ޒިމްބާބްވޭގެ ސިފައިން ޤައުމުގެ ކޮންޓްރޯލް ނަގައިފި- އެކަމަކު ބުނަނީ އިންޤިލާބެއް ނުގެންނަ ކަމަށް!
ޒިމްބާބްވޭގެ ސިފައިން ނުކުމުގެ ޤައުމުގެ ކޮންޓްރޯލް އެމީހުންގެ ބާރުގަދަށަށް ގެންގޮސްފިއެވެ. ނަމަވެސް ބުނަނީ މިއީ އިންޤިލާބެއް ނޫން ކަމަށާއި މުޤާބޭ އާއި އޭނާގެ ޢާއިލާ ތިބީ ސަލާމަތުން ކަމަށެވެ.
ސިފައިން ވަނީ ޤައުމީ ޓީވީ ސްޓޭޝަނާއި ސަރުކާރުގެ އޮފީސްތައް އެމީހުންގެ ބާރުގެދަށަށް ގެންގޮސްފައެވެ. އޮފީސްތަކަށް މީހުންނަށް ނުވަދެވޭނެ ގޮތް ވެސް ހަދައިފައެވެ.
ސިފައިންގެ ތަރުޖަމާނު ބުނެފައިވަނީ ސިފައިން ނުކުމެ ތިބީ އިޖުތިމާޢީ ހަމަޖެހުން ގެނައުމަށް ކަމަށާއި ރައީސް މުޤާބޭގެ ވަށައިގެން ތިބި ކޮރަޕްޓް އަދި ކުށްކުރާ މީހުން ހައްޔަރުކުރާނެ ކަމަށެވެ. "މުޤާބޭ އާ އޭނާގެ ޢާއިލާ ތިބީ ސަލާމަތުންް."
ތަރުޖަމާނު ބުނެފައިވަނީ ޤައުމުގެ ކަންކަން ވަނީ ކޮންޓްރޯލުގައި ކަމަށާއި ސިޔާސީ ޕާޓީތަކުން ނުކުމެ އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށެވެ. ޒުވާނުންނަށް ބުނެފައިވަނީ މިއީ އެމީހުންގެ ޤައުމު ކަމަށާއި "ނުބައި ފަރާތުން" އެއްވެސް ކަމެއް ކުރަން ނުއުޅުމަށެވެ.
ސިފައިން ދަނީ ބަރު ހަތިޔާރާއެކު މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ. ޤައުމުގެ ހާލަތަށް ވާނެ ގޮތަކާއިމެދު ސަރުކާރަށް ވާނެ ގޮތަކާއިމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.