ޒިމްބާބުވޭގެ ރައީސް މުގާބޭގެ ހުރިހާ ބާރުތަކެއް މިހާރުވަނީ ނިގުޅައިގަނެވިފައެވެ. ހުރީ ގޭބަންދުގައެވެ. އެހެންކަމާއިއެކުވެސް އަދިވެސް މަޤާމުން އިސްތއިުފާދޭން މުޤާބޭ ބޭނުމެއް ނުވެއެވެ.
އެތައް ހާސް ބައަކު މަގުތަކަށް ނުކުމެ ގޮވަމުން ދަނީ އޭނާގެ އިސްތިއުފާއަށެވެ. އޭނާގެ ޕާޓިންވެސް ބުނަމުން ގެންދަނީ އަވަހަށް އިސްތިއުފާ ދިނުމަށެވެ.
މަގުތަކަށް ނުކުންނަ ރައްޔިތުން ބުނަމުން ގެންދަނީ 37 އަހަރުގެ ވެރިކަމުން ފުދިއްޖެ ކަމަށާއި އެމީހުން ކުރިއަށް ދިއުމަށް ބޭނުންވަނީ މުގާބޭ އާއި ނުލައި ކަމަށެވެ.
މަގުތަކުން ފެންނަ އުފާވެރި މަންޒަރުތަކާއި ކަންކަމަށް ބަލާއިރު ހީވަނީ ބޮޑު ޢީދެއް އައިސްގެން އުޅޭހެން ކަމަށް ރިޕޯޓްތައް ބުނެއެވެ.