"މަންމާ... މިއީ... ކަމަނަ..... އަހަރެންގެ.......... އަންހެނުން" އާގަންނަ ކަހަލަ ގޮތަކަށް ޔޫސުފް އޭނާގެ މަންމަ ގާތު ބުންޏެވެ.
އޭނާގެ މަންމައަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ދަރިފުޅު ސަމާސާ އެއް ކޮށްލަނީ އޭ ހިތައް އަރާފައި، ޔޫސުފްގެ އެބަސްތައް ޤަބޫލުކުރަން ވެސް އޭނާގެ މަންމަ ފުރަތަމަ އިންކާރު ކުރިއެވެ. ނަމަވެސް ޔޫސުފް އަކީ ދުވަހަކު ވެސް އެކަހަލަ ސަމާސާ ކުރި ކުއްޖަކަށް ނުވެފައި، އޭނާގެ މޫނުމަތިން ވެސް ސީރިއަސްކަން ފާޅުވާން ހުރުމުން، ޔޫސުފް އެބުނީ ތެދެއްކަން އޭނާގެ މަންމަ އަށް އެނގުނެވެ.
"ތިއީ ކިހިނެއްވީ ކަމެއް؟" މަންމަ ބުނި ބަހާއި ޚިލާފުވުމުން ލިބުނު ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން އޭނާގެ މަންމަ އަހާލިއެވެ.
"އަހަރެން ދިޔައީ ކަމަނަ ބަލާ. ދިޔައިރު އެގޭގައި ކަމަނަގެ ބޮޑުބޭބެ ވެސް ހުރި. ބޮޑުބޭބެ ބުނީ މިގެއަށް ކަމަނަ ނުފޮނުވާނަމޯ ކައިވެނި ނުކޮށެއް. ކައިވެނި ކުރަން ހުރިހާ ކަމެއް ތައްޔާރުވެސް ކޮށްފަ ހުރީ، އެހެންވެ އަހަރެން.. ކައިވެނި ކުރީ.." އިސްޖަހައިގެން ހުރެ ޔޫސުފް އޭނާގެ މަންމައަށް ކިޔާދިނެވެ. އެއީ އޭނާގެ މުޅި ޙަޔާތުގައި ވެސް، މަންމަ ބުނި ބަހަކާއި އިދިކޮޅަށް ކަންތައް ކުރި ފުރަތަމަ ފަހަރު ކަމުގައިވުމުން އެކަމާއި އޭނާ ވަރަށް ލަދުގަތެވެ. އެކަން އޭނާގެ މަންމައަށް ވެސް ވިސްނި، ދަރިފުޅަށް މާފުކުރަން ނިންމިއެވެ.
"މިއީ ތަ މަގޭ ދަރިފުޅުގެ ނިދިނަގާލި ކަމަނަ އަކީ؟" ހިނިތުންވުމާއިއެކު ކަމަނަ އާއި ކައިރިވެ ދަތްދޮޅީގައި އަތްޖައްސާލަމުން ޔޫސުފްގެ މަންމަ ބުންޏެވެ. "މީގެ ފަހުން މިއީ ކަމަނަގެ ވެސް ގެ އިނގޭ. އަދި ތިއީ އަހަރެންގެ ދަރިއެއް. މަންމަ އުންމީދު ކުރަން ޔޫސުފް އާއި އައިދަން ގެ ކަންތައް ކަމަނަ ބަލަހައްޓާ، އައިދަން އަށް މައެއްގެ ލޯބިދީ ވަރަށް ލޯތްބާއި އޯގާތެރިކަންމަތީ އެދެބަފައިން ގެންގުޅޭނެ ކަމަށް."
"މަންމާ. ކަމަނަ މަންމަ ވެސް ބަލާނެއޭ. ދޯ ކަމަނާ؟" މަންމަގެ ރުހުން ލިބުމުން ވީއުފަލެއްގެ ބޮޑުކަމުން ޔުސުފް އަށް ބުނެވުނެވެ.
"އާނ އެންމެންނަށް ވެސް ރަނގަޅަށް ބަލާނަން. އެކަމަކު، މިގެއިން އެއްވެސް މީހަކާއި އެކީ އެއްވެސް ތާކަށް ދާން އަހަރެން ގާތު ބުނެގެން ނުވާނެ، އަދި އަހަރެން ދަނީ ކޮންތާކަށްތޯ ވެސް ބަލައިގެން ނުވާނެ" ކަމަނަ ގެ އެބަސްތައް އަޑުއިވުމުން ޔޫސުފް އަށް ވެސް އަދި އޭނާގެ މަންމަ އަށް ވެސް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އޭގެ އިތުރުން، މަންމަ އާއި ބައްދަލުވީ ފުރަތަމަ ދުވަހު، ޝަރުތުތަކެއް ކަނޑައެޅުމުން ޔޫސުފް ވަރަށް ލަދުވެސް ގަތެވެ.
"ކީއްވެ ތިހެން ތިބުނީ؟ މަންމަ އާއި އެކު ބާޒާރަށް ގޮސްލާ، އައިދަން ގޮވައިގެން ބޭރަށް ތަންތަނަށް ވެސް ދަރިފުޅު ގޮސްލަން ވާނެއްނު. ދަރިފުޅު އެކަނި ބޭރަށް ދާކަށް މަންމަ އަކަށް ނުފެނޭ، ޔޫސުފް އާއިއެކު ދާތާކަށް ދާނީ އިނގޭ" ކަމަނަ އަށް ޔޫސުފްގެ މަންމަ މިފަދައިން ނަސޭޙަތް ދިނުމުން އޭނާއައީ ރުޅިއެވެ. އެއްޗެއް ބުނަން އުޅެނިކޮށް ޔޫސުފް ކަމަނަ ހުއްޓުވިއެވެ.
"މިތާ ތިބެގެންތަ ހުރިހާ ވާހަކައެއް ދައްކާނީ؟ ކަމަނާ، ހިނގާބަލަ އަހަރެންގެ ލޯބިވާ ދަރިފުޅު އައިދަން އާއި ބައްދަލު ކޮށްލަން. އެކަމަކު އައިދަން އެހެން ކުދިންނާއި ތަންކޮޅެއް ތަފާތު ވާނެ އިނގޭ. ކަމަނަ ވާނެ ވަރަށް ކެތްތެރިވާން އައިދަން ކައިރީގަ. ފުރަތަމަ އެހާ ރައްޓެހިވެސް ނުވެދާނެ. އެކަމަކު ފަހުން އެނގެން ފެށީމަ ވަރަށް ލޯބިވާނެ އޭނަ ކަމަނަ ދެކެ" މިހެން ބުނެ ކަމަނަގެ އަތުގައި ހިފައިގެން ކޮޓަރިއާއި ދިމާލަށް ޔޫސުފް ދިޔައެވެ. މަންމަ އާއި އެފަދައިން ވާހަކަ ނުދައްކާ މަންމަ ބުނާ ބަސްއަހަން، ފަހުން ކަމަނަ އަށް ވިސްނާދޭނީއޭ ހިތައް އަރުވާފައެވެ.
ކޮޓަރިއަށް ވަނތްއިރު އައިދަން އިނީ އޭނާ ގެންގުޅޭ ބްލޮކްސް ތަކަކާއި ކުޅޭށެވެ. ޔޫސުފް ފެނުމުން އުފަލުން ގޮސް ވަރަށް ބާރަށް އޭނާގެ ބައްޕަގެ ގައިގާ ޔޫސުފް ބައްދާލިއެވެ. ހީވީ ވަރަށް ގިނައިރު ވަންދެން ޔޫސުފްގެ އިންތިޒާރުގައި އައިދަން އިންހެންނެވެ.
"ދަރިފުޅާ.. ބަލާބަލަ ބައްޕަ މިއައީ ދަރިފުޅާއިއެކު އުޅޭނެ ދައްތައެއް ގޮވައިގެން. ދަރިފުޅަށް ކާންދީ ދަރިފުޅާއިއެކު ކުޅެ، މިދައްތަ ވަރަށް ލޯބިން ދަރިފުޅު ގެންގުޅޭނެ" ކަމަނަ އާއި ޔޫސުފް ރައްޓެހިވޭތޯ ޔޫސުފް އައިދަން ގާތު ކިޔާދިނެވެ.
"ބައްޕަ އައިދަން އާއި ދުރައްދަނީތަ؟" ކުއްލިއަކަށް ވަރަށް މާޔޫސްވެގެން އިސްޖަހާލާފައި އައިދަން އެއްސެވެ.
"ނޫން ދަރިފުޅާ. ބައްޕަ ދަރިފުޅާ ދުވަހަކުވެސް ދުރަކަށް ނުދާނަން.." އައިދަން ގައިގާ ބައްދާލަމުން ޔޫސުފް ބުންޏެވެ.
"އެކަމަކު ޔޫސުފް މަރުވީމަ އައިދަން އާއި ދުރައްދާނެއްނު.."
"ކަމަނާ" ކަމަނަ އެހެން ބުނުމުން، ލިބުނު ކުއްލި ޝޮކަކުންނާއި އައި ރުޅިން ތަންކޮޅެއް ބާރަށް ޔޫސުފް އަށް ބުނެވުނެވެ. އެއިރު ޔޫސުފް ހުރީ އައިދަންގެ ކަންފަތުގައި އަތް އަޅާ، ޔޫސުފްގެ ގަޔާ އައިދަން ކައިރިކޮށްލައިގެން، ދެ ލޯ ބޮޑު ކޮށްގެން ކަމަނަ އާއި ދިމާލަށް ބަލާށެވެ. އައިދަން އަށް އަޑުއިވޭ ވަރަށް ކަމަނަ އެފަދަ އެއްޗެއް ބުނެފާނެ ކަމަކަށް ޔޫސުފް ހިއެއް ވެސް ނުކުރެއެވެ. ނަމަވެސް އެއީ އޭނަ ގަސްތުގައި އައިދަން ދެރަކޮށްލަން ބުނި އެއްޗެއް ނޫނޭ ހިތައް އަރުވާލާފައި ޔޫސުފް ރުޅި މަޑު ކޮށްލިއެވެ.
"ދަރިފުޅާ. މިދައްތަ ހުއްޓަސް ބައްޕަ ވެސް ހުންނާނަން. ދަރިފުޅުގެ ކަންކަން ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ބައްޕަ ކުރާނަން އިނގޭ. މިއީ ވަރަށް ރަނގަޅު ދައްތައެއް. އަދި މިހާރު ދަރިފުޅުގެ މަންމައެއް އިނގޭ. އެހެންވީމަ ދަރިފުޅު ވާނެ މިދައްތަ އާއި ވެސް ފްރެންޑުވާން. ވާނަންތަ؟" ކަމަނަ އަކީ އައިދަންގެ ޙަޔާތަށް އައިސްފައި ހުރި މީހެއްކަން އަންގައި ދެމުން ޔުސުފް ވިސްނާދިނެވެ. ބައްޕަ ދެއްކި ވާހަކަ އަޑުއަހަމުން އައިދަން ވެސް ބޯޖަހާލިއެވެ.
"ދޭބަލަ ކުޑަކޮށް މާމަ އާއި ވާހަކަ ދައްކާލާފަ އަންނަން. ބައްޕަ ތައްޔާރުވާނަން އިނގޭ ދަރިފުޅު ގޮވައިގެން ބޭރަށް ދާން" ކަމަނަ އާއި އެކަނި ހުރެ ވާހަކައެއް ދައްކާލަން ބޭނުން ވެގެން ޔޫސުފް އައިދަން ފޮނުވާލެވޭތޯ މަސައްކަތް ކުރިއެވެ.
