މައިޒާން އަލިބެއަށް އައިއޭއޭއެފްގެ އެވޯޑް ލިބުމުން ދިރާގުން ހޫނު މަރުހަބާއެއް ކިޔައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މައިޒާން އަލިބެއަށް އައިއޭއޭއެފްގެ އެވޯޑް ލިބުމުން ދިރާގުން ހޫނު މަރުހަބާއެއް ކިޔައިފި
ދިގު މުއްދަތެއްގައި ރާއްޖޭގެ އެތްލެޓިކްސް ކުރިއެރުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މައިޒާން ޢަލި މަނިކު (މައިޒާން އަލިބެ) އަށް އައިއޭއޭއެފްގެ އެވޯޑް "ވެޓްރަން ޕިން" ލިބުމުން ދިރާގުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.



ދިރާގުގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާޢީލް ރަޝީދު ވިދާޅުވީ އެތްލެޓިކްސް ެސޯސިއޭޝަނުގެ އިސްމަޤާމުތަކުގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން އެ އެސޯސިއޭޝަނުގެ ރައީސްކަން ދިގުމުއްދަތެއްގަައި ކުރައްވާފައިވާ މައިޒާން އަލިބެ ވަނީ ރާއްޖޭގެ އެތްލެޓިކްސް ކުރިއެރުވުމަށް ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ. އަދި މިފަދަ ބައިނަލްއަޤްވާމީ އެވޯޑެއް ލިބިވަޑައިގަތީ އެ މަސައްކަތްޕުޅުތަކުގެ އަގު ދުނިޔޭގެ އެތްލެޓިކްސް ޖަމިއްޔާއިން ބަލައިގަންނާތީ ކަމަށެވެ.



ދިރާގުން ކުރިއަށް ގެންދާ ރާއްޖޭގެ އެންމެ ބޮޑު އެތްލެޓިކްސް ހަރަކާތް ކަމަށްވާ ދިރާގު ރޯޑް ރޭސް ފަށައިގަތީންސުރެ މައިޒާން އަލިބެ އާއި އެތްލެޓިކްސް އެސޯސިއޭޝަނުގެ އެހީތެރިކަން ދިރާގަށް ލިބެމުން އަންނަކަން އިސްމާޢީލް ރަޝީދު ވަނީ ފާހަގަކުރައްވައިފައެވެ.

މިރަސްމިއްޔާތުގައި މައިޒާން އަލިބެ ވިދާޅުވީ މީގެ އަހަރުތަކެއް ކުރިއަށް ބަލައިފިނަމަ އެތްލެޓިކްސް ހަރަކާތްތައް އަމާޒުކުރެވިފައި އޮތީ ހަމައެކަނި މާލެއަށް ކަމަށާއި އަތޮޅުތެރެއަށް ހަރަކާތްތައް ގެންދެވުނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.

އަލިބެ ވިދާޅުވީ ދިރާގު ކޭބަލް އެންޑް ވަޔަރލެސްގެ ގޮތުގައި އޮތް ދުވަސްވަރު އެ ޖަމިއްޔާއަށް 4 ވޯކީ ޓޯކީ ސެޓު ދިން ކަމަށާއި އެކަންވެސް ވެގެން ދިއައީ ވަރަށް ބޮޑު އެހީތެރިކަމަކަށް ކަމަށެވެ. އަދި އެއިގެ ފަހުން މާލީ އެހީތެރިކަންވެސް ލިބެމުން އައިސްފައިވާ ކަމަށެވެ.

އަލިބެ ވިދާޅުވީ ރާއްޖޭގައި އެތްލެޓިކްސް ކުރިއަރައިގެން އައީ ދިރާގާއި އެހެންވެސް ކުންފުނިތަކުގެ އެހީތެރިކަމާއިއެކުގައި ކަމަށާއި ދައުލަތުން ދޭ ބަޖެޓު ވަރަށް ކުޑަ ކަމަށާއި އެއަށް ބަރޯސާވެގެން ތިބިނަމަ މިއަދު ލިބިފައިވާ ކުރިއެރުން ނުލިބޭނެ ކަމަށެވެ. މިއަދު ދިވެހި އެތްލީޓުން ބޭރުގެ މުބާރާތްތަކުގައި ވާދަކޮށް ރަން މެޑެލް ހޯދާތީ އުފާކުރައްވާ ކަމަށެވެ.

ރާއްޖެއިން ބޭރަށް ހަރަކާތްތައް ކުރިއަށް ގެންދެވުނީ ޖަޕާނާއި ޗައިނާ އަދި އަރަބި ބައެއް ޤައުމުތަކުގެ އެހީތެރިކަމާއިއެކުގައި ކަންވެސް ޢަލިބެ ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން