2018 ވަނަ އަހަރަކީ ތެލުގެ އަގު އުފުލިފަ ހުންނާނެ އަހަރެއް!
މިފެށޭ 2018 ވަނަ އަހަރަކީ ތެލުގެ އަގު އުފުލިފައި ހުންނާނެ އަހަރެއް ކަމަށް މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ޔޫއޭއޭގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ތަޖުރިބާކާރު މާހިރުން ބުނެފައިވަނީ އަންނަ އަހަރު ތެލުގެ އަގު ހުންނާނީ 60 ޑޮލަރަށް ފީފާއެއްގެ މަގުން ކަމަށެވެ. މިއަހަރުގެ ބައެއް ދުވަސްވަރު 52 ޑޮލަރުގައި ހުރި ނަމަވެސް އަންނަ އަހަރު އަގު ހުންނާނީ އުފުލިފައި ކަމަށެވެ.
ތެލުގެ އަގު އުފުލިފައި ހުރެއްޖެނަމަ މެދުިރުމަތީގެ ޤައުމުތަކަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ. އިޤްޠިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. އެހެން ނަމަވެސް ތެޔޮ އެތެރެކުރާ ޤައުމުތަކުގެ އިޤްޠިޞާދަށް މިކަމުގެ ސަބަބުން ލިބޭނީ ގެއްލުންތަކެކެވެ.
ތެލުގެ އަގު އުފުލިގެންދާނަމަ އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ރާއްޖެއަށް ބަަލައިފިނަމަ ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ އިތުރުން އެންމެ މުހިންމު 2 ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަކީ ވަރަށް ބޮޑަށް ތެލަށް ބަރޯސާވެފައިވާ 2 ސިނާއަތެވެ.
ރާއްޖޭގައި މިހާރުވެސް ތެޔޮ ވިއްކަމުން ގެންދަނީ ރާއްޖޭގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ އަމިއްލަ ފައިދާއިން ވަރަށް ބޮޑު ބައެއް ސަބްސިޑައިޒްކޮށްގެންނެވެ. އެކަމުގެ ސަބަބުން ކުންފުނީގެ ސާފު ފައިދާ ދަނީ ދަށްވަމުންނެވެ.
މިހާރު ބޭރުން ތެޔޮ ގަންނަން ލިބޭ އަގަށް ބަލައިގެން އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ހަމަޖައްސައިފިނަމަ ކަރަންޓަށް ސަބްސިޑީ ދައްކަންޖެހި ކަރަންޓުގެ އަގުވެސް މަތިވެގެންދާނެއެވެ.