"ބައްޕަ ޗޭންޖު ކުރާއިރު ދައްތަ ވެސް ބޭރަށް ނިކުންނަން ވާނެއްނު. ހިނގާ ދައްތަ ވެސް މާމަ ކައިރިއަށް ބައްޕަ ރެޑީ ވަންދެން" ދެމަފިރިން އުޅޭނެ ގޮތް އެކުޑަކުޑަ މައުސޫމް އައިދަން އަށް ނުވިސްނޭތީ ކަމަނަ ގެ އަތުގައި ހިފާފައި ބުންޏެވެ.
"ދަރިފުޅާ ދައްތަ ދާނެ އިރުކޮޅަކުން. ދައްތަ އެއުޅެނީ ބައްޕައަށް އެހީވާން ވެގެން ކޮޓަރި ކުޑަކޮށް ސާފު ކޮށްލަން. ދަރިފުޅު ރޯގާ ޖެހިދާނެތީ މިބުނީ. ދޭބަލަ މާމަ ކައިރިއަށް އިނގޭ" ޔޫސުފް އެހެން ބުނުމުން ބަސްއަހައިގެން އައިދަން އެތަނުން ދިޔައެވެ.
އެވަގުތު ކޮޓަރީގެ ދޮރު ތަޅުލާފައި، ކަމަނަ ގެނެސް އެނދުގައި ބައިންދާފައި ޔޫސުފް ވާހަކަ ދައްކަން ފެށިއެވެ.
"ސޮރީ ކަމަނަ. ދެންމަ އެހާ ބާރަށް ހަޅޭލަވައިގަނެވުނީމަ" ކަމަނަ ގެ އަތުގައި މަޑުމަޑުން ހިފާލަމުން ޔޫސުފް ބުންޏެވެ.
"ކަމަނަ ވެސް އެކަމަކު އަސްލު ނުވާނެއްނު އައިދަން ހުއްޓާ އެކަހަލަ އެއްޗެހި ބުނާކަށް. އައިދަން ވަރަށް ލޯބިވާނެ އަހަރެން ދެކެ. އޭނަ ވަރަށް ދެރަ ވާނެ އަހަންނާއި ކިރިޔާވެސް ވަކިވާން ޖެހިއްޖިއްޔާ. އެހެންވެ އަހަރެން ނެތް ދުވަހެއްގެ ޚިޔާލު އޭނަގެ ބޮލު ތެރެއަށް ނުވައްދަނީ"
"އެކަމަކު އަހަރެން ދެކޭ ގޮތުގަ އެއީ އެނގިފަ އޮންނަން ޖެހޭނެ ކަމެއް. އަންގައި ދޭން ވެސް ޖެހޭނެ ކަމެއް. ކޮންމެ މީހަކު ވެސް މަރުވާނެ. އޭނަ އެކަމަށް ތައްޔާރު ނުވެވި ހުއްޓާ ޔޫސުފް މަރުވީމަ އޭނައަށް ލިބޭ ދެރަ މާ ބޮޑުވާނެ" ގޮތް ދޫ ނުކުރަމުން ކަމަނަ މިހެން ބުންޏެވެ.
"އަހަންނަށް ހީވަނީ ތިކަންތައްތައް އައިދަން އަށް ވިސްނާދޭން އަދި އޭނަ މާކުޑަހެން. އެހެންނޫނަސް، މަރާއި ބެހޭގޮތުން އަންގައިދޭން ޖެހުނަސް، ތިގޮތަކަށް ނޫން ކަންނޭނގެ ވިސްނާދޭން ވާނީ. ކުޑަކުދިން ކައިރީގައި ވަކި ގޮތަކަށް ދޯ ވާހަކަ ދައްކަން ވާނީ. ހަމަ ހުރެފަ އައިދަން ގެ ބައްޕަ މަރުވީމަ ދުރައްދާނޭ ބުނީމަ އޭނައަށް ނަފްސާނީ ގޮތުން ކިހާ އަސަރެއް ކުރާނެ؟ އެހެން ނޫނަށް ކީއްވެތަ ތިވަރަށް އަހަރެން މަރުވާ ވާހަކަ ތިދައްކަނީ" ކަމަނައަށް އެއްޗެއް ވިސްނާދެވޭތޯ ޔޫސުފް ވެސް މަސައްކަތް ކުރިއެވެ.
