މުނީބާ މަޒާރީ- ދިމާވި ހިތާމަވެރި ހާދިސާތަކަކަށްފަހު ވެސް ހިތްވަރާއިއެކު ދިރިއުޅުން ކޮޅަށްޖެހި ކުޅަދާނަ އަންހެނެއް!

ކިޔުމަށް ހޭދަވާނީ 4މ 34ސ
މުނީބާ މަޒާރީ- ދިމާވި ހިތާމަވެރި ހާދިސާތަކަކަށްފަހު ވެސް ހިތްވަރާއިއެކު ދިރިއުޅުން ކޮޅަށްޖެހި ކުޅަދާނަ އަންހެނެއް!
މުނީބާ މަޒާރީ އަކީ ޕާކިސްތާންގެ އާޓިސްޓެއް، އެކްޓިވިސްޓެއް، މޮޑެލް އެއްގެ އިތުރުން މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެކިއެކި ޚަފްލާތަކުގައި ވާހަކަ ދައްކާ "މޮޓިވޭޝަނަލް ސްޕީކަރ" އެކެވެ.

މީހުން އޭނާއަށް ދީފައިވާ ލަޤަބަކީ "އަޔަން ލޭޑީ އޮފް ޕާކިސްތާން" އެވެ. އެއީ އޭނާގެ ދިރިއުޅުމުގައި ދިމާވި ހިތްދަތި ހާދިސާތަކަކަށް ފަހު ވެސް، ނުހަނު ހިތްވަރު ގަދަކޮށް އައު އުންމީދުތަކަކާއި އެކީ އަމިއްލަ ބުރަ މަސައްކަތުން އޭނާގެ ދިރިއުޅުން އަލުން ކޮޅަށް ޖެހުމުންނެވެ.

"އަހަރެންގެ އުމުރުން 18 އަހަރުގައި އަހަރެން އަލަތު ކައިވެންޏެއް ކުރިން. އެއީ އަހަރެންގެ މައިންބަފައިން ބުނި ބުނުމަށް، އަހަރެން އުފަންވީ މައިންބަފައިން ބުނާ ކޮންމެ ކަމަކަށް ވެސް 'އާނ' އެކޭ ބުނެ އެއްބަސްވާނެ އާއިލާއަކަށް" އޭނާގެ ޙަޔާތާއި ބެހޭ ގޮތުން ޚަފްލާއެއްގައި ވާހަކަ ދައްކަމުން މުނީބާ ކިޔާދިނެވެ.



މުނީބާ ކިޔާދިން ގޮތުގައި އެކައިވެނިން އޭނާއަކަށް އެއްވެސް އުފަލެއް ނުލިބެއެވެ. އަދި އެކައިވެނިން އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްދަތިކަމަކީ، އަދި އޭނާގެ މުޅި ދިރިއުޅުން ބަދަލު ކޮށްލީ، އޭނާގެ ފިރިމީހާގެ އަތުން ވީ އެކްސިޑެންޓަކަށް ފަހުއެވެ.

"އެއީ މީގެ ނުވަ އަހަރު ކުރިންނެވެ. އަހަރުމެންގެ ކައިވެންޏަށް އެއިރު ދެއަހަރެވެ. ފިރިމީހާއާއި އެކު ކާރެއްގައި އިންދާ، އޭނާއަށް ނިދުނީއެވެ. އަދި ކާރުގޮސް މަގުގައި ކޮނެފައިއޮތް ވަޅުގަނޑެއްގެ ތެރެއަށް ވެއްޓުނެވެ. އެވަޅުގަނޑު ތެރެއަށް ކާރު ވެއްޓެން ދިޔުމުން، ފިރިމީހާ އޭނާގެ އަމިއްލަ ނަފްސު އަވަހަށް ސަލާމަތް ކުރަން ކާރުން ބޭރަށް ފުންމާލިއެވެ. އެކަމަކު އަހަރެން އިނީ ކާރުގައި ތާށިވެފައެވެ."

