އެއްވެސް ދެމަފިރިއަކީ، މައްސަލައެއް ނުޖެހި އެކުއެކީގައި އުޅެވޭނެ ބައެއް ނޫނެވެ. މިހެން ޖެހޭ މައްސަލަތައް ބައެއް ފަހަރު މާމައްޗަށް ގޮސް، ދެންމެ ދެންމެ ދެމީހުން ވަކިވެދާނެއޭ ވެސް ހީވެއެވެ.
ނަމަވެސް ހަގީގީ ލޯބިވާ ދެމަފިރިއަކު، ޒުވާބުކޮށް ކިތަންމެ ވަރަކަށް އެމައްސަލަ ހޫނުވި ކަމުގައި ވިޔަސް، ފަހު ވަގުތުގައި އެކަކު އަނެކަކަށް މާފުކޮށް އެކަކު އަނެކަކާއިއެކު ދިރިއުޅުމާއިގެން ކުރިއަށް ދެއެވެ.
ދާދި ފަހުން އިންޑިއާގެ ޖާންސީގައި ވެސް މިވަނީ އެފަދަ ކަމެއް މެދުވެރިވެފައެވެ. ފިރިމީހާއާއި މައްސަލައެއް ޖެހި، އޭނާ ދެކެ އިންތިހާއަށް ރުޅިއައިސްގެން، އަނބިމީހާ އެމައްސަލަ ފުލުހުންނާއި ހަމައަށް ވެސް ގެންދިޔައެވެ.
ފުލުހަށް ގޮސް ޝަކުވާއެއް ހުށަހެޅިކަމުގައި ވިޔަސް، ފިރިމީހާ ގަސްތުކޮށްގެން ހުރީ އަނބިމީހާގެ ރުޅިމަޑުކުރުވާ، އެދެމަފިރިންގެ ދެމެދު ހިނގި ދެބަސްވުން ހަނދާން ނައްތާލުމަށެވެ.
އެެހެންކަމުން އޭނާގެ ލޯބިވާ އަނބިމީހާ ރުއްސުމަށްޓަކައި އެފިރިހެން މީހާ ލޯބީގެ ލަވައެއް ކިޔަންފަށައެވެ. އަނބިމީހާއަށް އޭނާ ކިޔާ ދިނީ ފިލްމު "ބަދްލާޕޫރް" އަށް އާތިފް އަސްލަމް ކިޔާދީފައިވާ "ނާ ސީކާ މޭނޭ ޖީނާ، ތެރޭ ބިނާ ހަމްދަމް" މިލަވައެވެ.
އޭނާ މިލަވަ ކިޔާދޭއިރު ބަޔަކު ވަނީ އެމަންޒަރު ވީޑިއޯ ވެސް ކޮށްފައެވެ. ވީޑިއޯ އިން ފެންނަނީ، ފިރިހެން މީހާ ލަވަ ކިޔަން ފަށާތާ އިރުކޮޅެއް ނުވެ އަނބިމީހާގެ ރުޅި މަޑުވެ، ފިރިމީހާ ގައިގާ ވަރަށް ލޯބިން ބައްދާލާ މަންޒަރެވެ.