"އެއީ އަހަރެން ޔޫސުފް މަރާލަން އުޅޭތީ" ލާނެތް ގޮތަކަށް ހިނިތުންވެލުމަށްފަހު، ޔޫސުފް އާއި ގާތްވަމުން ކަމަނަ ބުންޏެވެ. އެވަގުތު ކަމަނަ ގެ ދެލޮލުގެ ރީތިކަން ފެނިފައި، ކަމަނަ އާއި ދައްކަން އުޅުނު ހުރިހާ ވާހަކައެއް މަތިން ޔޫސުފް ހަނދާން ނެތުނެވެ. އެފަރި ހިނިތުންވުމުގެ ޖާދުލުގައި ޖެހިފައި، ޔޫސުފް ހުރިހާ ކަމެއް ހަނދާން ނެތި ކަމަނަ އާއިއެކު ވަގުތު ހޭދަ ކުރިއެވެ.
"ބައްޕާ.. ބައްޕާ... ރެޑީ ވީތަ؟" އެދެމަފިރިންނަށް ހޭވެރިކަމެއްވީ އައިދަން ގޮސް ދޮރުގައި ޓަކި ޖެހުމުންނެވެ. މިނިކުންނަނީއޭ ބުނެ އަވަސް އަވަހަށް ދެމަފިރިން ފެންވަރައިގެން ތައްޔާރުވެގެން ބޭރަށް ނިކުތެވެ. އެއިރު ގަޑިން ހައެއް ޖަހަނީއެވެ.
"ބައްޕަ މާލަސްވީނު. އައިދަން ކުޅެކުޅެ ވަރުބަލި ވެއްޖެ. މާމަ ބުނީ މިއަދު ދެން ބޭރަށް ނުދާށޯ ފެންވަރައިގެން ނަމާދުކޮށްގެން ޤުރުއާން ކިޔަވަން އަންނާށޯ" ބޭރައްނުދެވޭތީ ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް ވަރަށް ބަސް އަހައިގެން އައިދަން ނަމާދު ކުރަން ދާން ތައްޔާރުވިއެވެ. ޔޫސުފް ވެސް އެދުވަހު ނަމާދަށް ދާން ހިތައް އަރާފައި ނިކުތެވެ. ނަމަވެސް ގެއިން ބޭރަށް ނިކުތް ތަނުން، ވަރަށް ބޮޑަށް ބޮލުގައި ރިއްސައިގަނެގެން އަލުން ގޭތެރެއަށް ވަދެ ފެންޑާގައި އިން ސޯފާގައި އިށީންދެލުމުން ޔޫސުފް އަށް ނިދިޖެހޭ ގޮތްވިއެވެ. ދެބަނިދި ދޭތެރޭގައި، ކަމަނަ ގެއިން ނިކުމެގެން ދާތަން ފެންނަހެން ވެސް ޔޫސުފް އަށް ހީވިއެވެ. އެވަގުތު ދަނީ ކޮންތަނަކަށްތޯ އަހާލަން އުޅުމުން، ޔޫސުފް އަށް ރަނގަޅަށް ދެލޯވެސް ހުޅުވޭވަރު ނުވިއެވެ. ޔޫސުފްއަށް ނިދުނެވެ.
"ދަރިފުޅާ.. ދަރިފުޅާ.. ހޭލަބަލަ.. ދެނަމާދު ދޭތެރޭ ވަގުތުގައި ނިދާކަށް ނުވާނެ... ދަރިފުޅާ.. ކޮބާތަ ކަމަނަ؟ ހޭލަބަލަ ދަރިފުޅާ.." މިހެން ކިޔާފައި ޔޫސުފްގެ މަންމަ ގޮވިހެން ވެސް އޭނާއަށް ހީވިއެވެ.