އެއެކްސިޑެންޓުގެ ސަބަބުން މުނީބާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވިއެވެ. އޭނާގެ އުނަގަނޑުން ތިރި ވާގިނެތުމުގެ އިތުރުން، މައިބަދައަށް ގެއްލުންލިބި، އަތުގެ އެކި ދިމަދިމާލުން ބިންދައިގެން ވެސް ދިޔައެވެ. ލިބުނު ޒަހަމްތަކަށް ފަރުވާ ކުރުމަށް ދެމަހާއި ބައި ވަންދެން ހޮސްޕިޓަލުގައި އޮންނަން ޖެހުން ކަމަށް މުނީބާ ބުންޏެވެ. އަދި އެކި ދުވަސްމަތިން ޑޮކްޓަރު އޭނާ ކައިރިއަށް ގޮސް، ހިތާމަވެރި ޚަބަރުތައް ދިނެވެ.

"އެއްދުވަހު ޑޮކްޓަރެއް އައިސް އަހަރެން ގާތު ބުނި، އަހަރެން އާޓިސްޓަކަށް ވާން ބޭނުންވިކަން އޭނާއަށް އެނގިފައިވާ ކަމަށް. ނަމަވެސް ދެނެއް އަހަންނަކަށް އެއްވެސް އެއްޗެއް ނުކުރެހޭނެ ކަމަށް ޑޮކްޓަރު ބުނި. އެކަމާއި އަހަރެން ވަރަށް ހިތާމަ ކުރި ކަމުގައި ވިޔަސް، ހިތްވަރު ކޮށްފައި އޯކޭ އޭ ބުނިން. އޭގެ އަނެއް ދުވަހު ޑޮކްޓަރު އައިސް ބުނީ އަހަރެންގެ މައިބަދައަށް ލިބިފައިވާ އަނިޔާގެ ސަބަބުން ދެން އަހަންނަށް ނުހިނގޭނެ ކަމަށް. އެކަމަށް ވެސް ހިތްވަރު ކޮށްފައި އަހަރެން އޯކޭ އޭ ބުނިން. ނަމަވެސް އޭގެ އަނެއް ދުވަހު އަނެއްކާވެސް ޑޮކްޓަރު އައިސްފައި ބުނީ މައިބަދައަށާއި ބުރަކައްޓަށް ލިބުނު ގެއްލުމުގެ ސަބަބުން، އަހަންނަކަށް ދަރިއެއް އުފަން ނުކުރުވޭނެ ކަމަށް. އެކަމާއި އަހަރެން ވަރަށް ބޮޑަށް ދެރަވި" މުނީބާ ކިޔާދިނެވެ.

އެވަގުތު މުނީބާ ދިރިއުޅުން މަތިން އެއްކޮށް ފޫހިވެ ދިރިއުޅުން މަތިން ފޫހިވިއެވެ. ނަމަވެސް އޭނާ ބޭނުންވީ އޭނާގެ ދިރިއުޅުމުގައި އަމިއްލައަށް ކުލަތަކެއް ޖައްސާށެވެ. އެގޮތުން އޭނާގެ ބޭބެ އޭނާ ކައިރިއަށް ހޮސްޕިޓަލަށް ދިޔުމުން، އޭނާ އަލުން ކުރަހަން ބޭނުން ކަމަށް ބުނެ ކެންވާސް އާއި އެކު ކުލަތައް ގެނެސްދިނުމަށް މުނީބާ އެދުނެވެ. މުނީބާ ކުރެހި ކުރެހުންތަކަށް އެތައް ބަޔަކު ސަނާ ކިޔެވެ. އެކުރެހުންތަކުގައި ފޮރުވިފައިވާ ހިތާމައާއި މޮޅިވެރިކަން ހަމައެކަނި އެނގެނީ މުނީބާ އަށެވެ.

އެދުވަހަށް ފަހު މުނީބާ ގަސްދުކުރީ އޭނާގެ ހުރިހާ ހިތާމައަކާއި ކުރިމަތިލާށެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ހިތްވަރާއި އެކު ކުރިމަތިލީ، އޭނާގެ އަލަތު ކައިވެނި ރޫޅުމާއެވެ. ވަރިވުމަކީ މުނީބާ އެދުން ކަމަކަށް ނުވި ކަމުގައި ވިޔަސް، ފިރިމީހާ ވަރި ކުރުމުން އެކަމާއި ހިތްވަރާއިއެކު ކުރިމަތިލުމުގެ އިތުރުން އޭނާގެ ކުރީގެ ފިރިމީހާއަށް ވެސް އުފާވެރި ޙަޔާތެއް ދެއްވުން އެދި އަބަދުވެސް މުނީބާ ދުޢާ ކުރެއެވެ.

