އުރީދޫ ކަލަރ ރަންގެ ނަމުގައި، ޔުނިކްސް ސްޕޯޓްސް އާއި އެކު ކުރިއަށްގެންދާ މި ދުވުން ބޭއްވޭނީ 2 ޑިސެމްބަރ 2017 ވާ ހޮނިހިރު ދުވަހުގެ ހަވީރު، ހުޅުމާލޭގައިކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ މި ފޯރިގަދަ ރަން ދިވެހި ދުވުންތެރިންނާއި ހަމައަށް ގެނެސްދެވުމަކީ، ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށާއި ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައިރާއްޖޭގައި ދުވުންތެރިންގެ އަދަދު ދަނީ އިތުރުވަމުންކަމަށެވެ. އަދި ދުވުމަކީ ގިނަ ގުނަ ފައިދާ ހިމެނޭ ކަމަކަށްވެފައި، މި ކަމަށް އިތުރު ހިއްވަރެއް ދިނުމުގެ ގޮތުން، ތައާރަފްކުރަނީ މި ދާއިރާ އަށް މުޅިން އައު އަދި ތަފާތު އިވެންޓެއްކަމަށެވެ.
އުރީދޫ އިން ބުނެފައިވަނީ މި އިވެންޓުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށާއި ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެއްކަމަށެވެ. އަދި އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެކަމަށެވެ.
މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
7 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް، އެއްވެސް ފީ އަކާ ނުލާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ހަމަ އެހެންމެ، ކަލަރ ރަންގެ އޮފިޝަލް ޓީޝާޓާއި އެހެނިހެން ހަދިޔާތަށް ހިމެނޭ ކިޓެއްވެސް ގަންނަން ލިބޭނެއެވެ. މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުންwww.ooredoo.mv/ColorRunމެދުވެރިކޮށް ފަސޭހަކަމާއި އެކު ރެޖިސްޓަރކުރެވޭނެއެވެ.
ކޮންމެ އަހަރަކުވެސް، އެ އަހަރެއްގެ އުރީދޫކަލަރ ރަންގެ އޮފިޝަލް ޗެރިޓީ ޕާރޓްނަރ އެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ވަކި ޕަސެންޓެއްގެ ފައިސާ އެފަރާތަށް ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މަގުފަހިކޮށްދެވޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ކަލަރ ރަން ގައި ބައިވެރިވުމަށް، އުރީދޫ އަދި މި ދުވުމުގެ އެންމެހާ ޕަރޓްނަރުން ވަނީ ދައުވަތު އަރުވާފައެވެ. މިފަދަ ދުވުންތައް ދުނިޔޭގެ އެކިހިސާބުތަކުގައި މަގުބޫލުކަން ހޯދާފައިވާއިރު، ރާއްޖޭގެ ގިނަ ދުވުންތެރިންނެއް ވަނީ އުރީދޫ ކަލަރ ރަން އަށް ހޫނު މަރުޙަބާ އެއް ކިޔާފައެވެ.