ދަރިފުޅުގެ ގާތިލަށް މާފު ކުރީ މާތް ﷲ އަށް ޓަކައި

ކިޔުމަށް ހޭދަވާނީ 2މ 9ސ
ދަރިފުޅުގެ ގާތިލަށް މާފު ކުރީ މާތް ﷲ އަށް ޓަކައި
ބައްޕައަކު ކޯޓު ތެރޭގައި އޭނާގެ ދަރިފުޅުގެ ގާތިލު ގައިގާ ބައްދާލާ، އިސްލާމްދީނަށްޓަކައި އަދި ހެއްދެވި ފަރާތަށްޓަކައި އެމީހާއަށް މާފު ކޮށްފި ކަމަށް އިއުލާނު ކޮށްފިއެވެ.

ޓްރޭ ރެލްފޯޑް ނަމަކަށް ކިޔާ މިމީހާ ވަނީ 31 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ. އޭނާ ވަނީ ލެކްސިންގޓަން ކެންޓަކީ ޕިއްޒާ ހަޓްގައި ޕިއްޒާ ޑެލިވަރ ކުރަން އުޅުނު އުމުރުން 22 އަހަރުގެ ސަލާޙުއްދީން ޖިޓްމައުޑް ނަމަކަށް ކިޔާ މުސްލިމެއް މަރާލި ކަމަށް، ކޯޓުގައި އެއްބަސް ވެފައެވެ.

އެރޭ ސަލާޙުއްދީންގެ ޑިއުޓީގައި އޯޑަރު ދިން އެންމެ ފަހު ޕިއްޒާ ޑެލިވަރ ކުރަން ދަނިކޮށް، ރެލްފޯޑް ވަނީ އޭނާއަށް ހަމަލާދީ ވަރަށް އަނިޔާވެރި ގޮތަކަށް ސަލާޙުއްދީން ގަތުލު ކޮށްލާފައެވެ. ކޯޓުގައި އޭނާ ބުނި ގޮތުގައި، ރެލްފޯޑް އެރޭ ފުރަތަމަ ރާވައިގެން ހުރީ ސަލާޙުއްދީންގެ އަތުގައި ހުރި ފައިސާއާއި އެނޫންވެސް ތަކެތި ފޭރިގަންނާށެވެ. އެއްގޮތަކަށް ވެސް އޭނާ މަރާލާކަށް ނޫނެވެ.

މިދިޔަ އަންގާރަ ދުވަހު މިމައްސަލައިގެ އަޑުއެހުމެއް ބޭއްވިފައިވާއިރު، ސަލާޙުއްދީން ގެ ބައްޕަ ޑރ. ސޮމްބަޓް ޖިޓްމައުޑް ވަނީ ރެލްފޯޑް އަށް މާފު ކޮށްފި ކަމަށް ވިދާޅުވެ މުޅި ކޯޓްރޫމުގައި ތިބި އެންމެ ރޮއްވާލާފައެވެ.

"އިސްލާމްދީނުގެ ހަމަތަކުގައިވާ ގޮތުގެ މަތިން، މީހަކާއި މެދު އިހާނެތިކޮށް ކަންތައް ކޮށްފި މީހާއަށް އެމީހެއްގެ ފަރާތުން މާފު ލިބިގެން ނޫނީ މާތް ﷲ އެމީހެއްގެ ފާފަ ނުފުއްސަވާނެ" ޑރ.ސޮމްބަޓް މިހެން ވިދާޅުވި ކަމަށް ސީއެންއެން އިން ވަނީ ރިޕޯޓު ކޮށްފައެވެ.

"އަހަރެން ކަލޭ ދެކެ ރުޅިއެއް ނާދޭ. އަހަރެން ރުޅި އަންނަނީ އެޝައިޠާނާ ދެކެ. އެއީ ކަލޭ ނުބައި މަގަށް އަޅުވާ ކަލެއަށް ހެވާއި ނުބައި އޮޅުވާލި ފަރާތަކީ އެޝައިޠާނާ ކަމަށް ވާތީ" ސަލާޙުއްދީންގެ ބައްޕަ ޑރ. ސޮމްބަޓު ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވެފައިވަނީ "އަހަރެން ކަލެއަށް މާފު ކޮށްފިން. ކަލެއާއި މެދު ކަންތައްތައް ކުރާނެ ގޮތެއްގެ ނިޔާ ކަނޑައަޅުއްވާނީ މާތް ﷲ. އެކަލާނގެއަށް އެކަލާނގެ ތަޤްވާވެރިން އިތުބާރު ކުރައްވާނެ" މިހެންނެވެ.

މީގެ އިތުރުން ޑރ. ސޮމްބަޓް ވިދާޅުވެފައިވަނީ މާފް ކުރުމަކީ އިސްލާމްދީނުގެ ރިވެތި އާދަކާދައިގެ ތެރެއިން ހިމެނިގެންވާ ކަމެއް ކަމަށާއި އެއީ އެކަކު އަނެކަކަށް ދެވޭ ސަދަޤާތެއް ކަމަށެވެ.

ކޯޓުގައި މިހެން ވިދާޅުވުމަށްފަހު ސަލާޙުއްދީންގެ ބައްޕަ ރެލްފޯޑާއި ސަލާމްކޮށް އޭނާގެ ގައިގާ ބައްދާލިއެވެ. ރެލްފޯޑް ވެސް އެވަގުތު ހުރީ ރޮވިފައެވެ. ރެލްފޯޑާއި އޭނާގެ މަންމަ ވަނީ ސަލާޙުއްދީން ގެ ކިބައިން ވެސް މާފަށް އެދި ދުޢާ ކޮށްފައެވެ.

މިއަދު އޮންލައިން