ވަރިއަށް ފަހު ދެން އޭނާ ކުރިމަތިލީ އޭނާއަށް އަމިއްލަ ދަރިއަކު ނުލިބޭނެކަމާއިއެވެ.

"ޙަޤީޤަތުގައި ވެސް އެއީ އަހަރެން ވަރަށް ހިތާމަކުރި ކަމެއް. އެކަމަކު އެކަމާއި އަހަރެން ރަނގަޅަށް ވިސްނާލުމުން އެނގުނީ، ދުނިޔޭގައި މައިންބަފައިން ނެތި އަޅާލާނެ މީހެއް ނެތިފައި ތިބި އެތައް ކުދިންނެއް އެބަތިބިކަން. އެކުދިންނަށް ބޭނުންވަނީ އެކުދިންނާއި ހަވާލުވާނެ މީހެއްކަން. އެހެންކަމުން އޭގެން ކުއްޖެއް އެޑޮޕްޓް ކުރަން އަހަރެން ނިންމިން. އެގޮތުން ވަރަށް ގިނަ ޔަތީމުޚާނާ އަށް އަހަރެންގެ ނަން ދީފައި އަހަރެން އިންތިޒާރު ކުރިން. އޭގެ ދެ އަަހަރުފަހުން އަހަންނަށް ކޯލެއް އައި. އެއީ ޕާކިސްތާނުގެ ކުޑަކުޑަ އަވަށަކުން. ފޯނުން ވާހަކަ ދެއްކި މީހާ ބުނީ އުމުރުން ދެދުވަހުގެ ތުއްތު ތުއްތު ފިރިހެން ކުއްޖަކު ހުރިކަމަށް، އަދި އަހަރެން ގާތު އެހީ އެކުއްޖާ އެޑޮޕްޓް ކުރަން ބޭނުންތޯ. އެވަގުތު އަހަންނަށް ހީވީ ހަމަ ވިހެއުމުގެ އިޙުސާސް ކުރެވުނުހެން. އަހަރެން ބުނިން އާނ އެކޭ އަހަރެން މިދަނީ އެކުއްޖާގެ ގެއަށް ގެންނަން އެކުއްޖާ ބަލާ. އެއިރު އޭނާއަށް އެންމެ ދެދުވަސް، މިހާރު އޭނާއަށް ހަ އަހަރު"

މުނީބާ މަޒާރީ އަކީ ފުރޮޅުލީ ގޮނޑިއެއް ބޭނުންކުރާ، ޕާކިސްތާނުގެ އެންމެ ފުރަތަމަ މޮޑެލް އެވެ. އޭނާއަކީ މިހާރު ޔޫއެން ވިމެން ޕާކިސްތާނުގެ ޤައުމީ އެމްބެސެޑަރ ވެސް މެއެވެ. މުނީބާ ބުނިގޮތުގައި، އެއެކްސިޑެންޓު ވެގެން ހޮސްޕިޓަލުގައި އޮތް ދުވަސްކޮޅު، ހިތާމަވެރި ޚަބަރުތައް ލިބެމުން ދިޔުމުން، އޭނާ ނިންމީ ހުރިހާ ކަމަކާއި ވެސް ހިތްވަރާއިއެކު ކުރިމަތިލުމަށާއި އެދުވަހަށްފަހު ހަމައެކަނި އެހެން މީހުންނަށްޓަކައި އެމީހުންގެ ދިރިއުޅުން ފުރިހަމަ ގޮތުގައި ބަހައްޓަން މަސައްކަތް ނުކޮށް، އޭނާގެ އަމިއްލަ ދިރިއުޅުން ވެސް ފުރިހަމަ ކުރަން މަސައްކަތް ކުރުމަށެވެ.
މިއަދު އޮންލައިން