ޗައިނާ އާ ނުލާ އެމެރިކާއަށް ދުނިޔޭގެ ތާއީދު ހޯދެން ނެތްކަން ޓްރަމްޕް ޤަބޫލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޗައިނާ އާ ނުލާ އެމެރިކާއަށް ދުނިޔޭގެ ތާއީދު ހޯދެން ނެތްކަން ޓްރަމްޕް ޤަބޫލުކޮށްފި
ޗައިނާ އާއި ނުލައި އެމެރިކާއަށް ދުނިޔޭގެ ތާއީދު ހޯދެން ނެތްކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ޤަބޫލުކޮށްފިއެވެ.

ޓްރަމްޕް އޭސިއާގެ ބައެއް ޤައުމުތަކަށް ކުރަމުން ގެންދާ ދަތުރުގެތެރެއިން ޗައިނާއަށް ގޮސް ބޭއްވި ދެ ޤައުމުގެ ވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ބުނެފައިވަނީ ބައިނަލްއަޤްވާމީ މައްސަލަތަކުގައި މިހާރަށްވުރެ އިތުރަށް ޗައިނާ އާއި މަޝްވަރާކުރަން ބޭނުން ކަމަށާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުން ކަމަށެވެ.

މީގެ އިތުރުން ދެ ޤައުމުގެ ވެރިންގެ ރަނގަޅު މަސްލަހަތެއް އޮވެގެން ނޫނީ ކުރިއެރުން ލިބެން ނެތްކަން ވެސް ޓްރަމްޕް ވަނީ ޤަބޫލުކޮށްފައެވެ. މިއީ މީގެ ކުރިން ޓްރަމްޕް ނުދައްކާ ޒާތުގެ ވާހަކަތަކެކެވެ.

އެމެރިކާ އާއި ޗައިނާ އަކީ މުޅިން ތަފާތު ދެ ޤައުމެވެ. އެމެރިކާއަކީ އެޤައުމަށް ބޭނުންވާ ފައިސާ ހޯދަން ދުނިޔޭގައި ހަމަނުޖެހުންތައް ގިނަކުރުވައި ވީހައި ގިނައިން ހަތިޔާރު ވިއްކަން ބޭނުންވާ ޤައުމެކެވެ. އެއާއި މުޅިން ޚިލާފަށް ޗައިނާއަކީ އެޤައުމުގެ އިޤްޠިޞާދީ ފުދުންތެރިކަން އެހެން ޤައުމުތަކާއި ހިއްޞާކޮށްގެން އެހެން ޤައުމުތަކުގެ އިޤްޠިޞާދު ކުރިއަރުވަން މަސައްކަތްކުރާ ޤައުމެކެވެ.

މިބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ޒީ ޖިންޕިން ވިދާޅުވީ ކަންކަން ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނީ ދެ ޤައުމު ގުޅިގެން ކުރިއަށް ދާން ބޭނުންވާ ގޮތުގެ މަގުޗާޓެއް އެކުލަވާލައި އަދި އަމަލުކޮށްގެން ކަަމަށެވެ.

ރައީސް ޒީ މިފަދައިން ވިދާޅުވެފައިވަނީ ޓްރަމްޕުގެ ވާހަކަތަކަކީ އެނބުރޭ އުނދޯއްޔެއް ފަދައިން އެނބުރެމުންދާ ވާހަކަތަކަށްވާތީ ކަމަށް ޤަބޫލުކުރެވެއެވެ.

ދެ ޤައުމުން ވަނީ ހުރިހާ ދާއިރާތަކުންވެސް ގުޅުން ބަދަހިކޮށް ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކަށް މަޝްވަރާކޮށްފައެވެ.
މިއަދު އޮންލައިން