"ކަމަނަ... އެދިޔައީނު ކާން..." ޔޫސުފް އަށް ބުނެވުނު އެއްޗެއް ޚުދް އޭނާއަކަށް ވެސް ނޭނގުނެވެ. ދުވަހަކުވެސް އޭނާ އެހާ ނިދި ގަދައެއް ނުވެއެވެ.
ހަމައެވަގުތެވެ. ވަލު ތެރެއިން ގޮނޑު ދޮށާއި ދިމާލު ފުނަގަސްތަކެއް ކައިރީގައި ކަމަނަ ހުއްޓެވެ. އޭނާގެ ދިގު އިސްތަށިގަނޑު ވަޔާއި ވިހުރިލަ ވިހުރިލާ ހުރި އިރު އެރީތި މޫނުމަތީގައި ހިނިތުންވުމެއް ހުއްޓެވެ. ނަމަވެސް އެއީ މީގެ ކުރިން ޔޫސުފް އަށް އޭނާ ދެއްކި ރީތި ހިނިތުންވުމެއް ނޫނެވެ. އެއަށްވުރެ ބިރުވެރި ހިނިތުންވުމެކެވެ.
ކަމަނަގެ ނަޒަރު ހުއްޓިފައި ހުރީ އޭނާއާއި މާދުރު ނޫން ހިސާބެއްގައި، ޖިންސީ އުފާ ހޯދަން ތިބި އަންހެނަކާއި ފިރިހެނަކަށެވެ. އެމީހުންނަށް ކަމެއް ކުރުމުގެ ކުރިން، އިރުކޮޅެއް ވަންދެން އެމީހުންވެސް މަޖާ ކުރިޔަ ދޭން ކަމަނަ ނިންމިއެވެ.
"އިންސާނުންނަކީ ހާދަ މޮޔަ، ހާދަ ވަހުޝީ ބައެކޭ ދޯ. ސަލާމަތްކަން ލިބިގަންނަންވީ ވަގުތުތައް އެނގޭއިރުވެސް، ހަމަ ކިރިޔާ ދެމީހުން އެކަހެރި ވެވޭއިރަށް އުފާ ހޯދަން ފަށާ. އެމީހުން ހިތުން މިތިބެނީ އެކަކަށް ވެސް ނުފެންނަ ހިސާބަށް އައިސް، އަހަރުމެން މިމީހުން ވަށާލައިގެން ތިބިކަމެއް މިމީހުންނަކަށް ނޭނގެ ހަހަހަހަހަހަހަހަހަ" އުފަލުން ފުރިގެން ހުރެ ވަރަށް ބާރަށް ހެމުން ކަމަނަ ބުންޏެވެ. އެމީހުންނަށް ކަމަނަ ނުފެނުމުގެ އިތުރުން އޭނާގެ އަޑެއްވެސް ނުއިވެއެވެ.
