް ގޮހެވެ.

ނަމަވެސް ބުރާސްފަތި ދުވަހު ތަންކޮޅެއް ވަގުތު ކުޑަތަން ވެފައިވުމުން، އެދުވަހު އޭނާ ބަދަން ރޯއީ ލޭން އިން އެޅީ ކަނާތް ފަރާތަށެވެ. އަދި ހެމްޗަންދުރަ ނަސްކަރު މަގުން އެޅިއިރު އެތަނުގައި ކާރެއް ޕާކު ކޮށްފައި އޮތުމުން، މަގާއި ކައިރިވަމުން އައި ކެރޭނެއް ޝްވެތާގެ ބައްޕަ ރަބިންދްރަނާތު އަކަށް ނުފެނުނެވެ.

"އޭނާ އައީ ކަނާތް ފަރާތުން (އެއީ ޤަވައިދާއި ޚިލާފު ކަމެއް) އަދި ދިޔައި 10 މީޓަރު ދުރުގައި އޮތް އިންޓަރސެކްޝަން އާއި ދިމާލަށް. މީހުންތަކެއް ބާރަށް ހަޅޭލަވައިގަތް އަޑި އިވިގެން، އެއްޗެއް ކިޔަން ހުރެފައި އަހަރެން ވެސް ބަލާލިން. އެއިރު އަހަންނަށް ފެނުން އެކެރޭނުގެ ކުރީ ފުރޮޅު އެފިރިހެން މީހާގެ ކަނާތަށް އަރާ ޗިސް ވިތަން. އަހަންނަށް ކަމެއް ކުރެވުމުގެ ކުރިން ދެން ފެނުނީ އޭގެ ކުރީ ފުރޮޅުން ޝްވެތާގެ ބޯ ޗިސްވިތަން" ހެމްޗަންދުރަ ނަސްކަރު މަގުގައި ހުންނަ ފޮތް ވިއްކާ ފިހާރައެއް ހިންގާ ޖަޔަންތާ ބަޓަޗަރްޔާ މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

ކަލްކަޓާގެ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ޝްވެތާވަނީ މަރުވެފައެވެ. އަދި އޭނާގެ ބައްޕަ ވަނީ ހޮސްޕިޓަލުގައި އެޑްމިޓު ކުރެވިފައެވެ.

އެމަންޒަރު ދުއް ބައެއް މީހުން ވަނީ، މިއެކްސިޑެންޓުގެ ސަބަބުން ރުޅިއައިސްގެން އެކެރޭނަށް ގައު އުކާ، ފަހުން ކެރޭނު ރޯކޮށްލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކެރޭނު ދުއްވަން ދަތުރު ކުރީ ނާކެލްޑަންގާ މެއިން ރޯޑުގައި ހުރި ކޮންސްޓްރަކްޝަން ސައިޓަކަށް ދިޔުމަށެވެ. ކެރޭނުގައި އެމަޖެންސީ ބްރޭކް ސިސްޓަމެއް ނެތުމުގެ ސަބަބުން އޭތި ހުއްޓުވެނީ އޭގެ ލިވަރސްތައް އެކްސެލެރޭޓް ކޮށްގެންނެވެ. ނަމަވެސް ސައިކަލު އައިތަން ފެނުމުންވެސް، ކެރޭނު ދުއްވަން އިން މީހާއަށް އެކަން ނުކުރެވުމުގެ ސަބަބުން އޭނާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
މިއަދު އޮންލައިން