"ތިއައީ އަހަރެން ކުރިން ދުނިޔޭގައި އުޅުނުއިރުގެ އަނބިމީހާ" ކަމަށް ބުނެ އަންހެނަކު ރޭޕްކުރި މީހެއްގެ މައްސަލަ ކޯޓުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
"ތިއައީ އަހަރެން ކުރިން ދުނިޔޭގައި އުޅުނުއިރުގެ އަނބިމީހާ" ކަމަށް ބުނެ އަންހެނަކު ރޭޕްކުރި މީހެއްގެ މައްސަލަ ކޯޓުގަ!
"ތިއައީ އަހަރެން ކުރިން ދުނިޔޭގައި އުޅުނުއިރުގެ އަނބިމީހާ" ކަމަށް ބުނެ އަންހެނަކު ރޭޕްކުރި ފަންޑިތަހަދާ މީހެއްގެ މައްސަލަ އިންޑިއާގެ ތާނޭގެ ކޯޓުގައި ހިންގަމުން އެބަގެންދެއެވެ.

ތާނޭގެ އަންހެނަކު ފަންޑިތަހަދާ މީމިހާ އާއި މުޢާމަލާތުކުރީ އޭނާގެ ވެބްސައިޓު މެދުވެރިކޮށެވެ. އޭނާގެ ބައްޕައަށް ކެންސަރު ޖެހި ސަލާމަތްވުމުގެ އުންމީދުކުޑަވެފައިވުމުން ގޮތެއް ފެނޭތޯއެވެ. އެ ވެބްސައިޓުގައިވާ ގޮތުން ފަންޑިތަހަދާ މީހާ އަކީ ބޮޑެތި ބަލިތައް ފަސޭހަކުރުމުގެ ރޫޙާނީ ބާރުލިބިފައިވާ މީހެކެވެ.

މުޢާމަލާތަށްފަހު ފަންޑިތަހަދާ މީހާ ތާނޭއަށް އައެވެ. އަދި ފަންޑިތަ ހެދުމުގެ ތަފާތު ބަހަނާތައް ދައްކައި އާއިލާއިން 3 ލައްކަ ރުޕީސް ހޯދިއެވެ. އެވަރުން ނުފުދިގެން ބުނީ ބައްޕަގެ ބަލި ފަސޭހަވާނީ ކުރީގެ ކައިވެނިމަތީގައި ދިރިއުޅެގެން ކަމަށެވެ.

"ކަލެއަކީ އަހަރެންގެ ކުރީގެ ހަޔާތުގައި އަނބި މީހާ. ދެ މީހުން ވެސް އެއިރު މަރުވީ. މިހާރު މިތިބީ ދެވަނަ ފަހަރަށް ދުނިޔެއަށް އާދެވިފަ. އެހެންވީމާ ކަލެއަށް ޖެހޭނީ އަހަރެންނާއެކު އުޅެން."

ބައްޕަގެ ހައްޤުގައި އެކަން ވެސް އަންހެން މީހާ ޤަބޫލުކުރިއެވެ. ނަމަވެސް ޝަރުޠަކާއިއެކުގައެވެ. އޭނާ ދައްކާވާހަކަ ޤަބޫލުކުރެވެންދެން ޖިންސީ ގުޅުމެއް ނުހިންގުމަށެވެ.

ފަންޑިތަހަދާ މީހާގެ މަކަރުން އަންހެން މީހާ ދިއްލީއަށް ގެންދިއައެވެ. އަދި ގަދަކަމުން ޖިންސީ ގުޅުންހިންގިއެވެ.

އަމިއްލަ ކުންފުންޏެއްގެ އިސް މަޤާމެއްގައި ހުރި އަންހެން މީހާއަށް ތަންދޮރު އޮޅުންފިލީ އެ ހިސާބުންނެވެ. ދީނީ އެއްވެސް ސިފައެއް ލިބިގެންވާ މީހަކު އެފަދަ ކަމެއް ނުކުރާނެކަން ވިސްނުމުންނެވެ.

ތާނޭއަށް އެނބުރި އައިސް އެމީހާގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ފަންޑިތަހަދާ މީހާ ބަންދުކޮށް ތަޙްޤީޤްކުރުމަށްފަހު މިހާރު ޝަރީއަތް ވަނީ ފެށިފައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ރޭޕްކުރުމާއި މަކަރާ ހީލަތުން ފައިސާ ހޯދުމާއި ދީނާއި ގުޅުވައިގެން އޮޅުވައިލުމާއި ސިހުރު ހެދުން ހިމެނެއެވެ.
މިއަދު އޮންލައިން