ކަމަނަ ބޭނުންވި ވަގުތު ޖެހުމުން، ގަސްތަކު ތެރެއިން އެމީހުންނާއި ދިމާލަށް ދިޔައެވެ. އެބިރުވެރި ހިނިތުންވުމާއިއެކު އެވެ. އެދެމީހުންގެ ތެރެއިން ފުރަތަމަ ކަމަނަ ފެނުނީ އަންހެން މީހާ އަށެވެ. "މަންމާ"އޭ ކިޔާފައި ބިރުން އަވަހަށް ބިންމަތިން ތެދުވިއެވެ. އެއިރު ފިރިހެން މީހާއަށް ވެސް ކަމަނަ ފެނިގެން ބިރުން ދެލޯ ބޮޑުވެ ދުއްވައިގަންނަން އުޅެނިކޮށް، ވައިރޯޅިއެއް ޖެހުނުހާ ބާރުމިނުގައި ކުއްލިއަކަށް ކަމަނަ ގޮސް ފިރިހެން މީހާގެ ދެކޮނޑުގައި ހިފެހެއްޓިއެވެ. އަދި އޭނާގެ އިނގިލީގެ ދިގުދިގު ނިޔަފަތިތައް ފިރިހެން މީހާގެ ކޮނޑަށް ވައްދާލުމަށްފަހު، ދިގުވެފައިވާ ދެދަތުން އެމީހާގެ ކަރުގައި ދަތް އަޅާ އެމީހާގެ ގައިން ލޭބޮއެ އެއްކޮށް ހުސްކޮށްލިއެވެ. ފިރިހެން މީހާ ގެ މުޅި ގައިން އެއްކޮށް ލޭ ހުސްވެ، މުޅި މީހާ އެއްކޮށް ހުދުވެގެން މަރުވެގެން ވެއްޓުނުތަން އެއަންހެން ކުއްޖާއަށް ފެނުނެވެ. އޭނާ ހުރީ ކުއްލިއަކަށް އެފެނުނު މަންޒަރުތަކުން ލިބުނު ޝޮކެއްގެ ބޮޑުކަމުން ހުރިތަނުން ގުޑާލަން ވެސް ނޭނގިފައެވެ.
ކަމަނަ ގެ ނަޒަރު އެއަންހެން ކުއްޖާއަށް ހުއްޓުމުން އޭނާއަށް ހޭވެރިކަން ވިއެވެ.
"ނޫން ޕްލީޒް. ހެޔޮ ނުވާނެ. އަހަރެން ދޫކޮށްލާ. ޕްލީޒް" ރޮމުން ރޮމުން އަންހެން ކުއްޖާ އާދޭސް ކުރިއެވެ.
"ކަލޭ ގޮސް މަގޭ ވާހަކަ ބުނެފިއްޔާޔޯ؟ ތިހެން ދުލެއް ނުކުރެވޭނެއްނު" އަންހެން ކުއްޖާއާއި ދިމާލަށް އަންނަމުން ކަމަނަ ބުންޏެވެ.
"ނޫން އަހަރެން ނުބުނާނަން. ޕްރޮމިސް. މަށަކަށް ނުވެސް އިނގޭ އެއްވެސް އެއްޗެއް. މަނުދެކެން އެއްވެސް އެއްޗެއް" ރޮމުން ގިސްލަމުން އަންހެން ކުއްޖާ ބުންޏެވެ.
ކަމަނަގެ ބަނޑުވެސް ފުރިފައި ހުރުމުން އޭނާ ނިންމީ އަންހެން ކުއްޖާގެ ގައިން ލޭ ނުބޯށެވެ. ނަމަވެސް އިންސާނުންނަކީ އޭނާ އިތުބާރު ކުރާ ބަޔަކަށް ނުވާތީ، އެއަންހެން ކުއްޖާގެ އަތުގައި ހިފައިގެން ވަލުތެރެއިން މަގަށްވާ ގޮތަށް ނެރި ދޫކޮށްލިއެވެ. އަންހެން ކުއްޖާ މަގާއި ދިމާލަށް ދުއްވައި ގަތުމަށްފަހު ހޭނެތިގެން ވެއްޓުނުތަން ކަމަނަ ހުރީ ބަލާށެވެ. އޭނާ ހޭއަރާއިރު ހުންނާނީ ދުނިޔެއިން މޮޔަވެފަައިކަން ކަމަނައަށް އެނގެއެވެ. އެކަމާއި ހިނިތުން ވެލުމަށްފަހު، ކަމަނަގެ އިންސާނީ ރީތި ސޫރައަށް އޭނާ އަލުން ބަދަލުވިއެވެ.
"ސޮރީ ލޯބިވާ ފިރިމީހާ. އަހަންނަކީ ޔޫސުފް ބޭނުންވާ ކަހަލަ ރީތި ރީތި 'އިންސާނެއް' ނޫން. ޖިންނި އެއް... ލޭ ބޯ ޖިންނިއެއް... ހަހަހަަހަހަހަހަ"
(ހަވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)