ދުނިޔެމަތީގައި އެކި މީހުން ކުރާ ހިތްވާނީ އެކި ކަންތައްތަކެެވެ. ތަފާތު މީހުން ދުނިޔޭގައި އުޅޭ ކަމީ އެންމެންވެސް ޤަބޫލު ކުރާ ކަމެކެވެ. ގޭގައި "ޕެޓަކަށް" އެކިމީހުން ގެންގުޅެނީވެސް ތަފާތު އެކި އެއްޗެއްސެވެ. އެއްބަޔަކު ބުޅާ ނުވަތަ ބުޅާތަކެއް ގެންގުޅޭއިރު އަނެއް ބަޔަކު ގެންގުޅެނީ ގުރާ، ގޯލްޑް ފިޝް ފަދަ އެއްޗެއްސެވެ.
ނަމަވެސް ޕެޓަކަށް އެއްވެސް މީހަކު ކުރަފި ގެންގުޅެފާނެ ހެއްޔެވެ؟ ޝެލްބީ ކައުންޓަރމަން ގެންގުޅެއެވެ.
ޓަލްސާ އިން ބޭރު އޮކްލަހަމާ ގައި ދިރިއުޅޭ އުމުރުން މިހާރު 10 އަހަރުގެ ޝެލްބީ، ކުރަތްޕައް ޝައުޤުވެރިކަން އުފެދުނީ އޭނާގެ އުމުރުން އެންމެ 18 މަހުގައި ކަމަށް އޭނާގެ މަންމަ ބުނެފައިވެއެވެ.
ޝެލްބީ ގެ މުޅި ކޮޓަރި ފުރިފައިވަނީ ކުރަފިންނެވެ. އޭނާ އެންމެ ފުރަތަމަ ގެންގުޅުނީ ފިރިހެން ފަސް ކުރަތްޕެވެ. ނަމަވެސް ކުރަފިތައް އިތުރަށް ދިރުވާ އާލާ ކުރަން ބޭނުން ވެގެން، އަންހެން ކުރަފި ވެސް ހޯދާ ބްރީޑް ކުރުވިއެވެ. މިހާރު އޭނާގެ ކޮޓަރީގައި 1000 އެއްހާ ކުރަފި އުޅެއެވެ. ކުރަތްޕެއް ފެނިގެން އާންމުކޮށް އެހެން އަންހެން ކުދިން ބިރުން ހަޅޭލެވިޔަސް، ޝެލްބީ އެއެންމެންނާއި ވެސް ތަފާތެވެ. އޭނާ އެއެއްޗެހި ގެންގުޅެނީ އެކުރަފިތައް ބަހައްޓަން އެކިއެކި ކޮންޓެއިނަރތަކާއި ކަބަޑްތައް ވެސް ހަދައިގެންނެވެ. އަދި ކުރަފިތަކަށް ކާންދީ ވަރަށް ލޯބިން ޝެލްބީ އެކުރަފިތައް ބަލަހައްޓައެވެ.
ވޭތުވެދިޔަ ހަތް އަހަރު ދުވަސް ވަންދެން ޝެލްޕީ އެންމެ ގިނައިން ގެންގުޅެފައިވަނީ "މަޑަގަސްކަރަ ހިސިންގ" ކުރަތްޕެވެ. އެފްރިކާގެ އެސޫފިތަކަކީ އުދުހޭ ކުރަފިތަކެއް ނޫނެވެ. އޭގައި އިންނަނީ ދެ އެންޓަނާއެވެ. އެއީ ވަރަށް ހަލުވިކަމާއިއެކީ އިތުރުވާ ކުރަފިތަކެކެވެ.
"ނިއުސް އޮން "6 ގެ ރިޕޯޓަރެއް ކަމުގައިވާ ލިއޭން ޓޭލާ، މަޑަގަސްކަރަ ހިސިންގ ކުރަފި ދެކެ ބިރުގަންނަ ވާހަކަ އެއްދުވަހު ބުނުމުން، އެކަމާއި ޝެލްބީ ވަރަށް ސިހުނެވެ. އަދި ކުރަފި ތަކަކާއިއެކު ފޮޓޯ އެއް ނަގާފައި، ލިއޭން އަށް އެފޮޓޯ ފޮނުވާ، ޝެލްބީގެ ގެއަށް ދިޔުމަށް ދައުވަތު ދިނެވެ. ޝެލްބީ ބުނީ، ކުރަފި ދެކެ ގަންނަ ބިރު އެއިރުން އެއްކޮށް ކެނޑޭނެ ކަމަށެވެ.
ޝެލްބީ ގެ މިއާދަޔާ ޚިލާފު ހޮބީ އާއި ބެހޭ ގޮތުން އޭނާގެ މައިންބަފައިން ބުނެފައިވަނީ، އެއީ ޝެލްބީ ވަރަށް ގަޔާވާ ކަމަކަށްވާތީ، އެކަން އޭނާއަށް މަނާ ނުކުރާ ކަމަށާއި ނަމަވެސް ބޮޑުވަމުން އަންނަ ވަރަކަށް އޭނާ އެކަން ހުއްޓާލާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.