މިއަހަރަކީ ދިވެހި ފިލްމު އިންޑަސްޓްރީ އަށް ވަރަށް ބޮޑެތި އިންގިލާބުތަކެއް އައި އަހަރެކެވެ. ކާމިޔާބު އެތަކެއް ފިލްމު ޕްރޮޑިއުސަރުންތަކެއްގެ ހުނަރުވެރި މަސައްކަތްތަކަށް ގިނަ ބަޔަކު ސަނާ ކިޔާފައިވާއިރު، އެތައްބަޔަކު ވަނީ އެފިލްމުތައް އަލުން ބަލާލުމުގެ ފުރުސަތަށް ވެސް އެދިފައެވެ.
އެފަދަ ހޫނު ތަރުޙީބެއް ހޯދާފައިވާ އެއް ފިލްމަކީ ޔާރާ ޕްރޮޑަކްޝަންސް އިން އުފައްދާ މިއަހަރު މާރޗް މަހުގެ 8 ވަނަ ދުވަހު ޕްރިމިއަރ ކުރި ދިވެހި ފިލްމު "ވިޝްކާ" އެވެ.
އަންހެނުންގެ ދުވަހު ޕްރިމިއަރ ކުރި "ވިޝްކާ" އަށް ގިނަ ބަޔަކު ވަރަށް ހޫނު ތަރުޙީބެއް ދީފައިވާ އިރު، މިފިލްމު އަލުން ބަލާލާ ހިތްވާ މީހުންވެސް މަދެއް ނޫނެވެ. އަދި ހަމައެއާއިއެކު، އެއިރު މިފިލްމު ބަލަން ނުދެވުނު ވަރަށް ގިނަ ފަރާތްތަކުން ވަނީ، އަލުން މިފިލްމު އެޅުވުމަށް ވެސް ވަރަށް ބޮޑަށް އެދިފައެވެ.
"ވިޝްކާ" ގެ ފޭނުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. އަނެއްކާވެސް މިފިލްމު ބެލުންތެރިންނަށް ދައްކާލުމަށް ޔާރާ ޕްރޮޑަކްޝަންސް އިން ނިންމާފައިވާއިރު، މިފަހަރު "ވިޝްކާ" އަޅުވަނީ ވެސް އޮލްމްޕަސް ސްކްރީނުގައެވެ.
މުޅިއަކު ތިން ޝޯވ ދެއްކުމަށް ހަމަޖެހިފައިވާ "ވިޝްކާ" އޮލިމްޕަސް ސްކްރީނުގައި އަޅުވަން ހަމަޖެހިފައިވަނީ މިހިނގާ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ރެއެވެ. ޓިކެޓް ވިއްކުން މިމަހުގެ 19 ނުވަތަ 20 ވަނަ ދުވަހު ހަމަޖެހިފައިވީ ނަމަވެސް، މާދަމާ ( 8 ނޮވެމްބަރ 2017) އިން ފެށިގެން 9119559 ފޯނާއި ގުޅާލުމުން، ޓިކެޓު ޑެލިވަރ ކޮށްދޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ އައިޝަތު ރިޝްމީ ވަނީ ބުނެފައެވެ.
މިއަހަރުގެ ކުރީކޮޅު ޝްވެކް ސިނަމާގައި ޕްރިމިއަރ ކުރި "ވިޝްކާ" އަހަރު ނިމެން ކައިރިވުމުން އޮލިމްޕަސް ސްކްރީނުގައި އަޅުވަން މަސައްކަތް ކުރާނެ ކަމަށް، ރިޝްމީ ވަނީ އެއިރުވެސް ބުނެފައެވެ. އަދި ބެލުންތެރިންނަށްޓަކައި ރިޝްމީ މިވަނީ އެކަން މަގުފަހި ވެސް ކޮށްދީފައެވެ.
"ކުރިން ވެސް ބުނެފަ އިންނާނީ އަަހަރު ފަހު ކޮޅު އަދި އިރާދަކުރެއްވިއްޔާ އޮލިމްޕަހުގަ މިފިލްމު އަޅުވާނަމޭ. ކުރިން ޝްވެކްގަ އެޅުވި އިރު ބައެއް މީހުންނަށް މިފިލްމު ބަލަން ނުދެވުމާއި އަދި އެއިރު މިފިލްމު ބަލާފަވެސް އަލުން ވިޝްކާ ބަލާ ހިތުން ތިބި މީހުންނަށް ޗާންސެއް ދިނުމުގެ ގޮތުން އަލުން 'ވިޝްކާ' އަޅުވަން ނިންމީ" މިއަދުނޫހަށް މައުލޫމާތު ދެމުން ފިލްމުގެ ޕްރޮޑިއުސަރ އައިޝަތު ރިޝްމީ ބުންޏެވެ.
ދިވެހި ފިލްމު "ވިޝްކާ" އަކީ ހުނަރުވެރި ޕްރޮޑިއުސަރ/ޑައިރެކްޓަރ އަދި އެކްޓްރެސް އައިޝަތު ރިޝްމީ ޕްރޮޑިއުސްކޮށް އެފަދަ ދެވަނައެއް ނުވާ އެކްޓަރ/ޕްރޮޑިއުސަރ/ އަދި ޑައިރެކްޓަރ ރަވީ ފާރޫޤް ޑައިރެކްޓް ކޮށްފައިވާ ޕޮލިޓިކަލީ ޗާރޖްޑް ކްރައިމް ޑްރާމާ ފިލްމެކެވެ. އަދި މިފިލްމަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ރޭޓެޑް އާރް ޕްލަސް ފިލްމު ވެސްމެއެވެ.
"ވިޝްކާ" ގެ ލީޑް ރޯލުން ފެނިގެންދަނީ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫޤް ގެ އިތުރުން ތަފާތު އެކި ރޯލުތައް ކުޅެފައިވާ ހުނަރުވެރި އެކްޓަރ އަޙުމަދު ސައީދު އެވެ.
ގުޅުންހުރި ހަބަރު