އަބޫ މުޙައްމަދު
ސިޔާސީ ޕާޓީއެއްގެ ގޮތުގައި 1975 ގައި ފާޅުވި "ޙިޒްބުﷲ" ޖަމާޢަތް ވުޖޫދަށް އައިސްފައިވަނީ 1972 ވަނަ އަހަރުއެވެ. ފުރަތަމަ"ޙަރަކަތު އަމަލިއްޝީޢިއްޔާ" ގެ ނަމުގައެވެ. ނަމަވެސް މިނަމުން މިބައިމީހުންގެ ޙަޤީޤަތް ހާމަވާތީ ވަރަށް އަވަހަށް "އަމަލިލް އިސްލާމިއްޔާ"ގެ ނަމަށް މިމީހުން ނަން ބަދަލުކުރިއެވެ. އެއީ އެނަމުގެ އަވާގައި ގިނަ ބަޔަކު ޖެއްސުމުގެ މަޤްޞަދުގައެވެ. އަދި ކަމުގެ ޙަޤީޤަތަށް ބަލާއިރު، މިމީހުން ގޭގެ އަހްލުންނަށް ނިސްބަތްވާ ބައެއްގެ ގޮތުގައި މީހުންގެ ތެރެއަށް ނިކުމެ ޙަޤީޤަތް އޮޅުވާލާފައިވާ ގޮތާއި ދާދި އެއްކަހަލަ ގޮތަކަށެވެ. ޖުލައި 2006 ވަނަ އަހަރު ސުންނީ އަވަށަކުން ނުކުމެގެންގޮސް އިސްރާއީލް ސިފައިންގެ 3 މީހުން ހައްޔަރުކުރުމާއިއެކީގައި ދުނިޔޭގައި ތިބި ސުންނީ ޖަމާޢަތުގެ މީހުން ޤަބޫލްކުރީ މިއީ ވަރުގަދަ އިސްލާމީ ޖަމާޢަތެއްކަމަށެވެ. އެކަމަކު އިޒްރާއީލުން ސުންނީ އެ އަވަށަށް ޙަމަލާދީ އެތައްބަޔަކު މަރާލިކަމެއް ނުދަނެއެވެ. އަދި ޝީޢީންނަށް މިމީހުން ކުރި ކަންތައްތަކުން ގެއްލުމެއް ނުލިބޭއިރު އެތައް ހާސް ސުންނީ ޖަމާޢަތުގެ މީހުންނަށްގެއްލުން ލިބުނުކަމެއް ނޭނގެއެވެ. ސުންނީ މަޒްހަބު ފޮހެލައި މުޅިދުނިޔެއިން އޭގެ ވަސްވެސް ފޮހެލުމުގެ މަޤްޞަދުގައި އީރާނުން އުފައްދާފައިވާ މި ޙިޒްބުއްﷲ ޖަމާޢަތުގެ މީހުން އަބަދުވެސް މަސައްކަތްކުރަމުން ދާކަން މުޅި އިސްލާމީ ތާރީޚް ހެކިދޭކަމެއްވެސް ނޭނގެއެވެ.
މިޖަމާޢަތުގެ އަސްލު މުއައްސިސަކީ މޫސާ އައްޞަދްރެވެ. އޭނާއަކީ މީލާދީ ސަނަތުން 1928 ގައި އީރާންގައި އުފަން އީރާންގެ ހަރުކަށި ޝީޢީ ޖަމާޢަތަށް ނިސްބަތްވާ އަސްލު އީރާނުގެ ރައްޔިތެކެވެ. ތެހެރާނުގެ "ތެހެރާން ޔުނިވަރސިޓީ" އިން ދަސްވެނިވެގެން ލުބްނާނަށް އޭނާ ގޮސްފައިވަނީ 1958 ގައެވެ. އަދި ފުއާދު ޝިހާބުގެ ވެރިކަމުގައި ރިޔާސީ އަމުރަކުން އޭނާއަށް ލުބުނާންގެ އަހްލިއްޔަތު ލިބި ލުބުނާންގެ ރައްވެއްސެއްކަމުގައި ވެގެން ދިޔައެވެ.
އޭނާއަކީ އީރާނުގައި އޮތް ސުންނީ ޝާހުގެ ވެރިކަން ވައްޓާލުމަށްފަހު ހުޅަނގުން ގެނައި ޚުމައިނީގެ ދަރިވަރެކެވެ. ޚުމައިނީގެ ދަރިކައިވެނިކޮށްފައިވަނީ އޭނާގެ އަންހެން ކޮއްކޮގެ އަންހެން ދަރިއަކާއެވެ. އަދި އަންހެން ކޮއްކޮގެ ފރިހެން ދަރި، މަޝްހޫރު އަދި ހަރުކަށި ޝީޢީ ދީނީ މީހެއްކަމުގައިވާ މުރުތަޟާ އައްޠަބްޠާއީ ވަނީ ޚުމައިނީގެ ކާފަދަރިއަކާއި ކައިވެނިކޮށް ދެޢާއިލާގެ ގުޅުން އިންތިހާއަށް ބަދަހި ކޮށްފައިއެވެ.
އޭނާ އެންމެ ފުރަތަމަ ކުރިކަމަކީވެސް ހަތިޔާރު އެޅި ޖަމާޢަތެއް "އަމަލް"ގެ ނަމުގައި އުފައްދާ ޤައުމުގެ ދިފާޢީ ބާރުތަކަށް އެހީތެރިވުމެވެ. ނަމަވެސް އޭނާގެ ނުބައި ނިޔަތް އެނގިގެން ދިޔައީ ސޫރިޔާގެ ނުޞައިރީ ސިފައިން ލުބުނާނަށް ވަދެގަތް ވަގުތުން ފެށިގެންނެވެ. ޙަޤީޤަތުގައި އޭނާ އަބަދުވެސް ހައްދުފަހަނައަޅާފައިވާ ޝީޢީ ނުޞައިރީންނަށް އަބދުވެސް ވަލާ ބާއްވާ ލޯބިކޮށް އެމީހުންނަށް ނަޞްރު ދެމުން ދިޔައެވެ. (ނުނިމޭ).